އައްޑޫގެ ތަރައްގީއަށް އަނެއް ކަންތައް: ހަންކެނޑެ އާއި ސަވާހިލި، 2000 އެނދު، ތަރައްގީ ކުރާނީ ކިހިނެއް؟ ކޮންބައެއް؟ ކޮންދުވަހަކު؟

Loading

Facebook
Twitter
WhatsApp

އަތޮޅުތަކުގެ ރައްޔިތުން ތިބީ ތަރައްގީއަށް ކަރުހިއްކައިގެންފައެވެ.

އައްޑޫގެ ރައްޔިތުން ތިބީ ވަޒީފާއާއި ތަރައްގީއަށް އެދިއެދި މާޔޫސްވެފައެވެ. އެހެން ތިއްބާ ކުއްލިއަކަށް މި އިވުނީ އަނެއްކާވެސް އުއްމީދުން ފުރިގެންވާ ހުވަފެނީ ވާހަކައެކެވެ. ސަވާހިލި އާއި ހަންކެޑެ، މިދެރަށުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 200 އެނދެއްނޫން! 2000 އެނދު ތަރައްގީ ކުރާ ވާހަކައެވެ. ވާހަކަ ވިދާޅުވީ އާދައިގެ ބޭފުޅެއްނޫނެވެ. މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލެވެ.

އެމްޑީޕީ ކޯލިޝަން ސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓަރ ފައްޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ”ކޯޅުނަސް“ އުފާވެރި ޚަބަރެއް ވާނީ އުފާވެރި ޚަބަރަކަށެވެ.

އާދީއްތަދުވަހުގެ ރޭ އައްޑޫ ސިޓީއަށް ޚާއްޞަކޮށްގެން ބޭއްވި ”ރަށްވެހި ފަތިސް“ ކެމްޕެއިނު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީ ހަންކެނޑި އަދި ސަވާހިލިގައި އިންޓަރގްރޭޓަޑް ރިސޯޓް ޑިވެލޮޕްމަންޓް ކޮންސެޕްޓަށް ފަތުރުވެރިކަން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރ ފައްޔާޒުގެ ވާހަކަފުޅުގައި މަޝްރޫޢު ކުރިއަށް ގެންދާނެގޮތުގެ ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަން ތަރައްގީ ކުރުމަށް ”ބަރާބަރު“ ރަށްރަށުގެ ތެރޭގައި ނުހިމެނޭ ހަންކެޑެއާ އާއި ސަވާހިލި ފަތުރުވެރިކަމަށް ފައްކާ ކުރާ ވާހަކަ އަޑުއިވުމުން އައްޑޫ މީހުން ޚާއްޞަކޮށް އެމްޑީޕީއަށް ވަފާތެރި މީހުންނަށް ބޮޑު އުފަލެއް ލިބޭނެއެވެ. އެކަމަކު އެކަން ހަގީގަތަކަށް ހަދާނީ ކޮން ބައެއް ހެއްޔެވެ؟ އެކަން ހަގީގަތަކަށް ވާތަން ދެކެން ކިތައް އަހަރު އިންތިޒާރު ކުރަން ޖެހޭނެ ހެއްޔެވެ؟ މިދައްކަނީ އެންމެ 200 އެނދުގެ ވާހަކައެއްނޫނެވެ. މިދައްކަނީ 2000 އެނދުގެ ވާހަކައެވެ.

މިނިސްޓަރ ފައްޔާޒު ހަންކެނޑެ އަދި ސަވާހިލިގައި 2000 އެނދު އިންޓަރގްރޭޓަޑް ރިސޯޓް ޑިވެލޮޕްމަންޓް ކޮންސެޕްޓަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވާހަކަ ވިދާޅުވި އިރު، އައްޑޫގެ ވިލިގިއްޔާއި ހެރެތެރޭގައި ހިންގަމުން ދިޔަ ދެ ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އެ ދެރިސޯޓުގައި ވަޒީފާ އަދާކުރި މީހުން ވަނީ މަގުމަތިވެފައެވެ. އެ ދެ ރިސޯޓު ބަންދުކުރުމުން އައްޑޫގެ އެތައް ސަތޭކަ ނޫންނަމަ އެތައް ހާސް ބަޔަކަށް ވަނީ ސީދާކޮށް އަދި ނުސީދާކޮށް މާލީ ދަތިތަކާ ކުރިމަތިވެފައެވެ. ސަރުކާރުގެ ރަނގަޅުކަމަކީ އެ ދެ ރިސޯޓު ހުޅުވޭތޯ މަސައްކަތް ކުރަމުން ދާ ވާހަކަ މީޑިއާތަކަށް ހާމަކުރުމެވެ. ހުޅުވޭނެ ދުވަހެއް އެނވޮޑިގަންނަވަނީ ހެއްދެވި ފަރާތަށެވެ.

އައްޑޫގައި ހެދި ރިސޯޓްތައް ހެދީ ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އެމްޑީޕީގެ ވެރިކަމުގައި ދަނީ ގެސްޓް ހައުސް ހެދުމަށް ބިން ދޫކުރަމުންނެވެ. ފާއިތުވެ ދިޔަ ދެ އަހަރުގެތެރޭގައި ތިރީހަށްވުރެ ގިނަ ބިން ދޫކޮށްފިއެވެ. އިތުރު 62 ބިން ދޫކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ދިރިއުޅެން ގޯތި ލިބިފައި ތިބި މީހުންނަށް ފައިސާއާއި ލޯނު ނުލިބިގެން ގެ ނޭޅިފައި ތިބި ގޮތަށް ގެސްޓް ހައުސްއާއި ހޮޓާތައް އަޅަން ބިން ނެގި މީހުންނަށް ވެސް ފައިސާއާއި ލޯނުގެ ދަތިކަން ކުރިމަތިނުވެއްޖެނަމަ، ކިތަންމެހާ ވެސް ރަނގަޅެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ވާހަކަތަކުގެ އަޑު ރައްޔިތުންނަށް ދަނީ ތަކުރާރުކޮށް އަޑުއިވެމުންނެވެ. އޭގެތެރޭގައި އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީ ކުރުމަށް ސަރުކާރުން މަޝްރޫޢެއް ކުރިއަށް ގެންދާ ވާހަކަވެސް ހިމެނެއެވެ. ފަތުރުވެރިކަމުގެ ޚާއްޞަ ސަރަހައްދުތައް ކަނޑައަޅައި، 5 ސަރަހައްދަކުން 4000 އެނދު ތަރައްގީ ކުރުމުގެ ވާހަކަވެސް ދަނީ އިވެމުންނެވެ. އެއީ ހުވަފެނަކަށްނުވެ ބިލާހަކަށްނުވެ ހަގީގަތަކަށްވާން އެންމެންވެސް ބޭނުމެވެ.

ގަމުގެ އެއާޕޯޓު ތަރައްގީކުރުން

އައްޑު އަތޮޅު ގަމުގެ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީ ރިޕޯޓް ހެދުމަށްޓަކައި މިމަހުގެ ފަހުކޮޅު އިންޑިއާގެ ކޮންސަލްޓެންޓުން އައްޑޫއަށް ޒިޔާރަތްކުރާނެކަމަށް ވެސް މިނިސްޓަރ ފައްޔާޒު ވަނީ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ ފީސިބިލިޓީ ރިޕޯޓަށްފަހު، ދެން ހުރި މަސައްކަތްތައް ނިމި މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި އެއަރޕޯޓް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރެވޭނެކަމަށް ލަފާކުރެވޭނެކަމަށެވެ.

”އިގުތިސާދީ ނާރެސް ވަރުގަދަކުރުމަށްޓަކައި، ޚާއްޞަކޮށް ޓޫރިޒަމް ވަރުގަދަ ކުރުމަށްޓަކައި އެއާރޕޯޓް ހަދަން ޖެހޭ.“ ފައްޔާޒު ވިދާޅުވިއެވެ.

ގަމުގެ އެއާޕޯޓުގެ ހަރަކާތްތައް އިތުރުވެ، އެތަނަށް ފަތުރުވެރިން އަންނަން ފެށުމުން ފުވައްމުލަކާއި ހުވަދުއަތޮޅުގެ ފަތުރުވެރިކަމަށް ވެސް އައު ދިރުމެއް ލިބިގެންދާނެއެވެ.

އައްޑޫ ސިޓީގެ އެކިއެކި ޕްރޮޖެކްޓުތަކަށް 535 މިލިއަން

މިދިޔަ ދެ އަހަރުތެރޭ އައްޑޫ ސިޓީގެ އެކިއެކި ޕްރޮޖެކްޓުތަކަށް 535 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާދީއްތަ ދުވަހުގެ ރޭ ވަނީ ވިދާޅުވެފައެވެ.

”މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިފައި އޮތް އެއް ދާއިރާއަކީ އައްޑޫ ސިޓީ. ޕީއެސްއައިޕީން އެކަނި 535 މިލިއަން ރުފިޔާ މިދިޔަ ދެ އަހަރުގެ ތެރޭގައި އެކިއެކި ޕްރޮޖެކްޓުތަކަށް މިހާރު ހަރަދުކޮށް ނިމިއްޖެ.“ ރައީސް ވިދާޅުވިއެވެ.

އައްޑޫގެ ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކެއް

ރިސޯޓު ނެހެދިގެން، ރިސޯޓު ނުހުޅުވިގެން، ގެސްޓް ހައުސް ނެހެދިގެން ވަޒީފާނުލިބިގެން، ބައިނަލް އަގުވާމީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން، ރިސޯޓު ހަދާނޭ ބިން ނުހިއްކިގެން، މަގުތައް ނެހެދިގެން، ފެން ނުހިންދިގެން، ފުލެޓު ނޭޅިގެން، ގޯތި ނުލިބިގެން، ރަށް ގިރުމުގެ މައްސަލަތަކަށް ހައްލެއް ނުލިބިގެން، ފޭދޫގެ ހިއްކިބިމަށް ހަދާނެ ގޮތެއް ނޭނގިގެން، ސިއްހީ ޚިދުމަތުގެ ފެންވަރު ރަނަގަޅު ނުކުރެވިގެން، ކުނީގެ މައްސަލަތައް ހައްލު ނުކުރެވިގެން، ބައިނަލްއަގުވާމީ ބަނދަރެއްގެ މައްސަލަ ހައްލު ނުވެގެން، ފުލުހުންގެ ޚިދުމަތް ފުރިހަމަ ނުވެގެން، މަސްވެރިކަމުގެ ފެކްޓްރީތައް ނުނިމިގެން، ކުޅިވަރުގެ ވަސީލަތްތައް ގާއިމުނުކުރެވިގެން، އަދި މިނޫނަސް މިފަދަ އެތައް ކަމެއް ނުކުރެވިގެން އުޅޭ އައްޑޫ މީހުންނަށް މަދިރީގެ އުނދަގުލުން ވެސް އުޅެނީ ސަލާމަތް ނުވެވިގެންނެވެ. މަދިރީގެ އުނދަގުލުން ސަލާމަތް ނުވެވިގެން އުޅޭއިރު، މިލިއަން މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަގީގަތަކަށް ހަދަންޖެހިފައިވާ މަޝްރޫޢުތަކަށް ކުރިމަތިވާނެ ގޮންޖެހުންތައް ހަގީގަތަކަށް ހަދަން އަދި މާ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

އައްޑޫގައި މަދިރީގެ މައްސަލަ ބޮޑުވެ އެކަމަށް ހައްލެއް ނުލިބި އޮތްކަން ކެންޑިޑޭޓަކު ކެމްޕޭނު ބައްދަލުވުމުގައި ފާހަގަ ކުރެއްވުމުން ރައީސް ވިދާޅުވީ، އެފަދަ ކަންކަން ހައްލުކުރުން އެއީ ކައުންސިލްތަކުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

އައްޑޫގެ ރައްޔިތުން ތިބީ ވަޒީފާއާއި ތަރައްގީއަށް އެދިއެދި މާޔޫސްވެފައެވެ. އެހެން ތިއްބާ ކުއްލިއަކަށް ސަވާހިލިއާއި ހަންކެނޑެ 2000 އެނދުގެ މަންޒިލަކަށް ބަދަލު ވުމުގެ ކުލަ ހުވަފެނުގެ ވާހަކަ އިވުމުން މިއޮތީ އަނެއް ކަންތަކާ ލައިގެންފައެވެ. އެކަން ކުރާނީ ކިހިނެއް، ކޮންބައެއް ކޮން ދުވަހަކުން ބާވައެވެ؟ އައްޑޫގައި ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި ނަރުދަމާގެ މަސައްތައް ވެސް އަދި ނިމޭނެ ދުވަހެއް މިއުޅެނީ ނޭނގިގެންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އައްޑުއަށް ސަރުކާރުން ވެފައިވާ ވައުދުތައް ސަރުކާރުގެ ފަސް އަހަރު ތެރޭގައި ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

 

Loading

2 Responses

  1. މިކަހަލަ ހޮޅި އެތަށް ޝުރުޚީއެއް ފެންނާނެ. މިއީ އެއްކަލަ ދުވަސްވަރެއްނޫންތޯއެވެ. ކައުންސިލް އިންތިޚާބު ނިމުނީމާ މައިތިރިވާނެއެވެ. މިކަހަލަ ހޮޅިވާހަކަ ނުދައްކަންވީ ސަބަބެއްވެސް ނެތެވެ. އެޖެންޑާ19 ގެ ބެރުޖަހައިގެން ބޯކާލައިގެން މަޖިލީހު ސުޕަރ މެޖޯރެޓީވެސް ހަމަ ކާމިޔާބުކުރި ނޫންތޯއެވެ. އައްޑޫގެ ވެސް ގިނަ މީހުންނަކީވެސް ބޮޑު މަންޒަރު ހުވަފެނުން ދެކޭބައެކެވެ. ދޮގަށް ފަސޭހައިން ހެއްލޭ ބައެކެވެ. އަނެއްކާ ރައީސް އެވިދާޅުވީ އައްޑުއަކީ ރާއްޖެއާވެސް ވަކިން އޮންނަތަނެކޯ. އެހެންވީމާ ދަތިތަކެއް އެބަހުއްޓޯ އައްޑޫ ތަރައްގީ ކުރަން. އެހެން؟ އަނެއްކާ އިންޑިއާ މީިހުން އަތުން އޯކޭ ލިބެންޖެހެނީބާ އައްޑުއަށް ދާން. މަލިކަށް ވިހެން ހެދިޔަނުދެއްވައްޗެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް