ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމަކުން، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު ހާސިލެއް ނުކުރެވޭނެ: ނައިބު ރައީސް

Loading

Facebook
Twitter
WhatsApp

ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމަކުން، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު ހާސިލެއް ނުކުރެވޭނެ ކަމަށާއި ޤާނޫނުގައި ބުނާގޮތަށް، ޤާނޫނުން އަންގާގޮތަށް ކަންތައްތައްކޮށް، ޢަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

”ފުލުހުންގެ އެންމެ އިސް ވާޖިބަކަށް މިވަނީ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެންމެމަތީ މަޞްލަޙަތު ރައްކާތެރި ކުރުން.“ ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފެއްޓެވުމާއި ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. “ އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، އެންމެހައި ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމުކޮށްދިނުމަކީ އެއީ ފުލުހުންގެ އެންމެ އިސް ވާޖިބު.“

ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ، މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކާއި، ކުޑަކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާތަކާއި، އަންހެނުންނަށް ކުރެވޭ އެކިކަހަލަ ގޯނާތަކާއި، ވައްކަމާއި ފޭރުމާ، އަދި އެނޫންވެސް އެކިއެކި މައްސަލަތައްކަން ފާހަގަކުރެއްވިއެވެ. ”މިއީ އަޅުގަނޑުމެން މިއަދު މިކަމަށް ފުންކޮށް ވިސްނައި، އާ ޤާނޫނެއް ލިބިގެންދާއިރު، އާ ހިތްވަރަކާއި، އާ ޢަޒުމަކާއެކު އެންމެން އެކުގައި، ވަކިން ޚާއްޞަކޮށް، ފުލުހުންގެ ބޭފުޅުން މަސައްކަތަށް ނުކުންނަވާއިރު، މުޅި ޤައުމުގެ ހުރިހާ އެންމެން ވިސްނަންޖެހޭނެ ކަމެއް.“ ނައިބު ރައީސް ވިދާޅުވިއެވެ. ”މި ޤައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި ޢާއިލާއަކަށް ނިސްބަތްވާ، ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫން. ޤައުމުގައި ހުރި ހުރިހާ މައްސަލަތަކަކީ، އެ މައްސަލަތައް ހުރުމުން، ޤައުމުގެ އެންމެހައި ރައްޔިތުންނަށް، އޭގެ ސަބަބުން ހިތާމަޔާއި، ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައް.“

ފުލުހުންނާ މުޚާޠަބު ކުރައްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި اللهُ سُبْحَانَهُ وَتَعَالَى ގަންދީ ކުރެވޭ ހުވަޔަކީ އެއީ އާދައިގެ ކަމެއް ނޫންކަމަށާއި ތިމާގެ ވާޖިބު އަދާކުރާ، ތިމާގެ ޒިންމާ އަދާކުރާ ކޮންމެ ވަގުތަކުމެ، އެ ހުވާގެ މަތީގައި ދެމިހުރުން ލާޒިމުވާ ކަމެއްކަމަށް ވިދާޅުވިއެވެ. ”ޤާނޫނީ ޒިންމާ އަދާކުރުމުގައި، ޤާނޫނުން މަތިކޮށްފައިވާ ހުރިހާ ގޮތަކަށް ތިމާގެ ޢަމަލު ބެހެއްޓުމަކީ، އެއީ ކޮންމެހެން އެމީހަކު ކުރަންޖެހޭނެ ކަމެއް.“ ނައިބު ރައީސް ވިދާޅުވިއެވެ. ”ހުވައެއް ކުރުމަކީ، އެ ހުވާ ކުރުމުން އެމީހާގެ މައްޗަށް އެހެން މީހުންގެ އިތުބާރު ބޮޑުވެގެންދާ ކަމެއް. ހުވަޔާ ޚިލާފުވުމަކީ، އޭގެ ސަބަބުން ބޮޑެތި ޢުޤޫބާތްތައް، އެމީހަކަށް ލިބިގެންދާނެ ކަމެއް.“

ނައިބު ރައީސްގެ ވާހަކަފުޅުގައި ޤައުމީ ޚިދުމަތުގައި، ޤައުމީ ވާޖިބު އަދާކުރުމުގައި މަސައްކަތް ކުރިއަށް ގެންދެވުމަށް ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް