ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން ސަލާމަތްވާން ޗައިނާއިން 1.5 ބިލިއަން ޑޮލަރގެ ލޯނެއް ނެގުމަށް މިއަދު އެއްބަސްވެ ސޮއިކޮށްފައިވާކަމުގައި ސްރީލަންކާގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ.
ސްރީލަންކާއިން މި ލޯނު ނަގަނީ ގައުމުގެ ދަރަނިބޮޑުވެ،އިގުތިސާދީ ހާލަތު މާބޮޑަށް ދަށަށް ގޮސްފައިވާތީ އެކަމުން އަރައިގަތުމަށެވެ.
ޗައިނާއިން ލޯނު ހޯދުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ޗައިނާއާ މަޝްވަރާކުރަމުންދާތާ މިހާރު ވަނީ ދެތިން މަސްދުވަސްވެފައެވެ. ލަންކާއަކީ ވަރަށް ގިނައަދަދެއްގެ މުދާ ޗައިނާއިން އެތެރެކުރާ ޗައިނާގެ އެކުވެރި ގައުމެކެވެ.
ފަހަކަށްއައިސް ދެކުނު އޭޝިއާގެ ގައުމުތަކުގެ މައްޗަށް ޗައިނާގެ އެހީއާއި ނުފޫޒު ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. ސްރީލަންކާއަށް އެހީވުމުގެ ގޮތުން އެ ގައުމަށް ބޮޑު ލޯނެއް ދޭން ޗައިނާއިން ނިންމީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތަރައްގީއަށް ޗައިނާއިން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކާއި އެ ގައުމުތަކުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގަން ޗައިނާއިން ދޭ ލޯނުތަކުގެ ސަބަބުން އިންޑިއާއާއި ހުޅަނގުގެ ބާރުތަކުން ވަރަށްބޮޑަށް ކަންބޮޑުވެ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ސްރީލަންކާގެ އިގުތިސާދު ދަށަށްގޮސް މުޅި ގައުމު ވަނީ ދަރަނިވެރިވެފައެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައެވެ. ޗައިނާ އާއި ސްރީލަންކާއަކީ ގާތް ގުޅުމެއް އޮންނަ އަދި އެގުޅުން އިތުރަށް ބަދަހިކުރަމުންދާ ދެ ގައުމެވެ.
ސެންޓްރަލް ބޭންކް އޮފް ސްރީލަންކާއިން މައުލޫމާތުދިން ގޮތުގައި ޗައިނާއިން ބޮޑު ލޯނެއް ނަގަނީ 3 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށެވެ. ޗައިނާއިން ސްރީލަންކާއަށް މި ލޯނުގެ ދަށުން ޖުމްލަ 10 ބިލިއަން ޔުއާން ދަރަނީގެ ގޮތުގައި ދޭނެއެވެ. އެއީ 1.5 ބިލިއަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ.
މީގެ އިތުރުން އަދި 700 މިލިއަން ޑޮލަރުގެ އަދަދެއް ޗައިނާގެ ސެންޓްރަލް ބޭންކުން ނެގުމާބެހޭ މަޝްވަރާތައް މިހާރު ކުރަމުންދާކަމަށް ވެސް ސްރީލަންކާގެ ސެންޓްރަލް ބޭންކުގެ އޮފިޝަލުން ވަނީ މައުލޫމާތުދީފައެވެ.
ސްރީލަންކާގައި 2009 ވަނަ އަހަރު ހިނގި ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ އިގުތިސާދު ދަށަށް ދިޔަ ދަނޑިވަޅަށްފަހު، އެކަމުން އަރައިނުގަނެވެނީސް، ކޮރޯނާ ވައިރަހުގެ ވަބާ ކުރިމަތިވުން ސްރީލަންކާއަށް އެގައުމުގެ އިގުތިސާދު ތަހަންމަލު ކުރެވޭވަރަށްވުރެ ބޮޑަށް ވަނީ އަޑިއަޅާލާފައެވެ. ނަތީޖާއެއްގެ ގޮތުން 3.9 އިންސައްތައިގެ ގެއްލުމެއް ފާއިތުވީ އަހަރު ސްރީލަންކާގެ އިގުތިސާދީ ކުރިއެރުމަށް ވަނީ ލިބިފައިވެއެވެ. އަދި ފޮރިން ރިޒާރވްސް 4.5 ބިލިއަން ޑޮލަރުގެ އަދަދަކަށް ވަނީ ދަށަށްގޮސްފައެވެ. މީގެ ކުރިން ސްރީލަންކާގެ ފޮރިން ރިސާރވްސްގެ އަދަދަކީ 8 ބިލިއަން ޑޮލަރެވެ. މިކަމާ ގުޅިގެން ލަންކާއިން ވަނީ ބޭރު ގައުމުތަކުން ލަގްޒަރީ މުދަލާއި ކާރު ފަދަ ދުއްވާ އުޅަނދުތަކާއި އެހެން ބައެއް ބާވަތްބާވަތުގެ މުދާވެސް އެތެރެކުރުން މަނާކޮށް، ބޭރު ފައިސާގެ ރިޒާވް އިތުރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.