ކައުންސިލް އިންތިޚާބު: މެންދުރު ކުރިން ހާމަވެގެން ދިޔައީ ވޯޓުލާން ރައްޔިތުންގެ ޝައުގުވެރިކަމެއް ނެތްކަން

Loading

Facebook
Twitter
WhatsApp

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ހެނދުނު 7.00 އިން ފެށިގެން ކުރިއަށްދާއިރު މެންދުރު ކުރިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ވޯޓުލާން ނިކުތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުކަމެވެ.

އެލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު މެންދުރު ކުރިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވޯޓުލާފައިވަނީ އެންމެ 17 ޕަސެންޓު މީހުންކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހެނދުނު ވޯޓުލެއްވުމަށްފަހު މީޑިއާގެ ބޭފުޅުންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވީހާ ގިނަ ބަޔަކު ނިކުމެ ވޯޓު ދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި މާލޭގެ މޭޔަރުކަމުގެ ގޮޑި އެމްޑީޕީގެ ކެންޑިޑޭޓު 60 ޕަސެމްޓުގެ އަޣުލަބިއްޔަތުން ކާމިޔާބު ކުރައްވަނެކަމަށާއި އިންތިޚާބު ބޮޑުތަނަކުން އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ދަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް މުހިންމު ބައެއް ފިޔަވަޅުތައް އަޅައިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު ވިދާޅުވި ގޮތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު 100 ޕަސެންޓަށް ރައްކާތެރިއޭ ވިދާޅުނުވެވޭނެ ކަމަށެވެ.

”90 ޕަސެންޓު ރައްކާތެރިއޭ ބުނެވިދާނެ.“ އޭނާ ވިދާޅުވިއެވެ.

ޝަރީފު ވަނީ މިނިވަންކަމާއި ރައްކާތެރިކަމާ އެކު ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީންނެވެ. ދެން ޕީޕީއެމްއިންނެވެ. ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްޑީއޭ، އެމްއާރްއެމް، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީއިން ވެސް ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ވެސް ވާދަކުރެއެވެ.

އިންތިހާބުގައި ޖުމްލަ 701 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ މާލެ ސީޓީގައި 242 ފޮށި، އަތޮޅުތަކުގައި 325 ފޮށި، ރިސޯޓުތަކުގައި 137 ފޮށި، ޖަލުގައި 4 ފޮށި އަދި
އިންޑިއާގައި އެއްފޮށްޓާއި ލަންކާގައި އެއްފޮށްޓެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،128 މީހުންނަށެވެ.

ރަށު ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހެނީ 918 ބޭފުޅުންނެވެ. އޭގެތެރެއިން 370 ކައުންސިލަރުންނަކީ އަންހެން ބޭފުޅުންނެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސުންގެ ގޮތުގައި 18 ބޭފުޅުން ހޮވަންޖެހެއެވެ. ސިޓީތަކުން ހޮވަން ޖެހެނީ 46 ކައުންސިލަރުންނެވެ. އޭގެތެރޭގައި ހަތަރު މޭޔަރުންނާއި އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ 14 މަގާމު ހިމެނެއެވެ.

ވޯޓުފޮށިތައް ބަދުކުރަން ހަމަޖައްސާފައި ވަނީ 5.00ގައެވެ. އަދި ހަވީރު 5-6 ވޯޓުލާން ހަމަޖައްސާފައި ވަނީ ކަރަންޓީނު ކުރެވިފައިވާ ފަރާތްތަކާއި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. އެމީހުން ވޯޓުލާން ދިއުމަށް ހަމަޖައްސާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމު ވަރަށް ދަށް ކަމުގައި ވިދާޅުވެ، ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީޙު ޖަމާލު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ވޯޓުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން މަލީޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަން ފެއިލް ވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދުއްތުރާ ވާގޮތަށް އިންތިޚާބު ނުބޭއްވުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް