އިންޑިއާގައި ބަންގީގެ އަޑު އުނދަގުލަކަށް ވުމުގެ ޝަކުވާ ބޮޑުވަނީ

Loading

Facebook
Twitter
WhatsApp

ފަތިސްނަމާދުގެ ބަންގި ތާޅަފިލިން ގޮވާއިރު މާބޮޑަށް އަޑުގަދަކަމަށް ބުނެ އުއްތަރު ޕްރަދޭޝްގެ ސަރުކާރުގެ ވަޒީރަކު ނުރުހުން ފާޅުކޮށްފިއެވެ. އޭނާ ބުނިގޮތުގައި ފަތިސްނަމާދުގެ ބަންގީގެ އަޑު މަޑުކޮށް، ބޭނުމެއް ނެތް ތާޅަފިލި މިސްކިތުގެ މުންނާރުން ނަގަންޖެހެއެވެ.

އާނަންދު ސަރޫޕް ޝުކުލާ އަވަށުގެ މެޖިސްޓްރޭޓަށް ފޮނުވި ޝަކުވާގެ ސިޓީގައި ބަޔާންކޮށްފައި ވަނީ ރެޔާއި ދުވާލު މިސްކިތްތަކުން ބަންގިގޮވާތީ ޔޯގާ ހެދުމަށާއި ހިންދޫންނަށް އަޅުކަން ކުރުމަށާއި އޮފީހުގެ މަސައްކަތްކުރަން ދަތިވާކަމަށެވެ.

އާނަންދު ސަރޫޕް ޝުކުލާގެ ޝަކުވާ ގެ ސިޓީގައި މިސްކިތްތަކާއި ކައިރީގައި އެތައް ސްކޫލެއް ހުންނަކަމަށާއި ބަންގީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ވަޒީރު ޝުކުލާ ވިދާޅުވިގޮތުގައި އަޑުގަދަކޮށް ބަންގި ގޮވުމުގެ އިތުރަށް މިސްކިތު ފަންޑަށް އެހީވުމަށް އެދި ގޮވުން ފަދަ ކަންތައްތައް ކުރުމުގެ ސަބަބުން ގޭގޭގައި ދިރިއުޅެމުންދާ އުމުރުން ދުވަސްވީ މީހުންނަށާއި ބަލިމީހުންނަށް އުނދަގޫވެއެވެ.

ވަޒީރު ޝުކުލާގެ ޝަކުވާތަކާ ގުޅިގެން މުސްލިމުންގެ އިސްފަރާތްތަކުން ބުނީ ބަންގި ގޮވުމާ ދެކޮޅަށް ވާހަކަދައްކަމުންދަނީ ދީނީކަންތައްތައް ހުއްޓުވައި ބައިބައި ކުރުމުގެ ބޭނުމުގައެވެ. އަދި އެއީ ދީނީކަންތައްތަކުގެ ތެރެއަށް ވަދެ ފިތުނަ އުފެއްދުމަށް ކުރާ ކަމެއްކަމަށެވެ.

ދިއްލީގެ މިސްކިތެއްގެ އިމާމެއްކަމުގައިވާ މުފްތީ މުކައްރަމް އަޙްމަދު ވޮއިސް އޮފް އެމެރިކާއާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ތާޅަފިލިން ބަންގި ގޮވުމާ ދެކޮޅު ހަދަނީ މަޒުހަބުގެ ނަމުގައި ބައިބައިވުން އުފައްދައި ނަފުރަތުގެ ސިޔާސަތެއް ފަތުރަން ބޭނުންވާ މީހުންކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރކަން ހައްދުފަހަނަޅާފައިވާ ހިންދޫއެއްކަމުގައިވާ ޔޯގީ އަދުތިޔާނާތުއަށް ލިބިވަޑައިގެންނެވި ފަހުން މިސްކިތްތަކުން ތާޅަފިލި މަދުކުރަން އެންގުމުން އެ އަމުރަށް ވެސް މުސްލިމުން ވަނީ ކިޔަމަންވެފައެވެ.

މުފްތީ މުކައްރަމް އަޙުމަދު ވިދާޅުވި ގޮތުގައި އާއްމު ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދޭން ސަރުކާރު ވަނީ ނުކުޅެދިފައެވެ. އެހެންވެ އާއްމުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަންވެގެން ސަރުކާރުން ގެންގުޅޭ އެޖެންޑާއަކީ މިސްކިތްތަކާ ދިމާކުރުމެވެ.

މުފުތީ މުކައްރަމް އަޙްމަދު ވިދާޅުވިގޮތުގައި ބަންގީގެ އަޑު އާދަޔާ ޚިލާފަށް ގަދަނަމަ އަޑު މަޑުކުރެވިދާނެއެވެ. އަދި ތާޅަފިލި ބޭނުން ކުރަނީ ބޭނުން ކުރަންޖެހޭ ވަގުތުތަކުގައެވެ. ބޭނުމެއް ނެތް ގޮތެއްގައި ތާޅަފިލި ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

މުފުތީ މުކައްރަމް ވިދާޅުވިގޮތުގައި މިހާތަނަށް އައިއިރު ތާޅަފިލި ބޭނުންކޮށްގެން ބަންގި ގޮވުމާ ދެކޮޅަށް އެއްވެސް ބަޔަކު ޝަކުވާކޮށް ނުރުހުން ފާޅުކޮށްފައެއްނުވެއެވެ. އޭނާ ސުއާލުކުރެއްވި ގޮތުގައި ކުއްލިއަކަށް ބަންގީގެ އަޑުގަދަކަމަށް ބުނެ ބައެއް މީހުން ޝަކުވާކުރަން ފެށީ އެމީހުންގެ ކަންފަތް މާބޮޑަށް ބަލިކަށިވީ ހެއްޔެވެ؟ ނޫންނަމަ އެހެން މަޒުހަބުތަކުގެ މީހުންގެ ކަންތައްތަކާ ޝަކުވާ ކުރާ މީހުން ނުރުހި ނުގަބޫލު ވާން ފެށީ ހެއްޔެވެ؟

އިންޑިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހާ ކަންޑޯރީ ބުނިގޮތުގައި ގައުމުގެ ހުރިހާ އެންމެންނަށް ވެސް އެމީހެއްގެ މަޒުހަބާ އެއްގޮތަށް ކުރިއަށް ދިއުމުގެ ހައްގު ގާނޫނު އަސާސީން ވަނީ ލިބިދީފައެވެ.

”ބަންގީގެ އަޑުން އުނދަގޫވާ މީހުންގެ އިންސާނީ އަދި ގާނޫނީ ހައްގުތަކެއް ވާނަމަ، ބަންގި ގޮވާ މީހުންގެ ވެސް އިންސާނީ އަދި ގާނޫނީ ހައްގުތަކެއްވޭ.“ މީހާ ކަންޑޫރީ ބުންޏެވެ.

ވޮއިސް އޮފް އެމެރިކާއާ ވާހަކަދައްކަމުން މީނާ ބުނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ މަޒުހަބާ އެއްގޮތަށް ކުރިއަށް ދިއުމުގެ ހައްގު ގާނޫނު އަސާސީން އެމީހަކަށް ލިބިދީފައިވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި ރޭގަނޑު 10ގެ ކުރިން އަދި ފަތިހު 5 ގެ ފަހުން ބަންގި ގޮވާނަމަ، އެކަމާ އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

”ހަމައެކަނި ބަންގިން އުނދަގޫ ވާނަމަ އެއީ ވަރަށް ބޮޑަށް ސުއާލު އުފެދޭކަމަކަށްވާނެ. ބަންގީގެ އަޑުން އުދަނގޫ ވާމީހުންނަށް އެހެން ބައެއްކަންތައްތަކުން ވެސް އުނދަގޫވާންޖެހޭނެ. އޭރުން ހުރިހާތަނެއްގައި ވެސް ތާޅަފިލި ބޭނުން ކުރުން ޖެހޭނީ މަނާކުރަން. ހިންދޫންނަށް ވެސް ޖެހޭނީ އަޅުކަން ކުރުމުގައި އަޑުގަދަވާ ތަކެތި ބޭނުން ކުރުން މަނާކުރަން.“ މީހާ ކަންޑޫރީ ބުންޏެވެ.

ކުޑަދުވަސްކޮޅެއް ކުރިން އިލާހު އާބާދު ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ސަންގީތާ ސްރީވާސްތޯ ވެސް އޭނާގެ ގޭގެ ކައިރީގައި ހުންނަ މިސްކިތަކުން ފަތިސްނަމާދުގެ ބަންގި ގޮވާތީ ނުނިދޭކަމަށް ބުނެ ކަމާ ބެހޭ ފަރާތްތަކަށް ޝަކުވާ ކުރިއެވެ. އޭނާގެ ޝަކުވާތަކުގެ ތެރޭގައި ބަންގީގެ އަޑަށް ހޭލެވޭކަމަށާއި އޭގެ ފަހުން ނިދަން އުޅުނަސް ނުނިދޭކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ނިދި ފުރިހަމަނުވާކަމަށާއި ދުވާލު ހަތަރުދަމު ބޮލުގައި ރިއްސާކަމަށާއި ބަރާބަރަށް މަސައްކަތް ނުކުރެވޭކަމަށް ބުނެފައިވެއެވެ.

ސަންގީތާގެ ޝަކުވާތަކާ ގުޅިގެން ފުލުހުން މިސްކިތުގެ އިސްފަރާތްތަކާ ވާހަކަ ދެއްކުމުން އެމީހުން ބުނީ ތާޅަފިލިން ކުރިން ބަންގި ގޮވާއަޑު ދެބައިކުޅަ އެއްބަޔަށް މަޑުކޮށްފައިވާކަމަށެވެ.

ފަހަކަށް އައިސް އިންޑިއާގެ މުސްލިމުންނަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި ހިންދޫން ދަނީ ތަފާތު ގޯނާކޮށް، ދުއްތުރާތައް ކުރިމަތިކޮށް އަނިޔާ ދެމުންނެވެ.

އިންޑިއާގައި ދެ މިލިއަނެއްހާ މުސްލިމުން އުޅޭއިރު ބިލިއަނެއްހާ ހިންދޫން އުޅެއެވެ. ހިންދޫންނަކީ ވެސް ފަތިހު އަޅުކަން ކުރަން ތެދުވެ އެހެން މީހުންގެ ނިދި ނަގާލާވަރަށް ފައްޅިތަކުގައި އެކިއެއްޗެތި ތަޅައި އަޑުގަދަކުރަމުންދާ ބައެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް