މާދަމާ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަަމަ މެޗުގައި ކްލަބް އީގަލްސް ނިކުންނާނީ ބޫޓާންގެ ތިމްޕޫ އާއި ދެކޮޅަށެވެ.
މިއީ ކްލަބް އީގަލްސްގެ ތާރީހުގައި އެ ޓީމުން އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއްގައި ކުޅެފައިވާ ކުޅުންތެރިންނެވެ. އީގަލްސް އިން މި ފަަހަރުގެ އޭއެފްސީ ކަޕްގައި ކުޅެނީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ލީގުގެ ރަނަރަޕް ޓީމްގެ ގޮތުގައެވެ.
މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގެ މީޑިއާ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓީމަށް އިރުޝާދުދޭ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއީ އީގަލްސް އަށް އޭއެފްސީ ކަޕްގައި ފުރަތަމަ މެޗު ކަމަށް ވިޔަސް އީގަލްސްއާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ.
މީގެ އިތުރުން ޝާޒް ބުނީ މީގެ ކުރިން އޭއެފްސީ ކަޕްގައި ދިވެހި ޓީމުގެ ވިސްނުމަކީ ކުޅެލައި ތަޖުރިބާތަކެއް ހޯދުން ކަމަށާއި މިހާރު ރާއްޖޭގެ ފުޓްބޯޅަ ކުރިއަަރައިގެން ގޮސް ޓީމުތަކުގެ ވިސްނުން ހުންނަނީ އޭއެފްސީ ކަޕްގައި ވެސް ނަތީޖާ ނެރުމަށް ކަމަށެވެ.
ކްލަބް އީގަލްސްގެ ކުޅުންތެރިންގެ އެދުމަކީ ދަނޑަށް ނާދެވުނު ކަމުގައި ވިޔަސް ގޭގަ ތިބެގެންވެސް ޓީމަށް ސަޕޯޓް ކޮަށްދިނުމެވެ. ހަމަ މިއާއެކު ކުޅުންތެރިން އީގަލްސްގެ ނަމުގައި ނިކުތްކަމުގައި ވީނަމަވެސް މިއީ ރާއްޖެ ތަމްސީލް ކުރަން ނިކުންނަ މެޗެއް ކަމުގައި އީގަލްސްގެ ކުޅުންތެރިން ވަނީ ފާހަގަކުރައްވާފައެވެ. ހުރިހާ ކުޅުންތެރިންގެ ފޯކަސް އަކީ މި މެޗް އިން މޮޅުވެ އޭއެފްސީ ކަޕްގެ ދެންހުރި މެޗްތަކުންވެސް ކުރިއަށް ދިޔުމެވެ.
އީގަލްސް އާއި ތިމްޕޫ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.