ވޯޓުގެ ޝަރުޢީ ހައިސިއްޔަތު: ވޯޓަކީ ދީނާއި ޤައުމަށްޓަކައި އަދާކުރަންޖެހޭ ވަރަށް ބޮޑު ވަރަށް ބުރަދަން ހުރި އަމާނާތެއް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ބޮޑު އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް ޕާކިސްތާނުގެ ވަރަށް މަޝްހޫރު ޢިލްމުވެރިއެއް އަދި ސިޔާސީ ޝަޚުޞިއްޔަތެއްކަމުގައިވާ މައުލާނާ ކައުޘަރު ނިޔާޒީ ވޯޓާ ގުޅޭ ގޮތުން ދެއްވާފައިވާ ހުކުރު ޚުޠުބާއެއްގެ ތަރުޖަމާ ރާއްޖޭގެ އެންމެ މަޝްހޫރު އެއްލިއުންތެރިޔާ ޢަބްދުﷲ ފާރޫޤް ޙަސަން ތަރުޖަމާ ކުރައްވައި ފޮތެއްގެ ސިފައިގައި ނެރުއްވައިފިއެވެ. އެ ފޮތުގެ ނަމަކީ ”ވޯޓުގެ ޝަރުޢީ ހައިސިއްތު“ އެވެ.

”ވޯޓުގެ ޝަރުޢީ ހައިސިއްތު“ ކިޔާލުމުން އެނގުނީ އަޅުގަނޑުމެންގެ ޤައުމީ ކަންކަމުގައި މިދޭ ވޯޓަކީވެސް މާތް ﷲގެ ޙަޟުރަތުގައި މަސްއޫލު ވާންޖެހޭނެ ކަމެއްކަމެވެ. ވޯޓަކީ އެންމެ ބޮޑު އަގެއް ހުށަހަޅާފަރާތަކަށް ވިއްކައިލަންވީ މުދަލެއް ނޫންކަމެވެ. ނުވަތަ ގާތް މީހަކަށް ދޭންވީ ހަދިޔާއެއް ވެސް ނޫންކަމެވެ.

ފޮތުގެ ”ފެށުމުގެ ބަސް“ގައި ޢަބްދުﷲ ފާރޫޤް ޙަސަން ލިއުއްވާފައިވެއެވެ.

”ޝައްކެއްނެތެވެ. ޤައުމެއްގެ ޙަޔާތުގައި ވޯޓަކީ ވަރަށް މުހިންމު އެއްޗެކެވެ. ވޯޓުދޭ މީހުންނާއި ވޯޓު ހޯދާ މީހުން އެކަމުގެ ހެއު ނުބަޔާ މެދު ވިސްނަންޖެހޭ ކަމެކެވެ. މުސްލިމުންގެ މެދުގައި އެބައި މީހުންގެ ސިޔާސީ ނިޒާމު ރާވައި އެކަށައަޅަން ޖެހެނީ ޝޫރާގެ މަތިވެރި އުސޫލުންނެވެ. މިޒަމާނުގައި ދުނިޔޭގެ އިޖުތިމާޢީ ޙާލަތަށް އައިސްފައިވާ ބަދަލުގެ ސަބަބުން މަޝްވަރާގެ ޤާއިމުމަޤާމެއް ކަމުގައި ގަބޫލުކުރާން ޖެހެނީ ވޯޓު ނެގުމެވެ. އެހެން ކަމުން ވޯޓު ދޭންޖެހެނީ، ޤައުމުގައި އޮންނަން ޖެހެނީ ކޮންކަހަލަ ވެރިކަމެއްކަމާއި މާތް ﷲ މިއުންމަތުގެ މައްޗަށް ވާޖިބުކުރައްވައިފައި ކޮންކަހަލަ ވެރިކަމުގެ ނިޒާމެއް އުފެއްދުންކަން ފިސާރި ރަނގަޅަށް ހަނދާން ބަހައްޓައިގެންނެވެ. އުންމަތުގެ މަޞްލަޙަތަށް ވިސްނައިގެންނެވެ. ވޯޓުދޭންވާނީ ވޯޓުދިނުން ޙައްޤު މީހުންނަށެވެ. އިސްލާމީ އުންމަތެއްގައި ވަލިއްޔުލްއަމުރުން ކަމުގައްޔާއި ޝޫރާގެ މެންބަރުންކަމުގައި ވުމުގެ ސިފަ ލިބި ތިބި ބަޔަކަށެވެ. ކަންމިހެން ހުރިކަމުގައިވިޔަސް މިހާރު މިކަން ހިނގަނީ މިހެންނެކޭ ނުދެންނެވޭނެއެވެ.

ރާއްޖޭގެ އެންމެފުރަތަމަ ޖުމްހޫރިއްޔާގައި ވެސް ދެވަނަ ޖުމްހޫރިއްޔާ ގައިވެސް ކުޑަކާފާއި ބޮޑުކާފުގެ ވާހަކަޔަކީ އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. ރައްޔިތުންގެ މަޖްލިސްގެ ވޯޓާމެދު ތާރީޚީގޮތުން ވިސްނާއިރު އެންމެ ފުރަތަމަ ޖުމުހޫރިއްޔާގައި ރައްޔިތުން އެކަމާ ވިސްނާކަށެއް ނުޖެހެއެވެ. ޤައުގެ ރައީސް އެކަން ހަމަޖައްސައިލައްވަނީއެވެ. މަޖްލިހަށް މެންބަރުން އިންތިޚާބުކުރަން އަތޮޅުތަކުން ބަޔަކު އާދެއެވެ. އެމީހުންނަށް ލިބޭ އިރުޝާދާ އެއްގޮތަށް އެކަން ހަމަޖެހިގެން ދަނީއެވެ.

ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބާމެދު ވިސްނާއިރު ދެވަނަ ޖުމްހޫރިއްޔާގެ އެންމެ ފުރަތަމަ ރައީސް އެކަމަށް މާބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވިކަމެއް ހަމަގައިމުވެސް އަޅުގަނޑު ނުދެނެހުރީމެވެ. ނަމަވެސް ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސާ ހަމައިން އެކަމަށްވެސް ނުފޫޒު ވަންނާން ފަށައިފިއެވެ. ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބާ ވިދިގެން ނުފޫޒުތަކެއް ހުރިކަމުގައިވިޔަސް ވޯޓުގެ ވިޔަފާރި ފެށުނުކަމުގައި އަޅުގަނޑަށް ފާހަގަ ކުރެވިފައި ވަނީ ދެހާސްވަނަ އަހަރާ ހަމައިން ފެށިގެންނެވެ. މިހާރު ދެން ވޯޓުގެ ނަން ކިޔައިލެވޭނީވެސް ކޮފީ މޭޒެއްގެ ދޮށުގައި ތިބެއެވެ. މެބަރުންގެ މުހުތާދުތައް ސިޔާސީ ދާއިރާއިން ފުދުން އިތުރުވުމާއި މެންބަރުންގެ މުސާރައަށް އައި ހެޔޮ ބަދަލާއެކު އެކަން މިހާރު ވަނީ އާލޭ ގޮވައިލައިފައެވެ. ރިޔާސީ އިންތިޚާބަކީ ……. ހަމަ ރިޔާސީ އިންތިޚާބެވެ.“

މި ފޮތުގައި ވޯޓަކީ ކޮން އެއްޗެއްތޯއާއި ވޯޓުގެ ބޭނުން ކުރާންވާނީ ކޮންކަހަލަ ބަޔަކަށް ލާބައާއި މަންފާކުރާ ގޮތަކަށްތޯ އާއި އެކަމުގައި ދީނީ އިންތަކާއި އިރުޝާދުތައް ހާމަކޮށްދީ އޮޅުންފިލުވައިދީފައި ވެއެވެ. އަދި ވޯޓުގެ ޝަރުޢީ ހައިސިއްޔަތު ވަރަށް ރަނަގަޅަށް ބަޔާންކުރައްވާފައިވެއެވެ. އަދި ވޯޓަކީ ހެކިދިނުމެއްކަމާއި ވަކާލާތު ކުރުމެއްކަމާއި ކެންޑިޑޭޓުން ވާންޖެހެނީ ކޮންކަހަލަ ބަޔަކަށްކަން ވަރަށް ފުރިހަމަޔަށް ބަޔާންކުރައްވާފައިވެއެވެ.

”ވޯޓުގެ ޝަރުޢީ ހައިސިއްޔަތު“ މި ފޮތުގެ އެންމެ ފަހު ޕެރެގްރާފުގައި ލިޔެފައިވެއެވެ.

”އިންތިޚާބަކީ ޤައުމެއްގެ ޙަޔާތުގައި އިންތިހާދަރަޖައިގެ މުހިންމު ކަމެކެވެ. މިފަދަ ވަގުތުތަކުގައި ހެޔޮވިސްނުމުގެ ބޭނުންކުރައްވައި ރަނގަޅު މީހުން އިންތިޚާބު ކުރައްވައިފިނަމަ ޙަޔާތުގެ މައިދާނުގައި ޤައުމު ދާނީ ކުރިއަރަމުންނެވެ. ޖުމުހޫރީ ނިޒާމު ދާނީ ބަދަހިވެ ވަރުގަދަވަމުންނެވެ. ރަނގަޅު ފުރަދާނުން ނުވަތަ ކެންޑިޑޭޓުން ނުހޮއްވަވައިފިނަމަ ގެއްލުން ލިބޭނީ ހަމައެކަނި ޤައުމުގެ ޖުމުހޫރީ ނިޒާމަކަށެއްނޫނެވެ. އަހަރުތަކެއް ވަންދެން ޤައުމަށްވެސް އެކަމުގެ ގެއްލުމާއި ހަލާކު ބަރުދާސްތު ކުރާން ޖެހޭނެއެވެ.

”ވޯޓުގެ ޝަރުޢީ ހައިސިއްޔަތު“ މި ފޮތް ވިއްކަން ހުރީ ރާދަ ބުކްޝޮޕްގައެވެ. ފޮތެއްގެ އަގަކީ 50ރ އެވެ.

މައުލާނާ ކައުޘަރު ނިޔާޒީ ވިދާޅުވާ ގޮތުގައި ދުނިޔެއަށް ހެއްލުންތެރިވާ މީހުން ވޯޓާ މެދު ދެކެނީ ރީތި ތަބަކެއްގައި ވަތްކޮށްފައި ކޮންމެވެސް ގާތް ބޭފުޅަކަށް ވެދުމަށް އަރުވަން އެންމެ ރަނގަޅު ހަދިޔާ ކަމުގައެވެ. ނުވަތަ ވޯޓަކީ އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލަންވީ އަގު ބޮޑު މުދަލެއް ކަމުގައެވެ. ނަމަވެސް ދީނީ ވިސްނުމަކުން ވޯޓާމެދު ވިސްނާ އިރު ވޯޓަކީ ދީނާއި ގައުމަށް ޓަކައި އަދާކުރަން ޖެހޭ އަމާނާތެކެވެ. ވޯޓުގެ ބޭނުންކުރާން ވާނީ ދީނާއި ގައުމުގެ މަސްލަހަތަށް ވިސްނައިގެންނެވެ.

 

 

Loading

One Response

  1. އަހަރެމެން އެބަޖެހޭ ހަމަބުއްދީގައި ތިބެ ކޮންމެހެންވެސް މި ބޮޑު ޒިންމާ ވޯޓްލާން. އެހެނީ ރައްޔަތުން ހެޔޮލަފާ، ތަޢުލީމީ މީހުންނަށް ޖާގަނުދީ ބަކަރި ކަރުގައިވެސް ކޮންމެވެސް ޕާޓީއެއްގެ ޓެގް އަޅުވައިގެން އައިސް އެމީހާ އެވަގުތަކަށް އެންމެ ބޭނުންކަމެއް ކޮށްލަދޭން ބުނީ ވޯޓުގަނޑު ވިއްކާނުލާން. އެހެނީ އެވޯޓް ވިއްކާލުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދީނީ ގޮތުންވެސް ދުނިޔެވީގޮތުންވިޔަސް. ދީނީ ގޮތުން އެއީ ބޮޑުވެގެންވާ ޚިޔާނާތެކެވެ. ދުނިޔެވީގޮތުން ތިމާގެ ދެން އޮތް 5 އަހަރުދުވަހަށް ތިމާ ދިރިއުޅުމުގެ ހުރިހާކަމަކަށް އައްފޯރުވޭބަޔަކަށް އެވޯޓްދީގެން ވިއްކާލައިގެން ގެނެވޭ މީހާވާއިރު ދެންފަހެ ދެރަކަމުގެ ކޮޅެއް އެބައޮތްތޯއެވެ.
    މިހާރުވެސް ވެގެން މިއުޅެނީ އެގޮތެވެ. އޭރުބުނީ ގޯތިދެނަމޭ. ބަނޑުންނިކުންނައިރު ހަދިޔާ ފޮށްޓެއްލިބޭނެއޭ. ދީނޭ ގައުމޭ ރައްޔަތުންނޭ. އެބަފެނޭނު ވާނުވާ؟ ވީމާ ވޯޓްވިއްކާނުލައްވާ މާތްﷲ ދެކެދެނެވޮޑިގެންވާކަން ހިތުގައިބާއްވާ ކުރިމަތިލަގެން އުޅޭ މީހުންގެ ތެރެއިން އެންމެ ރަނގަޅުހެން ހީވާ މީހާއަށް ބިސްމިން ކިޔާފަ ވޯޓް ލައްވާށެވެ. ބަދަލަކީ ރައްޔަތުމީހާ ގެންނާނެ އެއްޗެއްކަން ޚާދިމުންނަށް އެނގޭނީ އޭރުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް