މިނިސްޓަރު ނަސީމް ކަރަންޓީން ނުވާތީ އިދިކޮޅުން ކަންބޮޑުވެއްޖެ

Loading

Facebook
Twitter
WhatsApp

ރ.އަތޮޅު އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވާތީ މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އުނގޫފާރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި ނަމަވެސް އެ މުއްދަތުގައި އެ ރަށަށް ވަޑައިގަތް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ހިމެނޭހެން ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދު ކަރަންޓީނު ވެފައި ނުވާތީ އެބޭފުޅުން ކަރަންޓީން ވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

މިނިސްޓަރ ނަސީމާއިއެކު ސަރުކާރުގެ ވަފުދެއް އުނގޫފާރަށް ވަޑައިގެންނެވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ ބިންގާ އެޅުމަށެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އުނގޫފާރުން ކޮވިޑަށް ބަޔަކު ފައްސިވުމުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނު ވުމަށް އަންގާފައިވާ ކަމަށާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި މަޖިލިސް ބައެއް މެންބަރުންވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބޭފުޅުން މި މަހުގެ އަށް ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ ވެސް ބައްދަލުކޮށް އެރަށުގައި ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

”އެބޭފުޅުން ކަރަންޓީނު ވާން ނާންގާތީ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ. އުނގޫފާރުގައި ކޮވިޑް-19 ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށްވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފައި އެހެން އަތޮޅުތަކުންވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން އަންނައިރު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް މިކޯލިޝަނުން ގޮވާލަމެވެ،“ އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އުނގޫފާރުން ބަޔަކު ކޮވިޑަށް ފައްސިވެފައި ވާތީ މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އެ އެރަށުން އަތޮޅުތެރެއަށް ދަތުރު ކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އެ މުއްދަތުގައި އުނގޫފާރުން ދަތުރުކޮށް 10 ދުވަސް ހަމަ ނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެހެން ކަމުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ ބިންގާ އެޅުމަށް މިމަހުގެ އަށް ވަނަ ދުވަހު އެ ރަށަށް ގޮސް ހަމަ އެ ދުވަހު އެ ރަށުން ފޭބި ސަރުކާރުގެ ވަފުދު ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. ސަބަބަކީ އެ މީހުން އެ ރަށުން ފޭބި ފަހުން 10 ދުވަސް ވެފައިވާތީ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް