ތިންވަނަ ގޮތެއް ޚިޔާރު ކުރުމަށް މިއަދު މަޖުބޫރު

721

މިދިވެހި ފަސްގަނޑުގައި ދިރިއުޅުން ބިނާކޮށް ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި ދިވެހިން ދިރި، ދެމި ތިބޭތާ 2،500 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، ހިސާބު އަކުރުން ދައްކަނީ ދިވެހި ގައުމު ތަރައްގީވެފައިވާ މިންވަރެވެ. ގައުމީ އުފެއްދުން ތެރި ކަމުގެ މިންގަނޑު، ބޮލަކަށް ޖެހޭ އާމްދަނީ، ލިޔަން ކިޔަން ދަތުމުގެ ޙާލަތު، ވިހާ އުމުރުގައި ކުދިން މަރުވާ ނިސްބަތް ފަދަ ހުރިހާ މިންގަނޑެއްމެ ދައްކުވަނީ މިސަރަހައްދުގައި، އަދި ކިއެއްތަ، ދުނިޔޭގެ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ކުރީ ސަފުގައި ދިވެހިންގެ ފައި ހިފަހައްޓާލާފައިވާ ތަނެވެ.

ނަމަވެސް، ގައުމުވަނީ ބޮޑު ތަނުން ދަރާފައެވެ. ޒުވާނުން ތިބީ މަސްތުގެ ޙާލުގައެވެ. އަންހެން ދަރިންނާއި، ބޮޑުދައިތާއިން، މަންމައިނާއި މާމާއިން މަގު ހިނގާ އުޅެނީ ބިރުން ތިބެއެވެ. ކޮރަޕްޝަނަށް ޒިރޯ ޓޮލަރަންސް އޮންނަނީ ކިރިޔާވެސް އިދީކީލި ބަހެއް ބުނެފާނެ ފަރާތަކަށެވެ. ފަތުރުވެރިކަން ކިރިޔާވެސް އަޑިއަޅައިލައިފި ދުވަސްވަރެއްގައި ގައުމު ކޮށްޅަށް ބަހައްޓަން ވިއްދޭނެ ކައްތިރިއެއް ތައްޔާރު ކުރެވިފައެއް ނެތެވެ.

އާ ގާނޫނު އަސާސީގެ ހިޔަލުގައި 3 އިންތިޚާބެއްބޭއްވި، 4 ސަރުކާރެއްގެ އަވާގައި ދިވެހިން ޖެހިއްޖެއެވެ. ދިވެހިންނަށް އެކަށޭނެ، ރަނގަޅު ވެރިކަމެއް ކޮށްދޭނޭ ފަރާތެއް ފާޅެއް ނުވިއެވެ. ސާފު އިބާރާތުން ވާހަކަ ދައްކަމާތޯއެވެ؟ 2008 ގައި އެމް.ޑީ.ޕީ.އަށް ވެރިކަން ޙަވާލުކުރި ނަމަވެސް މަޖިލިސް ލިބުނީ އިދިކޮޅަށެވެ. ގާނޫނު އަސާސީ ލިޔެފައިވާ ގޮތުން މަޖިލިސް ލިބިފައިނެތް ފަރާތަކަށް ގައުމު ހިންގޭކަށް ނެތެވެ. ކުރަން ގަސްދުކުޅަ ކޮންމެ ކަމަކަށް ހުރަސް އަޅައި، ރަށު ތެރެ ގަޑުބަޑުވެ، ވެރިކަން ބަދަލުވެއްޖެއެވެ. އިންތިޚާބީ ނައިބު ރައީސަށް ހުންގާނު ލިބުނު އިރު، ކައްޕީގެ ބަސް، އޮޑިއަކަށް ނުވިކެއެވެ. ސަލާމަތުން ފެންމަތީގާ ތިބެވުނީ ކިރިޔާއެވެ.

2008 އިން ފިލާވަޅު ނަގައިގެން 2013 ގައި ޕީ.ޕީ.އެމް.ގެ ވެރިކަމުގައި ފުރަތަމަ ކުޅަކަމަކީ އެމް.ޕީ.އެލް. އިން 75 މިލިއަން ޑޮލަރު ނަގައި މަޖިލިސް ގަތުމެވެ. މަޖިލިސް ލިބި، މުއައްސަސާތައް ކޮށީލައި، ފަނޑިޔާރުން ހިމޭންކޮށް، ސަލާމަތީ ބާރުތައް އަތްމައްޗަށް ގެނެވިއްޖެއެވެ. ދެން ހިނގަން ފެށީ ބޮޑެތި އަދަދުން ކޮރަޕްޝަންގެ އަމަލުތަކެވެ. ބޮޑެތި އަދަދުން އަންބޮނޑިއަށް ގިނަ ފައިސާ އެޅޭނީ ބިޔަ ބޮޑެތި ޕްރޮޖެކްޓް ހިންގައިގެން ކަމުން، ބިނާ ކުރުމުގެ ބޮޑެތި މަޝްރޫޢު ތައް ހިންގައި އެތަންތަން ފެންނާންވެސް އެބަހުއްޓެވެ. މިކޮރަޕްޝަނަށް އިދިކީލި ނަޒަރަކުން ބަލައިލިމީހެއް ވެއްޖެއްޔާ ހުރީ ޖަލުގައެވެ. ލޯޔަރުންގެ ވަކާލާތު ކުރުމުގެ ހުއްދަ ބާތިލު ކޮށްފައެވެ. މެންބަރުން ތިބީ މަޖިލިސްގެއަށް ނުވަދެވިފައެވެ. މުސްކުޅި އެއްބަފާ ބޭބެޔާއި، ކުޑައިރުއްސުރެ އެކުގައި ކޮރަޕްޝަން ދަސްކުރުމުގައި ބައިވެރިވި އެކުވެރިއެއް، ޔާރެއް، އިޔާރެއް ބެލުމެއްނެތި ނުކިއްސަރު ހުވަފެނެއް ދުށް މީހަކުނަމަވެސް ތިބީ ހައްޔަރުގައެވެ. ނޫނީ ބޮނދައެވެ.

މިގޮތެއް ރައްޔަތުންނަކަށް ކަމަކު ނުދިޔައެވެ. 2018 ގައި އަނބުރާ އެމް.ޑީ.ޕީ.އަށް ވެރިކަން ހަވާލުކޮށްފިއެވެ. ސުޕަރ މެޖޯރިޓީ އާއި އެކު މަޖިލިސްވެސް ހަދިޔާ ކޮށްފިއެވެ. ދައުލަތުގެ ހުރިހާ މުއްސަސާއެއް އެމް.ޑީ.ޕީ. އަށް ދެވިއްޖެއެވެ. ނަމަވެސް ރައްޔަތުން ހެޔޮ ނިޔަތުގައި ކުޅަ މަސައްކަތުގެ ނަތިޖާ ކަނޑުގައި އެޅުނު ރޮނގަކާ ތަފާތެއް ނުވިއެވެ.

ޕެންޑަމިކްގައި ބޭނުންކުރަން ގެންނަ ވެންޓިލޭޓަރުތަކާއި އެހެނިހެން އާލާތްތަކާއި، ގަންނަ ވިޓަމިން ސީ ގުޅައެއް ތަފާތު ނުކޮށް ކޮރަޕްޝަންގެ އަމަލުތައް ގިނަވެގެން، ގުނަވެގެން ހިނގައްޖެއެވެ. ކުށެއްގެ ބޮޑު ތުޙުމަތެއް ކުރެވޭ ފަރާތެއް ހައްޔަރުގަޔެއް ނުބެހެއްޓެއެވެ. ދައުވާ ކޮށްފިއްޔާ ޕާސްޕޯރޓެއް ނުހިފެއްޓެއެވެ. އޭ.ސީ.ސީ.އަށް ގަބޫލު ކުރެވޭ ކޮރަޕްޝަނެއް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އުންސުރު ހަމައެއްނުވެއެވެ. ފުރަތަމަ މައާފު ލިބުނީ ކުޑަކުދިންނަށް ޖިންސީގޯނާކޮށްގެން ޙުކުމް އިއްވި މީހާއަށެވެ. އަންހެނުންނަށް ޖިންސީ އެތަކެއް ފުރައްސާރައަކަށް ތުޙުމަތު ކުރެވޭ ބިޔަ ބޮޑެތި ފަރާތްތައް ވީ.އައި.ޕީ. ލައުންޖުން ފުރާވަޑައިގަންނަވަނީ ދަތުރު ނަގަހައްޓަން ސްޓޭޓް މިނިސްޓަރ ހުންނަވައިގެންނެވެ. ރައީސް މީހާއަށް އެނގުނީ ނޫސްތަކުން ހެދުނުގެ ޚަބަރުކިޔާލެއްވުމުންނެވެ. ގަލަމުގައި ދެލި ހުރިއްޔާ ލިޔަމުން ގެންދަންވީއެވެ.

ކުރިމަތީގައި އޮތީ ލޯކަލް ކައުންސިލް އިލެކްޝަނެވެ. މި ސަރުކާރުގެ އަމަލު ތަކާމެދު ހިތްހަމަ ނުޖެހެންޏާ، އަނެއްކާ އަނެއްފަހަރު، ގޮތް ހުސްވެގެން ކުރީގެ ހައުސިންގ މިނިސްޓަރ ހޮވުމަކީ ޙައްލެއް ކަމުގައެއް ނުފެނެއެވެ. ދައުރަށް އިރު އޮއްސޭ މަންޒަރު ބަލަން ހުރެ، ވުޖޫދުގައިނެތް އަދަދަށް ފްލެޓް ކަރުދާސް ދޫކޮށް، މިނިސްޓަރ ކަމުގައި އަމިއްލަ އަށް ނިންމި ކަންތައްތައް، ސިންގަޕޫރު އާރބިޓްރޭޝަނަށް ގޮސް، ރައްޔަތުންގެ ޖީބުން ބޮޑެތި އަދަދުން ފައިސާ ދައްކަން ޖެހޭ ގޮތަށް ހެކިބަސްދިން މީހާއަށް ހިތުރުހުމުގައި މޭޔަރުކަން ހަވާލު ކުރަން ވޯޓްދޭން ދާނީ ކިހިނަކުން ތޯއެވެ؟

މާ ހެޔޮ އެދޭ ބަޔަކު ކަމު ހެދި، މި ސަރުކާރަށް ފާޑު ކިޔަން ނުކުމެ ތިބީ މުޅިންވެސް ކުރީގެ ސަރުކާރުން ބުރުވި ކިސަޑުން ފަސްބައި ހަޑިވެ ރައްޔަތުންގެ ފައިސާއިން ބޭންކް އަކުންޓުތައް މުއްސަނދިކުރި ފަރާތްތަކެވެ. ނުވަތަ އެމް.ޑީ.ޕީ.ގެ މިއަދުގެ ސަރުކާރުން ‘ހިތްހަމަ ޖެހޭ’ މުއްސަނދި ކަމެއް ނުލިބިފައި ތިބި ފަރާތްތަކެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔަތުންގެ ޖީބުން ފައިސާ ނެގުމަށް ހުޅުވިފައި އޮތް ތަނަވަސް ދޮރު ބަންދު ވިޔަ ނުދިނުމަށެވެ. ދެ ބައިމީހުންވެސް މަސައްކަތް ކުރަނީ އެވަގުތަކަށް ހަކުރު ދޭން ތައްޔާރަށް އޮތް ގައުމަކަށް ސަނާ ކިޔާ އެމީހުންގެ ޅޮސް އުނދޯއްޔަށް އަރާ ހެއްލައި ނަނާ ހުވަފެން ދެކޭށެވެ. އުތުރު ކަރައިގެ އަވާގައި ޖެހި ރާއްޖެ ދިގަށް އަތުރަމުންދާ ‘ޓެކްނިކަލް އެހީ” ބަލައިގަތުމެވެ. ނުވަތަ ސީނު ކަރަޔަށް ޕިކްނިކު ދަތުރުގޮސް ޕާޓީ ކުރުމުގައި ތިބުމަށެވެ. ޅޮސް ފީވެ، އުނދޯއްޔާއި އެކު ބަންވެ، ގައުމުގެ ކަށި މުގުރި، އޮއްޓު އަޅައިގެން ކޮޅަށް ނުތެދުވެވިގެން އުޅެން ޖެހޭނީ ފަހުންތާއެވެ.

މިހާރުގެ ސަރުކާރުގެ އަމަލު ތަކާ މެދު ހިތްހަމަ ނުޖެހެންޏާ، ކުރީގައި ބޮޑެތި ގޯސް ހަދައި، ބޮޑެތި އަދަދުން ބޮޑު ފޮށި ބަރާކުރި، ރައްޔަތުންނަށް އަނިޔާ އާއި އިހާނެތި ކަން ދެއްކި ފަރާތްތަކުގެ ކުރިމައްޗަށް ގޮސް އަދަބު އަދާ ކޮށް، މާފަށް އެދުން ފިޔަވައި ގޮތެއް ދިވެހިންނަށް ނެތީތޯއެވެ؟ ބަންގްލާދޭޝް ރައްޔަތުންގެ ޙާލަށް ދިވެހިން ވެއްޓުނީ ބާވައެވެ؟ ޚާލިދާ ޒިޔާ ބޭރު ކޮށްފައި ޝޭޚު ޙަސީނާ، ދެން އަނެއްކާ ޚާލިދާ ޒިޔާ، ދެނ.. މިނޫން ގޮތެއް ދިވެހިންނަށް ނެތީ ބާވައެވެ؟ އަމާން ކަމާ، ތެދުވެރި ކަމާއެކު ރަމަންރަމަން ފޯލި ރައްކާ ކޮށްދޭނޭ ފަރާތެއް މިގައުމުގެ ފަސްގަނޑުގައި ނުވާނޭ ބާވެއެވެ؟

އިހު ބަނދަރުން ދިވެހި އޮޑި ފުރީ ކުރިޔަށް ވުރެ އަމާން، އޮމާން، ބަނދަރަކަށް ދަތުރުކުރުމަށެވެ. ފަޅުވެރިން ބަދަލުކޮށް، ކޮއްތު ބޯފެންލައި ކަނޑު ދުއްވަން ނުކުމެވުނީ ރަނގަޅު ކައްޕިއަކާއި އެކުގައި ނޫންކަން މިއޮތީ ފެންނާށެވެ. ދެން އަލުން އިހު ފަޅުވެރިން ގާތަށް ލަދުން ތިބެ ދިޔުން ފިޔަވައި ގޮތެއް ނެތީތޯއެވެ؟ އަދީބުގެ ތާރޑްވޭ ޑޮމޮކްރެޓުން ނަކީ ވެސް ހަމަ އެމީހުންނެވެ. ނޫން! ނޫން! ރަނގަޅަކަށް ނޫނެވެ. އެޕާޓިއަކީ އެމް.އެމް.ޕީއާރްސީގެ ފައިސާއިން ދެބައިމީހުންގެ އިންޖީނަށްވެސް ތެޔޮ އަޅާދޭ ފަރާތެވެ. ނަމުން ތާރޑް ވޭ އަކީ އަދި ތިންވަނަ ގޮތެއް ނޫނެވެ. އެއީ ބޯތް ވޭސް އެވެ. އެނޫން ގޮތެއް އޮންނަށް ޖެހޭނެއެވެ.

ތިންވަނަ ގޮތެއް ދިވެހިންނަށް ޙައްގެވެ. ދިވެހިން ތިބީ ދަތުރަށް ތައްޔާރަށެވެ. ރައްކާތެރި އަދި އަމާނަތްތެރި ދަތުރެއްކޮށް، ދިވެހި އޮޑި އަމާން އައްސޭރިއަކަށް ގެންގޮސްދޭނެ ފަރާތެއް ބޭނުމެވެ. ތިންވަނަ ނަޒަރަކުން މިއަދު ވިސްނަން ޖެހިއްޖެއެވެ.

 

10 ހިޔާލުތައް

  1. ތިކުރަނީ އެންޓި ކެންޕޭން ތި އުޅެނީ ކޮން ބައެއްގެ ބޮލަށް ޖިޕްޖަހަން ކީއްވެ ގަވްމުގެ މިނިވަންކަމާއި އިސްތިޤްލާލު ފުނޑު ފުނޑު ކުރަމުން ގެންދާ ވާހަކަ ނުލިޔެވުނީ

  2. ތިންވަނަގޮތެއް ހޯދަންޖެހޭކަމަށް ލިއުއްވިއިރު ފުރަތަމަދެގޮތްވެސް އެއީ ދިވެހިންގެތެރޭން އަޑުގަދަ ސަތޭކައެއްހާމީހުން ވެގެން ޚިޔާރުކޮށް އެމައްޗަށް ދިވެހި މުޅި މުޖުތަމަޢު އަމަލުކުރަންޖެހޭގޮތަށް ފަރުމާކޮށްފައިއޮތް ދެގޮތެވެ. ސިޔާސީ ޕާރޓީތައް އުފައްދައި ނުއުފުލޭވަރުގެ ބިޔަ މަޖިލީހެއް އުފައްދައި ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާ އުފައިދައިގެން މި ގައުމަށް ލިބޭއެއްޗެއްގެ ބޮޑުބައެއް ޚަރަދުކުރާނެހާގޮތްތައް ރާވައި މަގުކޮށައި ހެދިއިރު ރައްޔިތުންގެ ރުހުން ހޯދިހެއްޔެވެ. ހުރިހާއެއްޗެއް ހަދާ ނިންމާފާ ރައްޔިތުންކައިރީ ބުނީ ވޯޓުލާށެވެ. ޥޯޓުލީމާ ވާގޮތަކީ 10 މީހުންވޯޓުލިޔަސް އޭގެތެރޭން އެންމެގިނަމީހުންގެ ވޯޓުލިބުނުމީހާއަށް ކާމިޔާބުވީއެވެ. އެެހެންވީމާ ޙަގީގަތުގައި ހޯދަންވީ ތިންވަނަގޮތެއް ނޫނެވެ. ހޯދަންވީ ރައްޔިތުން ބޭނުންވާގޮތެވެ.

    • ވަރަށް ބޮދު ތެދެއް. އެހެނަސް އެކަން ރައްޔަތުންގެ ގިނަމީހުން ކައިރީ ބުނެދީ ވިސްނަދޭނެ ބަޔަކުވެސް ވުޖޫދުވެގެން އެމީހުން ބޭނުންވާގޮތްވެސް އެނގޭނީ. އެހެނީ މިހާރު އަޑުގަދަމީހާ، ހަޔާތްގޮވާލަން ކެރޭމީހާ، ފުލުހުންގައިގާ ތަޅާލަން ކުދިންކޮޅެއް ނެރެން އެދޭމީހާ އާއި އެކަން ކޮށްދޭންބުނާ ދައިތަމެން މާބާރު ގަދަވެފައިވާތީއެވެ. ބޮޑު ކުޅިމަޖާ ގަނޑެއްގެތެރޭގައި ރައްޔަތުމީހާ ވޯޓްލެވެނީ އެވެ. ވޯޓްވިއްކެނީވެސް މެއެވެ. މިވެރިން ހަދާހާ ދޮގާއި މަކަރަށްވެސް ހެއްލެވެނީއެވެ.

  3. ތީ ދުންޏާއަށް ކޮށްދޭން ފެއްޓޭ ކެމްޕޭނެއްތޯއެވެ. ދެންޏަ، ޢުމަރު. ޑީދީ އެއީ ފޭލިވެފައިތިބި ސިޔާސީ ޖޯކަރުންނެވެ. ދެން ތިންވަނަ ފިކުރަކަށް ކޮންޓީމެއްތޯއޮތީ؟ ގިނަވާނީ ހިނހޫތަނުންކާލައިގެން ބޮޑެތި މޮޅުގޮތް ކިޔައިދޭނެ މީހުނެވެ. ނޫންތ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ