ސައުދީ އަރަބިއްޔާ އާއި އިސްރާއީލުގެ ޒައިނިސްޓުންނާ އޮންނަ ސިއްރު ގުޅުމުގެ ވާހަކަ އަކީ ބްރިޓިޝް އިމްޕީރިއަލިޒަމް ކިޔަވާ ކުއްޖަކަށް އާކަމަކަށް ނުވާނެއެވެ. މައްސަލައަކީ ބްރިޓިޝް އިމްޕީރިއަލިޒަމް ކިޔަވާ ކުދިންގެ އަދަދު މަދުކަމެވެ. ބްރިޓިޝް ޔުނިވަރސިޓީ ތަކުގެ އަންޑަރގްރެޖުއޭޓް، އަދި ޕޯސްޓްގްރެޖުއޭޓް ކޯސް ތަކުގެ އިސްތިހާރުތަކަށް ބަލައިލި ކަމުގައި ވީނަމަވެސް، ބްރިޓިޝް އެމްޕަޔަރާ ބެހޭގޮތުން ޕޮލިޓިކްސް ޑިގްރީއެއް ނުފެންނަތާ، އެއާ ގުޅުންހުރި ޑިގްރީއެއް އަދި މާސްޓަރސް ޑިގްރީއެއް ފެނުމަކީވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ކޮންމެ ގޮތަކަށް ވިޔަސް، 1914 އާއި 1918 އާއި ދެމެދު ޔޫރަޕްއިން އެމީހުންގެ ބާރު ފެތުރުމަށްޓަކައި ހިންގި ލޭއޮހޮރުވާލުމުން ތިބާގެ ސިކުނޑިއަށް އަސަރު ކުރާ ނަމަ، މި މާއްދާއާ ބެހޭގޮތުން ކިޔެވުމަށް އެކަށީގެންވާ މަދަރުސާއެއް ހޯދުމަކީ މާ ދަތި ކަމަކަށް ނުވާނެއެވެ. ނަމަވެސް، ބްރިޓިޝް އެމްޕަޔަރުން ގާތްގަނޑަކަށް 400 އަހަރުގެ މުއްދަތަކަށް އިންސާނިއްޔަތާ ދެކޮޅަށް ހަނގުރާމަ ކުރި ސަބަބާ މެދު ފުންކޮށް ވިސްނައި ދެނެގަންނަން ބޭނުންވާނަމަ، ތިކަން ހާސިލު ކުރުމުގައި އެހީތެރިވެވޭނޭ ފަރާތެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގަބޫލު ކުރަންޖެހޭ އެއްކަމަކީ، ބްރިޓިޝް އެސްޓަބްލިޝްމެންޓުގެ ނަޒަރުގައި މިކަމަކީ އެހެން ފަރާތް ތަކަށް އެމީހުންގެ ބާރުވެރިކަން ދައްކައިދޭ ވަރުގެ މޮޅު ކުރިއެރުމެކެވެ.
2014 ވަނަ އަހަރުގެ ފަހުކޮޅުގައި، އެމެރިކާގެ ޖާނަލް އެއްކަމަށްވާ ފޮރިން އެފެއާޒް ގައި ވާ ގޮތުން ސައުދީގެ ޕެޓްރޯލިއަމް މިނިސްޓަރު، އަލީ އަލް-ނައިމީ ބުނެފައިވާކަމަށް ރިޕޯރޓު ކުރެވިފައިވެއެވެ. ”އިއްޒަތްތެރި ރަސްގެފާނު، އަބްދުﷲ އަކީ އަބަދުވެސް ސައުދީ އަރަބިއްޔާއާއި، އެހެން ދައުލަތް ތަކާ ދެމެދު ބާއްވާ ގުޅުމުގައި ލާމަސީލު މިސާލެއް ދައްކަވާ ބޭފުޅެކެވެ. އެގޮތުން ޔަހޫދީންގެ ދައުލަތާވެސް ގާތް ގުޅުމެއް ބާއްވައެވެ.“
ޔުނައިޓެޑް ސްޓޭޓްސް ގެ ވެރިކަން ބަރެކް އޮބާމާ ކުރި ދުވަސްވަރު، ސައުދީ ރަސްގެފާނު އަބްދުﷲ ގެ ފަހުން ރަސްކަމާ ހަވާލުވެ ވަޑައިގަތް ސަލްމާން ރަސްގެފާނު ވެސް، އޮބާމާގެ ވެރިކަމުގައި އީރާންގެ ނިއުކްލިއަރ ޕުރޮގްރާމު ހިންގުމަށް، ޔުނައިޓެޑް ސްޓޭޓްސް އާއި އީރާނާ ދެމެދު ވެވެމުން ދިޔަ އެބަސްވުމާ ގުޅޭގުތުން، އިސްރާއީލުގެ ވެރިންނާ އެއްގޮތް ކަންބޮޑުވުން ތަކެއް ފާޅު ކުރިއެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން އިސްރާއީލާއި ސައުދީ އަރަބިއްޔާއިން އެކަމުގައި ”ގުޅިފައިވާ ބައެއް“ ގެ ގޮތުގައި ސިފަކުރިއެވެ. މިއީ ޒައިނިސްޓުންނާ ސައުދީން އެއް ކަމަކާ ދެކޮޅަށް ކުރިމަތިލި ފުރަތަމަ ފަހަރެއް ނޫނެވެ. 1960 ގެ އަހަރުތަކުގެ ތެރޭގައި ޔަމަންގެ އުތުރުގައި، ބްރިޓިޝް އިމްޕީރިއަލިސްޓުން، އެގައުމުގައި އޭރު ވެރިކަން ކުރަމުންދިޔަ އިމާމު ވެރިކަމުން ވައްޓާލުމަށްފަހު ވެރިކަމަށް އިސްވި ރިވޮލިއުޝަނަރީ ރިޕަބްލިކެންސް އާ ދެކޮޅަށް ހިންގި މާރސަނަރީ އާރމީ ކެމްޕެއިނަކަށް ސައުދީން ފަންޑު ފޯރު ކޮށްދިން ކަމަށްވެއެވެ.
ޔަމަނުގައި އޭރު ވެރިކަން ކުރަމުން ދިޔަ ރިޕަބްލިކެންސް އަށް ޖަމާލް އަބްދުއްނާސިރުގެ ވެރިކަމުގެ ދަށުގައި އޮތް މިސްރުން އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން އިރު، އިމާމުގެ ސަޕޯޓަރުންގެ ތެރެއިން ބާކީ ތިބި މީހުންނަށް ހަތިޔާރު ފޯރު ކޮށްދިނުމުގައި ފަންޑު ފޯރު ކޮށްދިނުމަށް ބްރިޓިޝް ސަރުކާރުުން ސައުދީން އެއްބަސްކުރުވިއެވެ. އަދި ހަމައެހެންމެ، ޔަމަނުގެ އުތުރުގައި ތިބި ބްރިޓިޝް މަންދޫބުންނަށް 14 ފަހަރުގެ މަތިން އިސްރާއީލުން ހަތިޔާރު ފޯރު ކޮށްދިނުމަށް ހަމަޖެއްސިއެވެ. އެހެންކަމުން ބްރިޓިޝް ސަރުކާރުން، 1960 ގެ އަހަރުތަކުގައި، ޔަމަންގެ އުތުރުގައި، ޒައިނިސްޓުންނާ ސައުދީން އަސްކަރީ ގޮތުގައި، އެހެން ނަމަވެސް ސިއްރިއްޔާތުގައި އެއް ޢަދާވާތްތެރިއަކާ ދެކޮޅަށް ނެރެފައި ވެއެވެ.
އެހެންނަމަވެސް، ކުރިން ލިޔުންތެރިޔާ ލިޔެފައި ވާ ފަދައިން، ސައުދީ އަރަބިއްޔާ އާއި ޒައިނިސްޓުންނާ ދެމެދު އޮތް ނުރަސްމީ، އަދި ނުސީދާ ގުޅުން ފެށިގެންދިޔަ ގޮތުގެ ވާހަކަ އެންމެ ރަނގަޅަށް ދެނެގަތުމަށް 1920 ގެ އަހަރުތަކަށް ނަޒަރު ހިންގާލަން އެބަޖެހެއެވެ. ޑރ. އަސްކަރު ހ. އަލް-އިނާޒީ ލިޔެފައިވާ މައުލޫމާތުގެ ޙަޒާނާއެއް ކަމަށްވާ، ދަ ކްރިއޭޝަން އޮފް ސައުދީ އަރަބިއްޔާ: އިބްނު ސައުދު އެންޑް ބްރިޓިޝް އިމްޕީރިއަލް ޕޮލިސީ، 1927-1914 އަށް ބްރިޓިޝް އިމްޕީރިއަލިޒަމްއިން ކިޔަވާ ކުއްޖަކަށް އިތުރު، ތަފާތު ހެކިތަކެއް ލިބިގެންދާނެއެވެ. މި ލިޔުމުގައި މިދެންނެވޭ ބަޔަށް ބާރުދީފައިވެއެވެ: ފުރަތަމަ ބޮޑު ހަނގުރާމައިގައި ބްރިޓިޝް އިމްޕީރިއަލިޒަމް، އިސްލާމިކް އޮޓޮމަން އެމްޕަޔަރ ބަލިކުރުމަށް ފަހު އަރަބިންގެ ތެރޭގައި މައިގަނޑު ތިން ވެރިކަމެއް އޮތެވެ. އެއީ ހިޖާޒް ކަރައިގެ ޝަރީފް: ހިޖާޒް ކަރައިގެ ހުސެއިން ބިން އަލީ (ހުޅަނގުގައި)، ހާއިލްގައި އިބްނު ރަޝީދު (އުތުރުގައި)، އަދި ނަޖުދުގައި އާމިރު އިބްނު ސައުދު (އިރުމަތި ފަރާތުގައި)، އާއި އޭނާއަށް ތާއިދު ކުރާ ދީނީ ސަޕޯޓަރުން، ނުވަތަ ވައްހާބީންނެވެ.
1915 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅުގައި އިބްނު ސައުދު ބްރިޓިޝް ދައުލަތާ އެއްކޮށް، އިސްލާމިކް އޮޓޮމަން އެމްޕަޔަރާ ދެކޮޅަށް ހަނގުރާމައަށް ނިކުތެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އޭނާ ބަލިވެ، އޮޓޮމަން އެމްޕަޔަރާ އެއްކޮޅަށް ހަނގުރާމަ ކުރަމުންދިޔަ އިބްނު ރަޝީދު،އޭނާގެ ބްރިޓިޝް ކޮމާންޑަރު، ވިލިއަމް ޝޭކްސްޕިއަރ ގަަތުލު ކޮށްލިއެވެ. މިކަމުގެ ސަބަބުން އިބްނު ސައުދު އެއް އަހަރު ދުވަސް ވަންދެން ހަނގުރާމައިގެ މައިދާނުގައި، އެއްވެސް ކުރިއެރުމެއް ނެތި ހިފެހެއްޓިފައި ހުންނަން ޖެހުނެވެ.(1)
އިސްލާމިކް އޮޓޮމަން އެމްޕަޔަރު ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ، ހިޖާޒު ކަރައިގެ ޝަރީފު އޮޓޮމަން އެމްޕަޔަރ ދޫކޮށް އަރަބީންނާ ގުޅިވަޑައިގަތުމެވެ. 1916 ވަނަ އަހަރުގައި، މިފަދައިން ހިޖާޒު ކަރައިގެ ޝަރީފު އަމަލު ކުރުމުގެ ސަބަބުން އަރަބިއްޔާގައި ތިބި ތުރުކީ ވިލާތުގެ އެންމެން އެގައުމު ދޫކޮށް ދިޔައެވެ. މިފަދައިން އަމަލު ކޮށްފައި ވަނީ ޝަރީފް ހުސައިންއާއި، މިސްރުގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނަރ ހެންރީ މެކްމެހަންއާއި ދެމެދު ދެކެވުނު ވާހަކަ ތަކުގެ ތެރެއިން، އޮޓޮމަން ޓާރކްސް ބަލި ކުރެވިއްޖިއްޔާ ޣައްޒާއާއި ޕަރސިއެން ގަލްފާ ދެމެދު ގުޅިފައިވާ އަރަބި ގައުމެއް އުފެދިގެންދާނޭ ކަމަށް އޭނާއަށް ގަބޫލު ކުރެވިފައި ވާތީއެވެ. ޝަރީފު ހުސެއިނާއި ހެންރީ މެކްމެހަން އާ ދެމެދު ބަދަލު ކުރެވުނު ސިޓީތަކަށް މެކްމެހަން-ހުސައިން ކޮރެސްޕޮންޑެންސްގެ ނަމުން ނަން ދެވިފައިވެއެވެ.
ކޮންމެ ގޮތަކަށް ވިޔަސް ހަނގުރާމަ ނިމުމާއެއްކޮށް، ހަނގުރާމައިގެ ތެރޭގައިި ބަދަލު ކުރެވުނު ސިޓީ ތަކުގައި ބްރިޓިޝް ސަރުކާރުން ވައުދުވެފައިވާ ކަންކަން، ނުވަތަ ޝަރީފު ގަބޫލު ކުރި ގޮތުގައި އެމީހުން ވައުދުވެފައިވާ ކަންތައް ފުއްދައިދިނުމަށް އޭނާ އެދުނެވެ.
އެހެންނަމަވެސް ބްރިޓިޝް ސަރުކާރުން ބޭނުންވީ، އޭރު ހަނގުރާމަ ނިމުނު އިރު އޮތް ގޮތުން އަރަބި ކަރައަކީ އެމީހުންނާއި ފަރަންސޭސީންނާ ދެމެދު ބަހާލެވިފައިވާ ބައެއް ކަމުގައި (ސައިކްސް-ޕީކޯ އެގްރިމެންޓު) ޝަރީފު އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ތެރޭގައި ބަލްފޯރ ޑިކްލެރޭޝަން ގެ ދަށުން، ފަލަސްތީނުގެ ބިމުގައި ”ޔަހޫދީންނަށް ގައުމެއް“ ޔަގީން ކުރެވިގެންދާނެއެވެ. މިކަންތައްތައް ބްރިޓިޝް ލިޔުމެއް ކަމަށްވާ، އެންގްލޯ-ހިޖާޒް ޓްރީޓީ ގައި ލިޔެވިފައިވާއިރު، މިލިޔުމުގައި ސޮއި ކުރުމަށް ހިޖާޒު ކަރައިގެ ޝަރީފު ވަނީ ދެކޮޅުހަދާފައެެވެ.(2) ކޮންމެއަކަސް، 1916 ވަނަ އަހަރު އޮޓޮމަން ޓަރކްސް އާދެކޮޅަށް ކުރެވުނު ހަނގުރާމައަށް ނަން ދެވިފައިވަނީ ’އަރަބް ރިވޯލްޓު’ގެ ނަމުންނެވެ. ’ހިޖާޒީ ރިވޯލްޓު’ގެ ނަމުންނެއް ނޫނެވެ.
ހަގީގަތުގައި، ޝަރީފު އިސްލާމިކް އޮޓޮމަން އެމްޕަޔަރާ ދެކޮޅަށް ހަނގުރާމަ ކުރި ކަމުގައި ވީނަމަވެސް، އަރަބި ބިމެއްގެ ގޮތުގައި އޭނާ ދެކެމުންއައި ފަލަސްތީނުގެ ބިން ދުވަހަކުވެސް ބްރިޓިޝް އެމްޕަޔަރަށް ވިއްކާ ނުލާނޭކަން އޭނާ އޭނާ އިއުލާންކުރިއެވެ: ދުވަހަކުވެސް ފަލަސްތީނުގައި ޒައިނިސްޓުންނަށް ޖާގަ ނުދޭނެ ކަމަށާއި، އަރަބިއްޔާގެ އެކި ސަރަހައްދުތަކުގައި ބްރިޓިޝް އަދި ފަރަންސޭސީވިލާތުގެ އިމްޕީރިއަލިސްޓުން ބޯޑަރުތައް ކުރެހުމަށް ހުއްދަ ނުދޭނޭކަމަށް އޭނާ ވިދާޅުވިއެވެ. މިހާ ހިސާބުން ބްރިޓިޝް ސަރުކާރުން އޭނާއަކީ އެމީހުންގެ ރޭވުންތަކަށް އޮތް ހުރަހެއްގެ ގޮތުގައި ބަލަންފެށިއެވެ.
ބްރިޓިޝް ސަރުކާރުން، އެމީހުން ބޭނުންވާ ކަންތައް ހާސިލު ކުރުމަށްޓަކައި ކޮންމެ ފަދަ ފިޔަވަޅުތަކެއް އަޅަން ޖެހުނަސް ފަސްނުޖެހޭނޭ ކަމަށް ހިޖާޒު ކަރައިގެ ޝަރީފަށް އިންޒާރު ދިނެވެ.
1921 ވަނަ އަހަރުގެ މާރިޗު މަހުގައި އޮތް ކައިރޯ ކޮންފަރެންސްގައި އާ ކޮލޮނިއަލް ސެކްރެޓެރީ، ވިންސްޓަން ޗާރޗިލް އަރަބި ކަރައިގެ ހުރިހާ ބްރިޓިޝް އޮޕަރޭޓިވްސްއާ ބައްދަލުކުރެއްވިއެވެ. އަދި ކުރުމަށްޓަކައި ކޮންމެ ފަދަ ފިޔަވަޅުތަކެއް އަޅަން ޖެހުނަސް ފަސްނުޖެހޭނޭ ކަމަށް ހިޖާފަލަސްތީނުގައި ހިންގަން ރާވާފައި އޮތް ބްރިޓެއިންގެ ޒައިނިސްޓު ކޮލޮނިއަލް ޕްރޮޖެކްޓާއި މެދު ހިޖާޒު ކަރައިގެ ޝަރީފުގެ ހިޔާލު ބަދަލު ކުރުމަށްޓަކައި ޓީ.އީ. ލޯރެންސް ފޮނުވިއެވެ. މިގޮތުން ފުރަތަމަ ލޯރެންސާއި އެމްޕަޔަރުން 80000 ރުޕީސްގެ (3) ހުށަހެޅުމުން ޝަރީފު އެކަމާ ދެކޮޅު ހެދުމުން، އަހަރެއްގެ މައްޗަށް 100000 ޕައުންޑު (4) ދޭން ހުށަހެޅުމުންވެސް ޝަރީފު ފާޅުގައި އެކަމަށް އިންކާރު ކޮށް ފަލަސްތީނުގެ ބިން ޒައިނިސްޓުންނަށް ވިއްކާލުމަށް އެއްބަސް ނުވިއެވެ.
ފައިސާ ދީގެން ޝަރީފުގެ ރުހުން ނުލިބޭނެކަން ޔަގީން ވުމުން، ލޯރެންސް ވަނީ އިބްނު ސައުދު އޭނާ ވެރިކަމުން ވައްޓާލަފާނެ ކަމަށް ބުނެ ބިރުދައްކާފައެވެ. އެގޮތުން، ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް، ހިޖާޒް ކަރަ ހާޝިމީ ދަރިފަސްކޮޅުގެ ގައުމެއްގެ ގޮތުގައި ދެމިއޮތުން ބުރަވެފައިވަނީ ބްރިޓިޝް ސަރުކާރުގެ ސިޔާސީ ނިންމުމުގެ މައްޗަށެވެ. ސަބަބަކީ އެސަރަހައްދުގެ ހުރިހާ ގައުމެއް ބަލަހައްޓައި، ހުރިހާ ގައުމުތަކެއްގެ މައްޗަށް ވެރިކަން ކުރެވޭނޭ ފެންވަރުގެ ވަސީލަތްތައް އެގައުމަށް ލިބިފައިވާތީއެވެ (5). ޝަރީފާއި ކުރެވުނު ބައްދަލުވުންތަކުގެ ތެރޭގައި، ލޯރެންސް ވަނީ އަރަބި އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކޮށް، ބްރިޓިޝް ސަރުކާރުގެ ނިންމުމަށް ދެކޮޅު ހަދައި، ޝަރީފާއި އެއްވެސް ގައުމަކުން ކޯލިޝަން ހަދައިފި ނަމަ، އެސަރުކާރުގެ ކޮންމެ ގޮވާލުމަކަށް އިޖާބަ ދޭން ތައްޔާރަށް ތިބި އިބްނު ސައުދާއި އޭނާގެ ވައްހާބީން ނެރޭނެ ކަމުގެ އިންޒާރު ދީފައެވެ (6).
އެދަނޑިވަޅުގައި ޗާރޗިލް ވަނީ، ކޮންފަރެންސް ނިމުމުން ގުދުސަށް ދަތުރުކޮށް، ޓްރާންސްޖޯރޑާން ކިޔާ އާގައުމުގެ ވެރިކަން ހަވާލުކުރެވިފައިވާ ޝަރީފުގެ ދަރިފުޅު، އަބްދުﷲ އާ ބައްދަލުކޮށް، އޭނާގެ ބައްޕައާ ވާހަކަ ދައްކައިގެން، ބްރިޓިޝް ސަރުކާރުގެ ނިންމުން ބަލައިގަނެ، އެއްބަސް ވުމުގައި ސޮއި ކުރަން އޭނާގެ ބައްޕަ އެއްބަސް ކުރުވަން ބުންޏެވެ. އަދި އެފަދައިން އަމަލު ނުކޮށްފިއްޔާ ހިޖާޒް ކަރައާ ދެކޮޅަށް އިބްނު ސައުދު ނެރޭނޭ ކަމަށް އިންޒާރު ދީފައި ވެއެވެ (7). އޭރު ބްރިޓިޝް ސަރުކާރުން ދިޔައީ ހާއިލް ގެ ވެރިޔާ، އިބްނު ރަޝީދާ ދެކޮޅަށް އިބްނު ސައުދު ނެރުމަށް ރާވަމުންނެވެ.
ބްރިޓިޝް ސަރުކާރުން އެތައް ފަހަރެއްގެ މަތިން އިބްނު ސައުދު މެދުވެރިކޮށް، އިބްނު ރަޝީދަކީ ވެސް އެމީހުންގެ ”ޕަޕެޓަކަށް“ ހެދުމަށް ކުރި މަސައްކަތްތަކަށް އިބްނު ރަޝީދު ވަނީ ދެކޮޅު ހަދާފައެވެ.(8) އަދި ހަމައެހެންމެ 1920 ވަނަ އަހަރު އޭނާ ވަނީ އެގައުމުގެ ސަރަހައްދު އުތުރުން ފަލަސްތީނަށް އަލުން ކަނޑައެޅިފައިވާ ބޯޑަރާ ހަމައަށް ބޮޑު ކުރުމަށްފަހު، އިރާޤީވީ ފަޅިން އެބޯޑަރު އިރާޤާ ހަމައަށް ވެސް އިތުރުކޮށްފައެވެ.
މިކަންކަމުގެ ސަބަބުން އޭރު އަރަބިކަރައިގެ އުތުރު ފަރާތުގައި ވެރިކަން ކުރަމުން ދިޔަ އިބްނު ރަޝީދާއި، ހުޅަނގުގައި ވެރިކަން ކުރަމުން ދިޔަ ޝަރީފާއި ދެމެދު ގުޅުމެއް އުފެދިދާނެތީ ބްރިޓިޝް ސަރުކާރުން އެކަމާ ވަރަށް ކަންބޮޑުވިއެވެ. އަދި ހަމައެހެންމެ، މެޑިޓެރޭނިއެން ސީ އާއި ޕަރސިއެން ގަލްފުގައިވާ ފަލަސްތީނުގެ ޕޯރޓުތައް ގުޅުވައިދޭ އެއްގަމު މަގުތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަކީ ބްރިޓިޝް ސަރުކާރުގެ ވަރަށް ބޮޑު އުންމީދެކެވެ. ކައިރޯ ކޮންފަރެންސް ގައި ޗާރޗިލް ވަނީ އިމްޕީރިއަލް އޮފިސަރެއްކަމަށްވާ ސަރ ޕަރސީ ކޮކްސް އާ ”ހާއިލްގައި ވެރިކަން ކުރުމަށް އިބްނު ސައުދަށް ފުރުސަތު ދޭން ޖެހޭ“ ކަމަށް އެއްބަސްްވެފައެވެ.(9) 1920 ވަނަ އަހަރު ނިމުނު އިރު އިބްނު ސައުދަށް ކޮންމެ މަހަކު ލިބޭ ސަބްސިޑީގެ އިތުރަށް 10000 ޕައުންޑުގެ ރަން ބްރިޓިޝް ސަރުކާރުން އޭނާއަށް ދެއެވެ. އަދި ހަމައެހެންމެ، 10000 ބަޑިއާއި، 4 ފީލްޑް ގަން ގެ އިތުރަށް ބްރިޓިޝް-އިންޑިއަން އިންސްޓްރަކްޓަރުން ފޯރުކޮށްދީީފައިވެއެވެ.(10) 1921 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ބްރިޓިޝް ސަރުކާރުން ހާއިލްއާ ދެކޮޅަށް އިބްނު ސައުދުގެ ލަޝްކަރު ނެރުނެވެ. މި ހަނގުރާމަ ނިމިގެންދިޔައީ 1921 ވަނަ އަހަރު ހާއިލްއިން ބަލި ގަބޫލު ކުރުމުންނެވެ. އެއާ އެކު އިބްނު ސައުދު ގެ މަގާމު މަތި ކުރެވިގެންދިޔައެވެ. އެގޮތުން، ކުރިން ނަޖްދު ކަރައިގެ އަމީރާއި، އެގައުމުގެ ބައިތަކުގެ ލީޑަރުގެ ގޮތުގައި ހުރި އިބްނު ސައުދަށް ނަޖުދު ކަރައާއި، އެގައުމުގެ ބާރުގެ ދަށުގައިވާ ހުރިހާ ގައުމެއްގެ ސުލްތާން ގެ ލަގަބު ލިބިގެން ދިޔައެވެ. އަދި ހާއިލް އަކީ ވެސް ނަޖްދު ކަރައިގެ ބާރުގެ ދަށުގައި ވާ ގައުމަކަށް ވެގެން ދިޔައެވެ.
އިބްނު ސައުދުގެ މަގާމް މަތި ކުރެވި، އޭނާއަށް ބޮޑެތި ބާރުތައް ލިބުމުން، ހިޖާޒް ކަރައިގެ ޝަރީފު އެމީހުންގެ ނިންމުން ބަލައިގަނެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ބްރިޓިޝް ސަރުކާރުން އުންމީދު ކުރި ކަމުގައިވީ ނަމަވެސް އެމީހުންގެ އުންމީދު ތަކުގައި ކުލަޖެހިގެނެއް ނުދިޔައެވެ. މިގޮތުން، ޓްރާންސް ޖޯރޑާންގެ އަމީރު، އަބްދުﷲ ގެ ފިރިހެން ދަރިފުޅާ ބްރިޓިޝް އެމްޕަޔަރާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އެއްބަސް ވުމުގެ ޑްރާފްޓް ކޮޕީއެއް ޝަރީފަށް ފޮނުވުނެވެ. އަދި އެއެއްބަސްވުމާއެކު، ބްރިޓިޝް ސަރުކާރުގެ ނިންމުން ބަލައިގަތުމަށް އެދި ސިޓީ އެއްވެސް ފޮނުވިއެވެ. އެހެންނަމަވެސް ޝަރީފު ވަނީ އެ އެއްބަސްވުން ކިޔާވެސް ނުލާ، ބަލްފޯރ ޑިކްލަރޭޝަނާއި، އަރަބި ކަރަ އަލުން ބަހަން ނިންމާފައިވާ ގޮތަށް އިންކާރުކޮށް، އޭނާގެ އަމިއްލަ އެއްބަސް ވުމެއް ހެދުމަށް ފަހު ފާސް ކުރުމަށް ލަންޑަނަށް ފޮނުވާފައެވެ.(11)
1919 ވަނަ އަހަރުން ފެށިގެން ބްރިޓިޝް ސަރުކާރުން ވަނީ މަޑުމަޑުން ޝަރީފް ހުސައިން ގެ ސަބްސިޑީ ދަށްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން 1920 ގެ ކުރީކޮޅުގެ އަހަރުތަކުގައި އޭނާއަށް ދެމުން އައި ސަބްސިޑީ އެއްކޮށް ސަސްޕެންޑް ކުރެވުނެވެ. އެހެން ނަމަވެސް އިބްނު ސައުދަށް 1920 ގެ ކުރީކޮޅުގެ އަހަރުތަކުގައި ވެސް ސަބްސިޑީ ދެމުން ގެންދިޔައެވެ.(12) އައްމާނާއި، ލަންޑަނާ ދެމެދު އިތުރު ތިން ފަހަރު ވާހަކަ ދެކެވުމަށް ފަހު، ޝަރީފު ހުސައިން ދުވަހަކުވެސް ފަލަސްތީނުގެ ބިން ޒައިނިސްޓުންނަށް ވިއްކާ ނުލާނެ ކަމާއި، އަރަބިކަރަ އަލުން ބަހާލައިފައިވާ ގޮތް ދުވަހަކު ވެސް އޭނާ ބަލައިނުގަންނާނެކަން ބްރިޓިޝް ސަރުކާރަށް ގަބޫލު ކުރެވުނެވެ.(13) 1923 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި، އިބްނު ސައުދަށް ދެމުންއައި ސަބްސިޑީ ދަށް ކުރާނެ ކަމަށް އެންގިއެވެ. އެހެން ނަމަވެސް އޭގެ ކުރީގައި 50000 ޕައުންޑު ދޭނެ ކަމަށް ވައުދުވެފައިވެއެވެ. އެއީ އެއް އަހަރުގެ ސަބްސިޑީ އާ އެއްވަރުގެ އަދަދެކެވެ.(14)
1924 ވަނަ އަހަރުގެ މާރިޗު މަހު، (އިބްނު ސައުދަށް 50000 ޕައުންޑު ދިނުމުގެ އެއް އަހަރު ފަހުން) ބްރިޓިޝް އެމްޕަޔަރުން، އެމީހުން ޝަރީފާ އެކު ކުރަމުން އައި ހުރިހާ މަޝްވަރާތައް ނިމުމަކަށް އަތުވެއްޖެ ކަމަށާއި، އެއްބަސް ވުމަކާ ހަމައަށް އަތުވެއްޖެ ކަމަށް އިއުލާން ކުރިއެވެ.(15) ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިބްނު ސައުދާއި އޭނާގެ ލަޝްކަރު، ބްރިޓިޝް ފޮރިން ސެކްރެޓަރީ، ލޯރޑް ކާރޒަން ވިދާޅުވި ފަދައިން ”ފަހު ތަޅައިލުންގަނޑު“ ފައްޓައި، ހިޖާޒް ކަރައަަަަށް ހަމަލާ ދިނެވެ.(16) 1924 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ ހިސާބުގައި އިބްނު ސައުދުގެ ލަޝްކަރުން ވަނީ އިރުވައި މޫސުމުގެ ހޫނު ދުވަސްތަކުގައި ޝަރީފު ވެރިކަން ކުރާ ރަށް ކަމަށްވާ ތާއިފް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއަށްފަހު، ބްރިޓިޝް ސަރުކާރުން ޝަރީފުގެ ދަރިންނަށް، އޭނާއަށް އެއްވެސް ގޮތަކުން އެހީތެރިކަން ފޯރު ކޮށް ނުދިމަށް އަމުރު ކޮށްފައިވެއެވެ. ބްރިޓިޝް ސަރުކާރުން މި ދަރިންނަށް ވަނީ އިރާގާއި ޓްރާންސްޖޯރޑާންގެ ގެ ރަށްތަކުން ވެރިކަން ދީފައެވެ.(17) ތާއިފްގައި އިބްނު ސައުދާއި އޭނާގެ ވައްހާބީން ދިޔައީ ބޮޑެތި ލޭ އޮހޮރުވާލުންތައް ހިންގަމުންނެވެ. މިގޮތުން، އަންހެނުންނާއި، ކުޑަކުދިން މަރާލުމުގެ އިތުރުން، މިސްކިތްތަކަށް ގޮސް އެމީހުންނާ ދެކޮޅަށް ވާހަކަ ދައްކަމުންދާ އިސްލާމީ ބޮޑެތި ޢިލްމުވެރިން ލޭއޮހޮރުވަމުންނެވެ.(18) 1924 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ މެދު ތެރޭގައި އިސްލާމް ދީނުގެ އެންމެ މުޤައްދަސް ބިން ކަމަށްވާ މައްކާ އެމީހުންގެ ބާރުގެ ދަށަށް ދިޔައެވެ. މިކަންކަމުގެ ސަބަބުން، ބާރުގެ ބޭނުންކޮށް، އަޤަބާ ގައި ހުންނަ ހިޖާޒު ކަރައިގެ ޕޯރޓު ބަންދު ކުރުމަށް ޝަރީފަށް މަޖުބޫރު ވިއެވެ. އޭރު ވެރިކަމަށް އިސްކުރެވިފައިވާ އޭނާގެ ދަރިފުޅު، އަލީ ވަނީ ޖިއްދާ އަކީ އޭނާގެ ވެރިކަމުގެ މައި ރަށް ކަމުގައި ހަދާފައެވެ. އިބްނު ސައުދު ހިޖާޒު ކަރައިގެ އިތުރު ރަށްތައް ހިފަހައްޓަމުން ދިޔައިރު، ބްރިޓިޝް ސަރުކާރުން އަޤަބާގެ އުތުރު ފަރާތުގައި ހުންނަ ހިޖާޒް ކަރައިގެ ޕޯރޓު ޓްރާންސްޖޯރޑާން އަށް އިތުރު ކުރުމަށް ރޭވުންތައް ރާވަމުން ދިޔައެވެ. އަދި ޝަރީފު ހުސައިން އަޤަބާ ގައި ބްރިޓިޝް އެމްޕަޔަރުގެ ހިމާޔަތުގެ ދަށުގައިވާ އިބްނު ސައުދާ ދެކޮޅަށް އަރަބިން ލައްވާ މުޒާހަރާތައް ހިންގަފާނެތީ ބްރިޓިޝް ސަރުކަރުން ނުހަނު ކަންބޮޑުވިއެވެ. އަދި ސާފު އިބާރާތުން، އިބްނު ޝަރީފު އަޤަބާ ދޫކޮށް ދާން ޖެހޭ ކަމަށާއި، އެހެންނޫނީ އިބްނު ސައުދުގެ ލަޝްކަރު ޕޯރޓަށް ހަމަލާދޭނެ ކަމަށް އިއުލާން ކުރިއެވެ. މިކަމަށް ޝަރީފު ހުސައިން ރައްދު ދީފައި ވެއެވެ:
”އަހަރެން އަރަބި ގައުމުތަކަށް ގެނެސްފައިވާ ބަދަލުތައް ދުވަހަކު ވެސް ޤަބޫލު ނުކުރަމެވެ. ފަލަސްތީނަކީ ޔަހޫދީންގެ ގައުމެއް ކަމުގައި ހެދި ބްރިޓިޝް ސަރުކާރާ ދެކޮޅަށް އަދިވެސް އަޑު އުފުލާނަމެވެ.“(19)
1925 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ”އަރަބް ރިވޯލްޓް“ ގެ ތެރޭގައި ޝަރީފު ހުސައިން އެޗްއެމްއެސް ކޯރންފްލާވަރ ނަމަކަށް ކިޔާނަވެއްގައި އިސްލާމިކް އޮޓޮމަން އެމްޕަޔަރުން އަތުލި ޕޯރޓެއް ކަމަށްވާ، އަލް އަޤަބާއިން އޭނާ ވަނީ ގަދަކަމުން ނެރެފައެވެ.
1925 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އިބްނު ސައުދުގެ ލަޝްކަރުން ޖިއްދާގައި ހިންގަން ފެށި ހަމަނުޖެހުންތައް ނިމުމަކަށް އައިސްފައިވަނީ، އެއަހަރުގެ ޑިސެމްބަރު މަހުގައި ޖިއްދާއިން ބަލި ގަބޫލުކުރުމުންނެވެ. އެއާއެކެ 1000 ވަރަކަށް އަހަރު ވަންދެން މުހައްމަދުގެފާނުގެ ދަރިފަސްކޮޅުން ކުރަމުންއައި ވެރިކަން ނިމުމަކަށް އައެވެ. އަދި 1926 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބްރިޓިޝް ސަރުކާރުން ހިޖާޒް ކަރައިގެ ރަސްކަން އިބްނު ސައުދާ ހަވާލުކުރިއެވެ. އަދި އިބްނު ސައުދާއި އޭނާގެ ވައްހާބީން ދިރިއުޅެން ގައުމަށް، ”ކިންގްޑޮމް އޮފް ސައުދީ އަރަބިއްޔާ“ގެ ނަމުން ނަން ދެވުނެވެ. މިނަން އުފައްދާފައި ވަނީ ލަންޑަންގައި ހުންނަ ބްރިޓިޝް ފޮރިން އޮފީހުގެ މިޑްލް އީސްޓް ޑެސްކުގައި މަސައްކަތް ކުރާ ޖޯޖް ރެންޑެލް ނަމަކަށް ކިޔާ މީހަކު ކަމަށް ބެލެވެއެވެ.
ޕްރޮޕަގެންޑާރ ލެވެލްގައި ހިޖާޒް ކަރައިގައި ވައްހާބީން ކުރަމުން ދިޔަ ވެރިކަމަށް ތިން ގޮތަކުން ބްރިޓިޝް ސަރުކާރުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ބުނެވެއެވެ. މިގޮތުން، ފުރަތަމަ ކަމަކަށް، އިބްނު ސައުދު ހިޖާޒު ކަރަ ހިފުމުގެ އަޑީގައި ވަނީ ދީނީ ސަބަބު ތަކެއް ކަމަށާއި، ބްރިޓިޝް ސަރުކާރުގެ ސިޔާސީ ވިސްނުމާއި ގުޅުމެއް ނުވާ ކަމަށް ބުނެ އަމަލުން އެކަން ދެއްކިއެވެ.(20) އަދި، އަދާ ހަމައަށް ވެސް މިފަދައިން ހަބަރު ފަތުރާފައިވެއެވެ. މިގޮތުން ބީބީސީ އިން ގެނެސްދިން އެޑަމް ކާރޓިސްގެ ”ބިޓަރ ލޭކް“ ނަމަކަށް ކިޔާ ޑޮކިއުމެންޓަރީގައި، ސައުދީ އަރަބިއްޔާ އުފެދިފައިވަނީ ވައްހާބީންގެ ހަރުކަށި ހިޔާލާއި ވިސްނުމުގެ ސަބަބުން އެގައުމު ދޫކޮށް ބަދަވީން ދިއުމުން ކަމަށް ބުނެފައިވެއެވެ.(21) ދެވަނަ ކަމަކަށް، ބްރިޓިޝް ސަރުކާރުން ވަނީ ހައްދުފަހަނައަޅާފައިވާ ވައްހާބީންނަކީ އިސްލާމް ދީނުގެ އެންމެ ސާފު ސީދާ ގޮތް ގެނައުމަށް މަސައްކަތް ކުރި ބައެއްގެ ގޮތުގައި ދުނިޔެއަށް ސިފަކޮށްދީފައެވެ.(22) މިއަދު މި ޚަވާރިޖް ޖިހާދީން ބްރިޓިޝް ސަރުކާރާއި ހުޅަނގުގެ ބާރުގަދަ ގައުމުތަކުގެ ސަޕޯޓާ އެކު ސީރިޔާގައި ހަމަނުޖެހުންތައް ހިންގަމުން ދާއިރުވެސް، އެމީހުން ސިފަ ކުރެވިފައިވަނީ ނުހަނު މައުސޫމު ބައެއްގެ ގޮތުގައެވެ. ހުޅަނގުގެ ހަބަރުތަކުގައި އެމިހުންނަކީ ”މޮޑަރޭޓް ރެބެލްސް“ (ދައުލަތަކާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގި ކަމުގައިވީ ނަަމަވެސް، ޓެރޮރިސްޓުންގެ ގޮތުގައި ނުބެލެވޭ މީހުން) ގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ތިން ވަނަ ކަމަކަށް ބްރިޓިޝް ތާރީހީ ޢިލްމުވެރިން އިބްނު ސައުދަކީ މިނިވަން ބާރެއްކަމަށާއި، ބްރިޓިޝް ސަރުކާރުން އެމީހުންގެ ބާރާއި ވެރިކަން ފެތުރުމަށްޓަކައި ގެންގުޅުނު ވަސީލަތެއް ނޫން ކަމަށް ދައްކައި، އޮޅުވާލައިފައި ވެއެވެ. މިގޮތުން ފަހުގެ ތާރީހެއްގައި، ޕްރޮފެސަރ ޔޫޖީން ރޮގެން އަރަބީންގެ ތާރީހާ ބެހޭގޮތުން ހަދާފައިވާ ރިސާޗަކުން އެގިގެންދާ ގޮތުގައި ”އިބްނު ސައުދު އިސްލާމިކް އޮޓޮމަން އެމްޕަޔަރއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޝައުގުވެރި ވެފައި ނުވެއެވެ“. އެހެން ނަމަވެސް 1915 ވަނަ އަހަރު އިބްނު ސައުދު އެހަނގުރާމައިގައި ބައިވެރިވެފައި ވާކަމުން، އެއީ ތެދު މައުލޫމާތެއްކަމާ މެދު ސުވާލު އުފެދެއެވެ. މީގެ އިތުރުން، އިބްނު ސައުދު ހަނގުރާމައާ ގުޅިވަޑައިގަތީ އަމިއްލަބޭނުންތަކެއް ހާސިލު ކުރުމަށްޓަކައި ކަމަށާއި، އަކަންތައްތަކާ ބްރިޓިޝް ސަރުކާރުގެ ރޭވުމާއި އެއްގޮތް ވުމަކީ އިއްތިފާގެއްކަމަށް ޕްރޮފެސަރ ބުނެފައި ވެއެވެ.(23)
އެހެން ކަމުން، ބަލްފޯ ޑިކްލަރޭޝަން ގައި އެންމެ ފާހަގަ ކުރެވިފައި ނުވާ އެއް ނުކުތާ އަކީ ބްރިޓިޝް އެމްޕަޔަރުން ޔަހޫދީންނަށް ގައުމެއް އުފެއްދުމަށްޓަަކައި އެމީހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ތައްޔާރުވެފައި ތިބި ކަމެވެ. ކޮންމެއަކަސް އަދުގެ ގިނަ ގައުމު ތަކެއް އުފައްދާފައި ވަނީ ބްރިޓިޝް އެމްޕަޔަރުންނެވެ. އެހެން ނަމަވެސް ސައުދީ އަރަބިއްޔާގެ ބޯރޑަރުތައް ހާއްސަ ވަނީ އެގައުމުގެ އުތުރާއި، އިރު އުތުރު ފަރާތުގެ ބޯޑަރުތަކަކީ ބްރިޓިޝް އެމްޕަޔަރުން އިސްރާއީލް އުފެއްދުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވާތީއެވެ. އަދި ހަމައެހެންމެ، އިބްނު ސައުދާއި ވައްހާބީން އަރަބި ކަރައިގައި އޮތް ދެ ގައުމެއް ކަމަށްވާ ހާއިލްއާއި ހިޖާޒްކަރަ ނައްތާލައިފައި ވަނީ އެދެގައުމުގެ ވެރިން ބްރިޓިޝް އެމްޕަޔަރުން ފަލަސްތީނުގައި ހިންގި ޒައިނިސްޓު ކޮލޮނިއަލް ޕްރޮޖެކްޓަށް އެއްބާރުލުންިނުމަށް އިންކާރު ކުރުމުގެ ސަބަބުންނެވެ.
މިކަންކަމުން އެގިގެންދާ ހަގީގަތަކީ، ބްރިޓިޝް ސަރުކާރުން ފަލަސްތީނުގައި ޒައިނިޒަމް އާލާކުރުމަށް ރާވާފައިވާ ރޭވުންތަކަކީ އަދުގެ ސައުދީ އަރަބިއްޔާގެ ޖިއޮގްރަފީގެ މައްޗަށް ބިނާވެފައިވާ ރޭވުންތަކެއް ކަމެވެ. އަދި ހަމައެހެންމެ، 1920 ގެ އަހަރުތަކުގެ ތެރޭގައި އެމްޕަޔަރުން ފަލަސްތީނުގައި ޒައިނިޒަމް ގެ ބިންގާ އަޅާފައިވާއިރުވެސް އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ސަރަހައްދު، މިއަދު ވަނީ ވައްހާބީންގެ ހަރުކަށި ހިޔާލުތަކާއެކު، ސައުދީންގެ ބެލުމުގެ ދަށުގައެވެ. އެހެންކަމުން، ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލާއި ސައުދީ އަރަބިއްޔާ އިން ވެސް ”މޮޑަރޭޓް ރެބެލްސް“ ނުވަތަ ”ޖިހާދީން“ ނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ކޮންމެއަކަސް ސިރިޔާ އަކީ ސިއްރާއި ފާޅުގައި ވެސް ފަލަސްތީނުގައި ޒައިނިސްޓުން ވަޒަންވެރިވުމާ ދެކޮޅަށް އަޑުއުފުލާފައިވާ ބައެކެވެ.
މެދު އިރުމަތީގެ ސަރަހައްދުތަކުގައި ހުޅަނގުގެ ގޮތްތައް ދިފާއުކުރުމުގައި ބްރިޓިޝް އެމްޕަޔަރަށް ވުރެ ބޮޑަށް ކުރިއަރާފައިވާ، ޔުނައިޓެޑް ސްޓޭޓްސް އިން އަސްކަރީ ގޮތުން އެސަރަހައްދުގައި ހަރަކާތްތެރި ވުމަށް ފަސްޖެހެމުންދާ މިދަނޑިވަޅުގައި، ބްރިޓިޝް އެމްޕަޔަރުގެ ބަލްފޯރ ޑިކްލަރޭޝަނުގައި ހިމެނޭ ދެގައުމު ކަމަށްވާ އިސްރާއީލާއި ސައުދީ އަރަބިއްޔާއިން، އެދެގައުމުގެ ބޭނުންތައް ހާސިލު ކުރުމަށްޓަކައި ފާޅުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.
:Notes
[1] Gary Troeller, “The Birth of Saudi Arabia” (London: Frank Cass, 1976) pg.91.
[2] Askar H. al-Enazy, “ The Creation of Saudi Arabia: Ibn Saud and British Imperial Policy, 1914-1927” (London: Routledge, 2010), pg. 105-106.
[3] ibid., pg. 109.
[4] ibid., pg.111.
[5] ibid.
[6] ibid.
[7] ibid., pg 107.
[8] ibid., pg. 45-46 and pg.101-102.
[9] ibid., pg.104.
[10] ibid.
[11] ibid., pg. 113.
[12] ibid., pg.110 and Troeller, op. cit., pg.166.
[13] al-Enazy op cit., pg.112-125.
[14] al-Enazy, op. cit., pg.120.
[15] ibid., pg.129.
[16] ibid., pg. 106 and Troeller op. cit., 152.
[17] al-Enazy, op. cit., pg. 136 and Troeller op. cit., pg.219.
[18] David Howarth, “The Desert King: The Life of Ibn Saud” (London: Quartet Books, 1980), pg. 133 and Randall Baker, “King Husain and the Kingdom of Hejaz” (Cambridge: The Oleander Press, 1979), pg.201-202.
[19] Quoted in al-Enazy op. cit., pg. 144.
[20] ibid., pg. 138 and Troeller op. cit., pg. 216.
[21]In the original full length BBC iPlayer version this segment begins towards the end at 2 hrs 12 minutes 24 seconds.
[22] al-Enazy op. cit., pg. 153.
[23] Eugene Rogan, “The Arabs: A History”, (London: Penguin Books, 2009), pg.220.
3 Responses
އަޅުގަނޑަށް މި ލިޔުމުން ވަރަށް ގިނަ ކަންކަމަށް ލޯ ހުޅުވިއްޖެ. ޢިބާރާތްކުރުން ވެސް ފިސާރި ދިވެހި ވަންތަ. އެކަމަކު އުސުމާނީންނަށް އޮޓޮމަންއޭ ލިޔަން ޖެހޭ ޢިލްމީ ސަބަބެއް އަދި ސަގާފީ ސަބަބެއް ވެސް އޮތްކަމަކަށް ނުދެކެން.
މިބާވަތުގެ ކަންކަމާއި އަހަރުމެން ވާހަކަދައްކާ އުޅޭކަށް ނުޖެހޭނެ ކަމުގައި ދެކެން. މިފަދަ މައުލޫމާތު ވިކިޕީޑިއާތަކުން ހޯދަން ބޭނުން މީހަކަށް ބޭނުންވަރަކަށް ލިބެން އެބަހުރި. މިހަމުގެ އާރާސްތާއިމެދު ދިރާސާކޮށް ކުރިމަގު ހޯދޭތޯ ބަލަންވީ.
ހުސް ސާބިތު ނުކުރެވޭ ތުހުމަތު ތަކެއްގެ މައްޗަށް ބިނާ ކުރެވިފައިވާ ލިޔުމެއް، އަހަރުމެންނަށް ދުވަހަކުވެސް އެއްވެސް މީޑިއާއަކުން ސައޫދީއޭ ސައުދީ ވެރިންނޭ ކިޔާފަ ރަނގަޅު ޙަބަރެއް ނުފެނޭ. އެހެނަސް ހަޤީގަތަކީ ސައުދީއިން ޤުރުއާނާއި ސުންނަތައް ދޭ ޤަދަރުދޭ އިތުރު އެހެން ޤައުމެއް މި އުޑުދަށު ނެތްކަން، ވަހުމްގެ ލޯމަރައި ހަޤީޤަތަށް ލޯހުޅުވާލި ކޮންމެ މީހަކަށް ފެންނާނެ ސައުދީގައިވާ އަމާންކަމާއި ޤުރުއާންގެ ހުކުމްތަކަށް ޢަމަލު ކުރާވަރު