ރޯދަ މަހު ހުއްދަ ނުހޯދައި ޢުމްރާއަށް ދާ މީހުން 10 ހާސް ރިޔާލުން ޖުރިމަނާ ކުރަން ސައުދީ ސަރުކަރުން ނިންމައިފިއެވެ.
ސައުދީ އަރަބިޔާގެ ހައްޖާއި ޢުމްރާގެ ކަންތަކާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ރޯދަމަހު ޢުމުރާ ކުރުމުގެ ހުއްދަ ދޭނީ ކޮރޯނާ ވައިރަހުން ދިފާއުވާން ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ. އެފަދަ މީހުންނަށް ވެސް ޢުމްރާ ފުރިހަމަ ކުރަން ދެވޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެންނެވެ.
ސައުދީ އަރަބިޔާގެ ދާޚިލީ ވުޒާރާއިން ބުނިގޮތުގައި ރޯދަ މަހު ޙަރަމަށް ޝަރީފަށް ވަނުންވެސް ވަނީ މަނާކޮށްފައެވެ. އަދި މަސްޖިދުއްލްޙަރަމްއާއި މަސްޖިދުއްނަބަވީގައި ނަމާދުކުރުމަށް ވެސް ހުއްދައެއް ހޯދަން ޖެހޭނެއެވެ. އެ ހުއްދަ ލިބޭނީ ކޮރޯނާ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ. ސަރުކާރުގެ އަމުރާ ޚިލާފުވާ މީހުން ޖުރިމަނާ ކުރަން ހަމަޖައްސާފައިވަނީ އެއްހާސް ރިޔާލުންނެވެ.
ސައުދީ އަރަބިޔާގެ ދާޚިލާ ވުޒާރާއިން ބުނީ މި ފަދަ ފިޔަވަޅުތައް އެޅުމަށް ސަރުން ނިންމީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ. ހަމައެޔާއެކު ސަރުކާރުން ހަމަޖައްސާފައިވާ ގަވައިދުތައް ތަންފީޒުކުރުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅައި ފޯރީމެރުމުގެ ކަންތައްތައް ވަރުގަދައަށް ކުރަމުންދާނެއެވެ. އަދި ގަވައިދާ ޚިލާފުވުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ނުދެވޭނެއެވެ.
ދާޚިލީ ވުޒާރާއިން ވަނީ ސައުދީ ރައްޔިތުންނަށާއި ބޭރު މީހުންނަށް ވެސް ޢުމުރާގެ އަޅުކަން ފުރިހަމަކުރުމަށާއި މަސްޖިދުލްޙަރަމާއި މަސްޖިދުއްނަބަވީގައި ނަމާދުކުރުމަށް ބޭނުންވާ ހުއްދަ ހޯދަން އިލްތިމާސްކޮށްފައެވެ. އަދި ގަވައިދާ ޚިލާފުވާމީހުން ބަލައި ހުއްޓުވައި ފިޔަވަޅުއަޅަމުން ދާނޭކަމަށް ވެސް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.