ފުލުހުންގެ 88 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހޯމަ ދުވަހު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ފުލުހުންނަށް އުންމީދެއް ލިބޭފަދަ ދެ ވާހަކައެއް ހާމަކުރައްވައިފިއެވެ.
ފުލުހުންނަށް އުންމީދެއް ލިބޭ ފަދަ ގޮތަކަށް ރައީސް ވިދާޅުވި އެއް ވާހަކައަކީ ”ދިވެހި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްވެސް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، އަދި މިހާރަށްވުރެ އިތުބާރު ހުރި ގޮތެއްގައި ލިބެމުންދާނެ މަގު ސަރުކާރުން ފަހިކޮށްދޭނެ“ ކަމަށް ވިދާޅުވުމެވެ.
ރައީސްގެ ޚިޠާބުގައި ފުލުހުންނަށް އުންމީދެއް ލިބޭފަދަ ގޮތަކަށް ވިދާޅުވި ދެވަނަ ވާހަކައަކީ ”ދިވެހި ފުލުހުންގެ ޚިދުމަތަށް ނުކުންނަ ޒުވާނުންނަކީ، ތަޢުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް، ކުރިމަގުގައި މިހާރަށްވުރެ ފުޅާވެގެންދާނެ“ ކަމަށް ވިދާޅުވުމެވެ.
ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ މި އަހަރު ބައްދަލުކުރީ، އަލަށް އެކުލަވައިލި ”ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު“އަށް ޢަމަލުކުރަން ފެށި ތާރީޚީ މުނާސަބަތާވެސް ދާދި އެކުއެކީގައެވެ.
ރައީސްގެ ޚިޠާބުގައި ފުލުހުންގެ އައު ޤާނޫނުގެ ސަބަބުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އިޙްތިރާމުކުރުމާއެކު، ޤާނޫނުގެ ވެރިކަމުގެ ތެރެއިން ދެވޭ ޚިދުމަތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.
”ދިވެހި ސިފައިންނާ އެކުގައި ކުރިން އޮތް ދިވެހި ފުލުހުންގެ ޚިދުމަތް، މަދަނީ ޚިދުމަތެއްގެ ގޮތުގައި މުޅިން ވަކި މުއައްސަސާއަކަށް ބަދަލުވުމަށްފަހު، މިވީ 17 އަހަރުގެ ތެރޭގައި، ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ، ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް މިގެނެވުނު މުހިންމު ބަދަލެވެ. މި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުމެވެ.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނުގެ ސަބަބުން، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމުގައި ޔަޤީންކުރައްވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.