"އިޒުރޭލާ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރެވުނީ އެމްޑީޕީ ވެރިކަމުގައެވެ."

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ރަންރީނދޫ ފަތިހަކަށް އަލިވިލެމުން ގޮސް ދުނިޔޭގައި އޮތް އެންމެ ބޮޑު ޔަހޫދީ ދައުލާތާ ދިވެހިރާއްޖެ، ސިޔާސީ ގުޅުން ބަދަހިކުރުމުގެ ވަގުތު ކުޑަތަން ވަނީހެން ހީވާން ފަށައިފިއެވެ. އެކަން ކުރަންވީ ގައުމަށް ފައިދާ ބޮޑު ވާނެ ކަމެއްކަމަށް ބުނެއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރުމުގައި ޢަރަބި މުސްލިމު ގައުމުތަކުގެ ސިޔާސަތު ރާއްޖެއިން ނަމޫނާއަކަށް ބަލާފައިވެއެވެ. މުސްލިމު ގައުމުތަކޭ ބުނެ ޢަރަބި ގައުމުތަކުން ކަންތައް ކުރާގޮތަށް އެ ފިޔަވަޅު މަތީގައި ހިނގަން މަސައްކަތްކޮށްފައި ވެއެވެ.

އަރަބި ބައެއް ގައުމުތަކުން އިޒުރޭލާ ސިޔާސީ ގުޅުން ބަދަހިކޮށްފިއެވެ. މުސްލިމް ގައުމުތަކުގެ ”އިމާމު“ ކަމަށް ބަލާ ސައުދީ އަރަބިޔާއިން ދަނީ އިޒުރޭލާ ގުޅުން އުފެއްދުމަކީ ސަރަހައްދަށް އޮތް ފައިދާއެއްކަމަށްބުނެ އަޑު ފަތުރަމުންނެވެ. ކަން މިހެން އޮތުމުން ދިވެހިރާއްޖެއިން ޒަމާނުއްސުރެ، އިޒުރޭލާ މެދު ދެކެމުން އައި ”ޝައިޠާނީ ސޫރަ“ ބަދަލުކޮށް މުސްލިމުންނަށް އަނިޔާވެރި ”ޝައިޠާނާއަކީ މިތުރެއް“ ކަމަށް ބަލައި ”ޝައިޠާނާގެ ލެއިން“ ރާއްޖޭގެ ކަނޑުތަކާއި ބިންތަކަށް އާރޯކަން ގެނެސް އިގުތިސާދީ ފައިދާ ނުނަގަންވީ ކީއްވެގެންހެއްޔެވެ؟

ސައުދީ އަރަބިޔާ އޮތީ އެމެރިކާގެ މުށުތެރޭގައެވެ. ސައުދީ އަރަބިޔާގެ ސަރުކާރު ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވި ޕްރިންސް މުޙައްމަދުގެ ކަރުފުޅުގައި ވަނީ އެމެރިކާއިން މަޅިޖަހާފައެވެ. އެމެރިކާ ބޭނުން އިރަކުން އެމަޅިއަށް ވާންކޮށް، ދަންޖައްސާލެވިދާނެއެވެ. ސައުދީ އަރަބިޔާއަށް ވަނީ އެމެރިކާ ޖެހިހާ ބެރަކަށް ނަށަންޖެހިފައެވެ. ޢަދުނާނު ޚަޝޯޤްޖީގެ މަރުގެ މައްސަލާގައި ސަޢުދީ ވަލީ ޢަހުދު ވަނީ ކުޑަކަކުލަށް ތިރިވެފައެވެ.

ސައުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުޙާން ވިދާޅުވިގޮތުގައި އިޒުރޭލާ ގުޅުން ބަދަހި ކުރުމުން މުޅި ސަރަހައްދަށް ފައިދާ ކުރަނެއެވެ.

އޭނާ ވިދާޅުވިގޮތުގައި ސައުދީ އަރަބިޔާ އިޒުރޭލާ ގުޅުން ބަދަހިކުރާނީ އިޒުރޭލާއި ފަލަސްތީނުގެ ގުޅުމުގެ މައްޗަށް ބަލާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެކި ގައުމުތަކަށް އެކިގޮތްގޮތަށް ވަރަށް ބޮޑަށް ނުފޯޒު ފޯރުވައިގެން އިޒުރޭލާ ސިޔާސީ ގުޅުން ގާއިމުކުރުވުމަށް މަޖުބޫރުކުރުވިއެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމެރޭޓްސްއާއި ބަހުރޭންއާއި މޮރޮކޯއާއި ސޫދާން ހިމެނެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ފަހުކޮޅު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ކުއްލި ދަތުރު ފުޅެއްގައި ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ވެސް އުޅެނީ އިޒުރޭލާ ސިޔާސީ ގުޅުން ބަދަހިކުރަންކަމަށް ހީކުރި ބަޔަކު ރާއްޖޭގައި ތިއްބެވެ.

އިޒުރޭލަކީ އިޒުރޭލު އޮތް ތަނުގައި ”ނަހަލާލު“ ދަރިއެކެވެ. އިނގިރޭސީންނާއި އެމެރިކާގެ ދޮންދަރިއެކެވެ. އަރަބީންނާއި އިޒުރޭލާ ދެމެދު 1967 ގައި ހިނގި ހަނގުރާމައިގައި އިޒުރޭލުން ފޭރިގަތް އަރަބީންގެ ބިންތައް އެމެރިކާއާއި ހުޅަނގުގެ ބާރުގައި މިހާރު ވަނީ އިޒުރޭލުގެ ”ހަލާލު“ ބިމަށް ހަދާފައެވެ. އެ ބިންތަކާ ގުޅޭ ގޮތުން އދ. އިން ފާސްކުރި ގަރާރުތަކަށް އިޒުރޭލުން ބޮލެއް ނުލެނބިއެވެ. އިޒުރޭލަށް ހިތްވަރުދެނީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުންނެވެ.

އިޒުރޭލަކީ ބޮޑު ގައުމެއް ނޫނެވެ. އިޒުރޭލަކީ އެންމެ 10 ވަރަކަށް މިލިއަން މީހުންގެ ގައުމެކެވެ. ދުނިޔޭގެ ގިނަ ޔަހޫދީން ތިބީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައެވެ.

އިޒުރޭލާ ދެކޮޅަށް އަޑުއުފުލާ ކޮން މީހަކާއި ގައުމެއް އެމެރިކާއާއި ހުޅަނގުން ގުޅިގެން ފުނޑުފުނޑުކޮށް ނައްތާލައެވެ. އިރާގުގެ ރައީސް ޞައްދާމު ޙުސޭންއާއި ލީބިޔާގެ ލީޑަރ ކާނަލް ޣައްޛާފީ ނައްތާލައްވައި އެ ދެ ގައުމު އެމެރިކާއާއި ހުޅަގުގެ ގައުމުތަކުން ފުނޑުފުނޑުކޮށްލީ އިޒުރޭލުގެ ހައްގުގައެވެ. ސީރިޔާ އިނދަޖައްސާފައި ވަނީ އިޒުރޭލުގެ ބިމުގެ ދިފާއުގައެވެ. އީރާނު ބިކަކުރަމުން ދަނީ ހަމަ އިޒުރޭލުގެ ސަލާމަތަށްޓަކައެވެ.

”ރަށްވެހި“ ފަތިހަކަށް އެދޭ ގޮތަށް ”ޝައިޠާނީ އިޒުރޭލާ“ ގުޅުން ބަދަހިކުރަން އެދޭ ބަޔަކު މިގައުމުގައި އެބަތިއްބެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު އިޒުރޭލާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުނުކުރެވުނަސް ޔަހޫދީންނާއި ރާއްޖެއާ ގުޅުން ބަދަހިވަމުން ދިޔައެވެ. އެކިއެކި ކޭމްޕްތައް ބާއްވައިގެންނެވެ. ރައީސް ނަޝީދުގެ ކުއްލި އިސްތިއުފާއިން އެގުޅުން ކުއްލިއަކަށް ވަޅުޖެހުނެވެ.

ރާއްޖޭގައި މިއަދު އޮތީ އެމްޑީޕީގެ ވަރުގަދަ ވެރިކަމެކެވެ. ޖަޒީރާ ރާއްޖެ ދަނީ ރަށްވެހި ފަތިހަކަށް އަލިވިލެމުންނެވެ. މިއީ އިޒުރޭލާ ގުޅުން ބަދަހިކުރަން ރަނގަޅު ދަނޑިވަޅަކަށް ނުވާނެ ބާވައެވެ!

އެމްޑީޕީގެ ދެ އަހަރުގެ ވެރިކަމުގައި ރާއްޖޭގެ ޚާރިޖީ ދާއިރާ ވަރަށް ވަރުގަދަ ވެއްޖެއޭ ބުނާ އަޑު އިވެއެވެ.

އިޒުރޭލާ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރުމުން ކޮންމެ ފަދަ ނަތީޖާއެއް ނިކުތަސް އެކަން ކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށް ވާނަމަ އެ ވާހަކަ ތާރީޚުގައި ލިޔެވިގެންދާނެއެވެ. މިފަދައިންނެވެ. ”އިޒުރޭލާ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރެވުނީ އެމްޑީޕީ ވެރިކަމުގައެވެ.“

މިއީ އެމްޑީޕީއަށް ލިބޭ އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢާބްދުﷲ ޝާހިދަށް ލިބިވަޑައިގަންނަވާ ފަޚުރަކަށް ނުވާނޭ ހެއްޔެވެ؟

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް