މާލޭގެ މޭޔަރުކަން ޑރ. މުޢިއްޒަށް! އެމްޑީޕީއަށް ބޮޑު ޝޮކެއް! ހުތުރު ބޮޑު ބައްޔެއް!

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ބޮޑުންނާއި ކުދި ބޭކަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ވަރަށް ވަރުގަދައަށް ވަރަށް ލަދުހަޔާތްކުޑަ އިބާރާތްތަކުން އެންޓިކެމްޕޭން ކުރައްވަމުން ގެންދެވިކަމަށް ވިޔަސް، އަދި އެކަމަށް އެލެކްޝަންސް ކޮމިޝަނުން ބީރުކަންފަތެއް ދީގެން ތިއްބަސް، ރައްޔިތުން ނިކުމެ މާލޭގެ މޭޔަރުކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުޢިއްޒު، ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކޮށްފިއެވެ.

މާލޭގައި އަލިފާން ބޯޅަ ނުއުކައި ތަންތަނުގައި ބޮޑުހުޅު ނުޖަހައި ދަގަނޑު ބުރުރިތައް ހިފައިގެން ކޮޅުކޮޅަށް ނުދުވައި މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ނުޖައްސައި ތިބި އަބުރުވެރި ރައްޔިތުން އެބައި މީހުންނަކީ ކުލަ ހުވަފެންތަކަށް އަބަދު އަލިވިލޭތަން ދެކެން ބޭނުން ނުވާ އަދި ގަމާރު ބައެއްނޫންކަން އެމްޑީޕީއަށާއި މުޅިރާއްޖެއަށް ހޮނިހިރު ދުވަހު ހާމަކޮށް ދައްކައިފިއެވެ. މާލޭގެ ރައްޔިތުން އަޑުގަދަނުކޮށް ހައިޖާނު ނުއުފައްދައި ވޯޓުން އެމްޑީޕީއަށް ނޫނެކޭ ބުނެފިއެވެ. ހަގީގަތުގައި އެމީހުން އެމްޑީޕީއަށް ދިނީ ވަރަށް ވަރުގަދަ ތަފާލެކެވެ.

ޑރ. މުޢިއްޒު މާލޭގެ މޭޔަރުކަމަށް އިންތިޚާބު ވުމަކީ އެމްޑީޕީގެ މެއަށް ހެރުނު ތޫނު ކަށްޓެކެވެ. އެކަމަކު މުޢިއްޒަކީ ވަރަށް ހިތްތިރި ބޭފުޅެކެވެ. ކާމިޔާބީއަށްފަހު ޕީޕީއެމް އޮފީހުގައި ދެއްވި ފުރަތަމަ ބަޔާނުގައި ވެސް މާތްރަސްކަނލާންގެ ރަސްކަންފުޅަށް ޙަމްދާއި ޝުކުރުދެންނެވިއެވެ. އަދި މާލޭގެ ރައްޔިތުންނަށް ވެސް ޝުކުރުދަންނަވައި، މަގާމާ ހަވާލުވެވަޑައިގަތުމާއެކު ވައުދު ފުއްދެވުމުގެ ބުރަ މަސައްކަތް ފަށްޓަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ރައީސް ޔާމީން ކުރެއްވީ ފަސްއަހަރުގެ ވެރިކަމެކެވެ. އެމްޑީޕީއަށް ވެސް ދެ ދައުރުން ނަމަވެސް ފަސް އަހަރު ވެރިކަމެއް ކުރެވިއްޖެއެވެ.

ބޮޑެތި ވައުދުތަކާއި ކުލަ ހުވަފެންތަކާއެކު ރައީސްކަމަށް ވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު، ފެންނަނީ ރައީސް ޔާމީނު ފެއްޓެވި ބޯހިޔާވަހިކަމުގެ މަޝްރޫޢުން ސަލާމަތްނުވެވިގެން އުޅުއްވާތަނެވެ. ފުލެޓު ބަހާނެ ގޮތެއް، ފުލެޓުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލު ނުކުރެވިގެން އުޅުއްވާތަނެވެ. އެކަމުން ދައްކައިދެނީ ސަރުކާރުގެ އިންސާފެއްނެތްކަމާއި އަނިޔާވެރިކަމާއި ހިންގުންތެރިކަމެއް، ރޭވުންތެރިކަމެއް ނެތްކަމެވެ.

އެމްޑީޕީއަކީ ބޯހިޔާވަހިކަމުގެ މާގަދަ ބައެއްނަމަ، ވެރިކަމާ ހަވާލުވެ މާލޭ ސަރަހައްދުގެ މީހުންނަށް ދޭން ކޮތަރުކޮށިވަރު ކުޑަވާނެކަމަށް ބަލައި ގެރިކޮށިވަރުގެ 15 ހާސް ފުލެޓުގެ މަޝްރޫޢެއް ނުފެއްޓެވީ ކީއްވެގެން ހެއްޔެވެ؟ ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައިރު ކުރީ ދައުރުގައި ޓާޓާއަށް ”ހަދިޔާ“ ކުރެއްވި ބިންބިމުގައި ވިލާތަކުގައި އަޅައިގަންނަވަރުގެ އުސް ޓަވަރުތަކުގެ ބިނާގެ ބިންގާ ނޭޅުއްވިގެން އުޅުއްވަނީ ކީއްވެގެން ބާވައެވެ! މާލޭގެ ހުޅަނގު ފަރާތުގައި އަޅާ ބުރިޖުގެ މަސައްކަތް ދާލެއް ބާރުކަމުން ހެއްޔެވެ؟ ނޫންނަމަ ސަރުކަރުން އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ދާލެއް ބާރުކަމުން ހެއްޔެވެ؟

އެމްޑީޕީއަށް އަބަދު ސިޓީ ކައުންސިލް ދީގެން ތިބޭ އައްޑޫ ރައްޔިތުން ވެސް ހޮނިހިރު ދުވަހުގެ ވޯޓުގައި އެމްޑީޕީގެ ސްޕަ މެޖޯރިޓީ ދުއްވާލައިފިއެވެ. އެމްޑީޕީ އަތުން ސިޓީ ކައުންސިލުގެ ހަ ގޮނޑި ބީވެގެން ހިނގައްޖެއެވެ. އަދި މާލޭގެ މެޖޯރިޓީ ބޮޑު ތަފާތަކުން ޕީޕީއެމް އިން ހޯދައިފިއެވެ. މިއީ 2011 ވަނަ އަހަރު ކައުންސިލަރުން އިންތިހާބު ކުރަން ފެށި ފަހުން މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ ސްޕަ މެޖޯރިޓީ ކޮންމެ އަހަރަކު ވެސް އެމްޑީޕީން އައީ ހޯދަމުންނެވެ.

ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ސިޓީ ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބުން އައްޑުއާއި މާލެއިން އެމްޑީޕީ ސިއްސައިގެންދާވަރުގެ ނަތީޖާއެއް ހޯދުމުގެ އިތުރަށް ރާއްޖޭގެ އެހެން ބައެއް ރަށްރަށުން ވެސް ޕީޕީއެމް ދަނީ އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. އެގޮތުން ހއ. އިހަވަންދޫގެ ހުރިހާ ގޮނޑިއެއްވެސް ޕީޕީއެމުން ހޯދައި އެމްޑީޕީގެ ލަގޮނޑިތަކަށް ގުޑުން އަރުވައިފިއެވެ.

ހޮނިހިރު ދުވަހު ވޯޓު ލެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ގޮޑި 60 ޕަސެންޓަށް ވުރެ މަތިން އެމްޑީޕީގެ ކެންޑިޑޭޓު އަނަސް ޢަބްދުއްސައްތާރު ހޯއްދަވާނެ ކަމަށާއި ކައުންސިލް އިންތިޚާބު ވެސް ބޮޑުތަނަކުން ކާމިޔާބު ކުރާނެކަމަށެވެ. ނަމަވެސް ފެންނަމުންދާ ނަތީޖާއިން ހާމަވަމުންދަނީ އެމްޑީޕީ ލަދުވެތި ގޮތަކަށް ބަލިވަމުންދާތަނެވެ. އެމްޑީޕީން ހެދި ސިޔާސީ މަޅިފަތީގައި ޕާޓީ ބެދި ގޮތް ހުސްވެފައިވާތަނެވެ.

އާދީއްތަ ދުވަހަށް އަލިވިލުނީ ރަންރީނދޫ ފަތިހަކަށް ނޫނެވެ. އެމްޑީޕީއަށް ހައިރާންކަމާއި މާޔޫސްކަމުން ފުރިފައިވާ ފަތިހެއްގެ ގޮތުގައެވެ. މާލޭގެ ރައްޔިތުންނަށް އުއްމީދީ ފަތިހެއްގެ ގޮތުގައެވެ. އެމީހުންގެ އުއްމީދުތައް ގުޅިފައިވަނީ،

ޑރ. މުޢިއްޒާއެކުގައެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ލޮލުންނާއި ބޮލުން ގަބޫލުކޮށް ދެއްކީ މާލޭގެ ޒަމާނީ ތަރައްގީއަށް ޑރ. މުޢިއްޒު ފާއިތުވެދިޔަ ތާނގައި ކޮށްދެއްވި ޚިދުމަތުގެ އަގެވެ. އަދި ފެނިގެން ދިޔައީ އެމްޑީޕީގެ ބޮޑުންނާއި ކުދި ބޭކަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ޑރ. މުޢިއްޒާ ދެކޮޅަށް ކުރެއްވި ލަދުހަޔާތްކުޑަ އެންޓިކެމްޕޭން އަމިއްލަ އުނގަށް ގޮވިތަނެވެ.

ހައްދަވާ ބޮޑުކުރެއްވި އިލާޙުގެ ކުޅަދުންވަންތަކަން މާބޮޑެވެ.

 

Loading

2 Responses

  1. އަންނިގެ ނޭއްގާނީ ސިޔާސަތު ބަދަލުކުރަން ޖެހެއެވެ. އެނޫނީ އެމްޑީޕީ އަދިވެސް ބްލީޑް ވާނެއެވެ. ދެން ކޯލިޝަން ހަދައިގެނޭ ކިޔާފައި އެތިބި ބޮއްކުރާތަށްވެސް ބަންޑުންވާނެއެވެ. ދޮގާ އޮޅުވާލުމާއި މަކަރާއި ޙީލަތާއި 48 ގަޑިއިރަށްވީމަ ރަށްރަށަށް އެ އަރުވާ ބްލެކްބޮސް އިން ބޭނުން ހުރިހާކަމެއް ނުފުށްދޭނެއެވެ. ރަށްރަށުގައި ތިބި ކަމުވޮށިގެންވާ މީހުން އެއީ ނެތްބައެއްކަމުގައި ދެކެ އަންނި ބޭނުން މީހަކު އެމްޑީޕީ ގެންގުޅެ ޚުދުމުޚތާރު ”ޑިމޮކްރެސީ“ގެ ތެރެއިން ނެރެގެން އެރަށްރަށުގެ ގަދަރު ހުރި ބޮޑެތީފެމިލީތަކަށް ގޮން ޖަހައި މާލެ ސިޓީގެ ރައްޔަތުންނަށްވެސް ”ބޯން‘ ދީގެނެއް މިއަދަކު ރިސަލްޓެއް ނުނެރެވޭނެކަށް އެއޮތީ ބުނެފައެވެ.
    ދެން ހަމަ އެންމެރަނގަޅީ އާނަސް އެބުނިހެއްނ ބަލިގަބޫލުކޮށް ރައްޔަތުމީހާ އަކީ އަބުރުވެރިއެއްގެ ގޮތުގައި ހިތުމެވެ. ނޭންގާނީ ދިމާކުރާ ހަޔާތްގޮވާ ރޭރުވާލާ އެމްޑީޕީގެ ސިޔާސަތް ބަދަލުކުރުމެވެ. އެނޫނީ 2023 ގައި 30% ވެސް ނުލިބޭނެކަން ޔަގީނެވެ. ވަރަށް ވާހަކަ މިބުނީ…..

Leave a Reply to ބިން ޙައިދަރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް