ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްގެ ވެކްސިން 1149 މީހަކު ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީ އިން ބުނީ އިއްޔެ 1149 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާއިރު، އިއްޔެ ދެވަނަ ޑޯޒް ދިނީ ފެބްރުއަރީ ފުރަތަމަ ދުވަހާއި ހަތަރުވަނަ ދުވަހާ ދެމެދު ވެކްސިން ޖެހި މީހުންނަށެވެ. މިއަދު ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީ 01 އިން 07 އަށް ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.
ދެވަނަ ޑޯޒުގެ ވެކްސިން ދޭންފަށާފައިވަނީ އިއްޔެއެވެ. ޥެކްސިންގެ ދެވަނަ ޑޯޒް ދެނީ މާލެ ސަރަހައްދުގައި އެކަންޏެވެ.
ވެކްސިން ޖެހުން ގްރޭޓާ މާލެ ސަރަހައްދުގައި ފަށާނީ މިއަދުވެސް ހެނދުނު 10:00 ގައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ކުރިއަށް ގެންދަނީ ސޯޝަލް ސެންޓަރާއި، ނޭޝަނަލް އާޓްގެލެރީ އާއި ސެނަހިޔާގައެވެ. ހުޅުމާލޭގައި ވެކްސިން ދިނުން ކުރިއަށް ގެންދަނީ ހުޅުމާލޭ ވެކްސިނޭޝާން ސެންޓަރުގައެވެ. ވިލިމާލޭގައި ވެކްސިން ދިނުން ކުރިއަށް ގެންދަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ފަށާފައި ވީނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިން ދިނުން މިހާރު ވެސް ކުރިއަށް އެބަދެއެވެ. ފުރަތަމަ ޑޯޒްގެ ވެކްސިން ދިނުން ވެސް ކުރިއަށް ގެންދަނީ ހަމަ ހެނދުނު 10:00 އިން ހަވީރު 15:00 އަށެވެ.