މީޑިއާތައް ޖޫރިމަނާކުރުމާއި، ސަފާރީ ރޭޕް ކޭސްއާ އެއްވެސް ގުޅުމެއް ނެތް: ރޮޒައިނާ

Loading

Facebook
Twitter
WhatsApp

މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު ހަދަން އެންގީ ސަފާރީ ރޭޕް ކޭސްގެ މައްސަލައާ ގުޅިގެން ނޫން ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީންގެ މުގައްރަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވި ސިޓީގައި އެދިފައިވަނީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދު އެކުލަވާލައި މިދިޔަ ބުދަ ދުވަހުގެ ކުރިން ފޮނުވުމަށެވެ. އެ ގޮތަށް އެކުލަވާލާ ގަވާއިދާ ހިލާފުވާ މީޑިއާތައް 2،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް މީގެ ކުރިން އެމްއެމްސީން ފާހަގަ ކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެ އެވެ.

އެގޮތުން މީޑިއާތަކުގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު އެ ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު އެކުލަވާލައްވައި، އެ ގަވާއިދު މިމަހުގެ އަށް ވަނަ ދުވަހު، އެ ކޮމެޓީއަށް ފޮނުވުމަށް ވެސް އެދިފައިވެ އެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީޑިއާއަކުން ދޮގު ހަބަރު ފެތުރުމުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ގަވާއިދެއް ހެދުމުގެ ވާހަކަ މަޖިލީހުގެ ކޮމިޓީގައި ދައްކާފައި އޮންނާނީ ރޭޕް ކޭސްއަކާ ގުޅިގެން ނޫން ކަމަށެވެ. އެއީ ކޮވިޑް-19 އާ ގުޅޭ ދޮގު ވާހަކަތަކެއް ބައެއް މީޑިއާތަކުން ފެތުރުމުން އެމްއެމްސީއާއެކު ބޭއްވި ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކެއް ކަމަށެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، އެކަމާއި ގުޅިގެން އެ ދުވަހު ކޮމެޓީގައި މީޑިއާ ކައުންސިލުން ބުނީ އެގޮތަށް ގަވާއިދު ބަދަލުކުރުމަށް ފަހު ކޮމެޓީއަށް ހިއްސާކުރާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް