300 މީހުން މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވެއްޖެ

129

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާޢްޖެ އިން އިތުރު 300 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހައިތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 94 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 96 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 95 މީހުންނާއި ރިސޯޓްތަކުން 15 މީހުން މިއަދު ފައްސިވިއެވެ.

އިއްޔެ ރާއްޖެ އިން 241 މީހަކު ކޮވިޑަށް ފައްސިވިއެވެ. އިއްޔެ އަކީ އެހައިތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު އަނެއްކާވެސް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވިއިރު މާލޭގައި ކާފިއު އުވާލައި، ވަރަށް ގިނަ ފިޔަވަޅުތަކަށް މިއަދު ވަނީ ލުއިތައް ދީފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިއަދު 101 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ވަނީ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ފުރަތަމަ ފަހަރަށް ތިންހާސް ހުރަސްކޮށްފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 3022 މީހުން އެބަތިއްބެވެ.

މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ނަމަވެސް ޓެސްޓް ކުރި ސުންކުތަކުގެ އަދަދު އިތުރެއް ނޫނެވެ. މިއަދު 300 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 3625 މީހުން ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 127 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ