ޔޫރަޕުގެ ބައެއް މީހުންގެ ހިތްތަކުގައި އިސްލާމް ދީނާ ދެކޮޅަށް އޮންނަނީ ޒަމާންވީ ހަސަދަވެރިކަމެއް

Loading

Facebook
Twitter
WhatsApp

ޔޫރަޕުގެ ސިޔާސީ ލީޑަރެއްގެ ގޮތުގައި ކުރިން އުޅުނު ޖޯރަމް ވަން ކްލެވަރެން ވިދާޅުވިގޮތުގައި އެގައުމުގެ ގިނަ ބައެއްގެ ހިތްތަކުގައި އިސްލާމްދީނާ ދޭތެރޭ އޮންނަ ޒަމާންވީ ނަފުރަތާއި ރުޅިވެރިކަން އަދިވެސް މުޅިއަކުން ފިލައިގެނެއް ނުދެއެވެ.

ނިއުޒީލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ހަމަލާދީ 51 މުސްލިމުން ޝަހީދުކޮށްލި ބްރެންޓަން ޓެރެންޓަކީ މިކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓެރެންޓް މި އަނިޔާވެރި އަމަލު ހިންގީ އޭނާގެ ހިތުގައި މުސްލިމުންނާ ދޭތެރޭއޮތް ރުޅިވެރި ކަމެއްގެ ސަބަބުންނެވެ. ލައިވް ސްޓްރީމްކޮށް އޭނާ މި ހަމަލާ ދިން އިރުގެ މަންޒަރުތައް ފެނުނު އެންމެނަށްވެސް މިކަން ވެގެން ދިޔައީ ކުއްލި ސިހުމަކަށެވެ. ވައިޓް ސުޕްރީމިސްޓް ޕްރޮޕަގެންޑާގެ ދަށުން 2019 ވަނަ އަހަރު މާރޗް މަހުގެ 15 ވަނަ ދުވަހު ނިއުޒީލޭންޑްގެ މިސްކިތަށް މި ހަމަލާ ދިން އުމުރުން 30 އަހަރުގެ ޓެރަންޓް މިހާރު ދަނީ އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

ދިރާސާތަކުގެ ނަތީޖާއިން ހާމަވާ ގޮތުގައި ޔޫރަޕުގެ 5 އިންސަތަ މީހުންނަކީ މުސްލިމުންނެވެ. އިސްލާމްދީނުގެ ހަތުރުން ދީނުގެ އަގު ވައްޓާލުމަށްޓަކައި ގިނަ ވާހަކަތައް ފަތުރަމުން ދާކަން ކްލެވަރެން ފާހަގަ ކުރިއެވެ. ޔޫރަޕުގައި މުސްލިމުން ބާރުވެރި ވިޔަ ނުދޭން އެފަރާތްތަކުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. މުސްލިމުންގެ ސަބަބުން ޔޫރަޕަށް ލިބިފައިވާ ކުރިއެރުންތަކުގެ ވާހަކަ ފޮރުވައި މީހުންނަށް އެނގުނަ ނުދިނުމަށް އެމީހުން މަސައްކަތްކުރެއެވެ. ހިސާބު އިލްމާއި އަލްޖެބްރާ ޔޫރަޕަށް ތައާރަފްކޮށް، ހަސްފަތާލުތައް އެންމެ ފުރަތަމަ ބިނާކޮށްފައި ވަނީ އިސްލާމީ ޙަޟާތަރުގެ ސަބަބުންކަން ޔޫރަޕުގެ ގިނަބަޔަކަށް ނޭނގެއެވެ.

ކްލެވަރެންއަކީ ކުރިން ނެދަރލޭންޑްސްގެ އެންޓި މުސްލިމް ޕާޓީއެއްގެ ގާނޫނީ ވަކީލެކެވެ. މުސްލިމުންނަކީ އަނިޔާވެރި ބައެއްކަމުގައި ވަކާލާތުކޮށް މުސްލިމުންނާ ދެކޮޅަށް ބިލެއް ފާސްކުރަންވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް 2018 ވަނަ އަހަރު އޭނާ ވަނީ އިސްލާމްދީން ގަބޫލުކޮށްފައެވެ. އޭނާ އިސްލާމްވުމުގެ ކުރިން މުސްލިމުންގެ ނުރައްކާތެރި ކަމާ ބެހޭ ފޮތެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް މި މަސައްކަތުގެ ތެރެއިން އޭނާވަނީ އިސްލާމްދީނުގެ ހިދާޔަތް ގަބޫލުކޮށްފައެވެ. އަދި އޭނާ އިސްލާމްވި ގޮތާ ބެހޭގޮތުން ފޮތެއްވެސް ނެރެފައިވެއެވެ.

ކްލެވަރެން އަކީ މިހާރު އެގައުމުގެ އިސްލާމް އެކްސްޕީރިއެންސް ސެންޓަރގެ ބޯޑުމެމްބަރެކެވެ. އަދި ޔޫރަޕުގައި އިސްލާމްދީނާ ބެހޭ ކަންކަން ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅޭ ބޭފުޅެއްވެސްމެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް