ސްމާޓް ލެންސް ބޭނުންކުރާތަން ގިނައިން ފެންނާނީ މަޝްހޫރު ފިލްމުތަކުންނެވެ. ތިމާގެ އަމިއްލަ ލޮލުން ކޮމްޕިއުޓަރަކަށް ފެންނަ ގޮތަށް ދުނިޔޭގެ ޗާޓުބަލާލައި އެއްޗިއްސާބެހޭ މައުލޫމާތު ވަގުތުން ހޯދާލާތަން ފިލްމުތަކުގައި ދައްކައެވެ. ގިނަބަޔަކަށް މިމަންޒަރު ވަރަށް ކަމުދެއެވެ. ހަގީގަތުގައިވެސް އެކަން ކުރެވޭނެ މަގު ތަނަސްވުމަކީ ގިނަބަޔެއް ކުރަމުން އައި އުންމީދެކެވެ. މިއަދު މި އުންމީދު ހާސިލުވުން މިވަނީ ވަރަށް ގާތްވެފައެވެ.
އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ މޯޖޯ ވިޝަންއިން ވަނީ ސްމާޓް ލެންސެއްގެ ނަމޫނާ އުފެއްދުމެއް އީޖާދުކޮށްފައެވެ. ތިންއަހަރު ދުވަހުގެ ތެރޭގައި މި އުފެއްދުން ބާޒާރަށް ނެރެވޭނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މި ސްމާޓް ލެންސުން އިންޓަރނެޓަށް ކަނެކްޓްވެވޭނެއެވެ. އަދި އޭގައި ހުންނަ މައިކްރޯ ޑިސްޕްލޭ ތަކެއްގެ ސަބަބުން އިންޓަނެޓުން ހޯދާލާ އެއްޗެއް ވަގުތުން ލޯމަތިން ފެންނަން ހުންނާނެއެވެ.
މޯޖޯ ވިޝަންގެ ސީއީއޯ ޑްރޫ ޕާރކިންސަން ވިދާޅުވިގޮތުގައި މި އުފެއްދުން މިހާރުވަނީ ޓެސްޓިންގެ މަރުހަލާތަކުގައެވެ. މި އުފެއްދުން ބާޒާރަށް ނެރުމުގެ ކުރިން އެޔަށް ބަދަލުތަކެއްގެނަސް ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މިހާރު މި ކުންފުނިން ވަނީ ޖަޕާނުގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ މެނިކޮންއާ ގުޅިގެން މަސައްކަތްތައް ފަށާފައެވެ.