އުތުރު ތިލަފަޅު އެއްބަސްވުން: ބަރު ހަތިޔާރާއެކު ސިފައިން ނިކުތަސް އޭގައި ހުރިއެއްޗެއް ނެތް އެއްޗަކަށް ނުވާނެ އަދި ނެތް އެއްޗެއް ހުރި އެއްޗަކަށް ނުވާނެ

Loading

Facebook
Twitter
WhatsApp

ބަރު ހަތިޔާރާއެކު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ނިކުތަސް، އުތުރު ތިލަފަޅު އެއްބަސްވުމުގައި ހުރި އެއްޗެއް ނެތް އެއްޗަކަށް އަދި ނެތް އެއްޗެއް ހުރިއެއްޗަކަށް ނުވާނެއެވެ.

މައްސަލައަކީ ޢުމަރު ނަސީރެއްނޫނެވެ. މައްސަލައަކީ އިދިކޮޅު ޕާޓީތަކާއި އެ ޕާޓީތަކުގެ މެންބަރުންނެއް ވެސް ނޫނެވެ. އަދި މައްސަލައަކީ ނޫސްވެރިންނެއް ވެސް ނޫނެވެ. މައްސަލައަކީ ކަން ކުރާ ގޮތެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ރައްޔިތުންނަށް ވާއެއް ނުވާއެއް ނޭނގުމެވެ. ފެބްރުއަރީ 21 ގައި އިންޑިޔާ އާއި ރާއްޖެ އިން ސޮއިކުރި އުތުރު ތިލަފަޅުގެ އެގްރިމެންޓް ކަމަށް ބުނެ ލިއުންތަކެއް ބޭޒާރުކޮށްލެއްވީ ރާއްޖޭގެ ގައުމީ ސަލާމަތާއި މިނިވަންކަމާއި އިސްލާދީނުގެ ދިފާއުގައި އަބަދުވެސް ވާހަކަފުޅުދައްކަވާ ސިޔާސީ ލީޑަރެއްކަމުގައިވާ ޢުމަރު ނަސީރެވެ.

ޢުމަރު ނަސީރު ބޭޒާރުކޮށްލެއްވި އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނާ ލިއުންތަކުގައި ހުރި ވާހަކަތައް ފެނުމުން ގައުމުދެކެ ލޯބިވާ ދިވެހި ރައްޔިތުން ހިތްފަޅައިގެންދާވަރުވިއެވެ. އޭގައި ހުރި ވާހަކަތަކަށްބަލާއިރު ގައުމު އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ހިނގައިދާނެކަމުގެ ބިރު ހީވާކަމަށް ބުނެ މީސްމީހުން ވާހަކަދައްކަން ފެށިއެވެ.

އެނގިފައިވާ ގޮތުގައި އުމަރު ބޭޒާރުކޮށްލެއްވީ އިންޑިއާ ސަރުކާރުން ލިޔެފައި ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓެވެ.

މާލެ އަތޮޅުގައި އޮންނަ އުތުރު ތިލަފަޅު ތަރައްގީ ކުރަން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ހެދި އެއްބަސްވުން ކަމަށް ބުނެ ލިއުންތަކެއް އެނބުރެން ފެށުމުން އެއީ ހަގީގަތާ ޚިލާފު ދޮގު ލިޔުންތަކެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރުނެވެ.

ޑިފެންސުން ނެރުނު ނޫސް ބަޔާނުން ފުދުނުކަމަކަށް ނުވިއެވެ. ދެން ފެނުނީ އަންގާރަ ދުވަހު ރާއްޖޭގެ ބްރިގޭޑިއަރ ޖެނެރަލުންގެ ފައުޖަކުން ނޫސް ކޮންފަރެންސެއް ބާއްވައި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ހިމާޔަތުގައި ވާހަކަ ދެއްކެވިތަނެވެ.

އެމްއެންޑީއެފުން އަންގާރަދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ މައިގަނޑު ބޭނުމެއްކަމުގައި ފެނުނީ އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާއާ އެކު ސަރުކާރުން ވީ އެއްބަސްވުމާ ބެހޭގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދެކެވޭ ވާހަކަތަކަށް ރައްދު ދީ އެ އެއްބަސްވުމުގެ ދިފާއުގައި ވާހަކަދެއްކުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވި ހުރިހާ ބޭފުޅުންގެ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ރައްޔިތުން ކަންބޮޑުވާ ވަރުގެ ކަމެއް އެ އެގްރީމެންޓްގައި ނެތް ކަމަށެވެ.

ނަމަވެސް އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއި ކުރީ ޣައްދާރުންކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިޔައީ ރާއްޖޭގައި ގުގުމަމުންނެވެ.

އެމްއެންޑީއެފްއިން ބުނަމުން ދިޔައީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު އެއްބަސްވިޔަސް، އެ ރަށުގައި 100 އިންސައްތަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށޭ ބުނެ އަޑު އުފުލަމުންނެވެ. އަދި ދިވެހި ސަރުކާރުން ގާއިމު ކުރި އެއްބަސްވުމާ ގުޅިގެން ރައްޔިތުން އިތުބާރު ބޭނުންވާ ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.

އުތުރު ތިލަފަޅުގެ މަޝްރޫޢު ކުރިއަށް ގެންދަވަން ރައީސް ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އިންޑިއާގެ އެހީގައި އެ މަޝްރޫޢު ކުރިއަށް ގެންދަން ދިވެހި ސަރުކާރުން ބޭނުންވީ ހިނދު، އިންޑިއާއިން ބޭނުންވީ އިންޑިއާގެ ވެރިކަން އެތަނުގެ މައްޗަށް އޮންނަގޮތަށް މަޝްރޫޢު ކުރިއަށް ގެންދާށެވެ. އެ ގޮތް ރައީސް ޔާމީން ބޭނުންފުޅެއް ނުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް ޝަމާލް އަންގާރަދުވަހު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ގޮތުން ސިފައިންގެ ހުރިހާ ޖެނެރަލުންނާ މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އިންޑިއާ ސަރުކާރާ އެކު، އެއްބަސްވުމުގައި ސޮއިކުރީ އޭގެ ފަހުން ކަމަށެވެ.

”ސޮއިކުރި އެގްރީމަންޓުގައި އަސްކަރީ ބަޔަކު އެ ތަނުގައި (އުތުރު ތިލަފަޅު) ތިބޭނެ ވާހަކަ ނޯންނާނެ. ހަތިޔާރު އެޅި ބަޔަކު ތިބޭނެ ވާހަކަ ވެސް ނޯންނާނެ.“ ޝަމާލް ވިދާޅުވިއެވެ. ”އެ އެގްރީމަންޓަކުން ދިވެހިރާއްޖޭގެ ސިޔާދަތަކަށް އަސަރެއް ކުރާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން.“

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބޭނުންފުޅުވަނީ އުތުރުތިލަފަޅު އެއްބަސްވުން މަޖިލީހަށްވެސް ސިއްރުކުރާށެވެ. ނަޝީދު ވިދާޅުވިގޮތުގައި އުތުރު ތިލަފަޅު އެއްބަސްވުން މަޖިލީހާ ހިއްސާ ކުރާކަށް ނުޖެހޭނެއެވެ.

އެއެއްބަސްވުން އެހާ ސިއްރު އެއްބަސްވުމަކަށްވީ ކީއްވެގެން ހެއްޔެވެ؟

ބްރިގޭޑިއަރުން ނޫސްފަރެންސްއެއް ދެއްވައި ވިދާޅުވިޔަސް ޑިފެންސް މިނިސްޓްރީން ނޫސްބަޔާނެއް ނެރުއްވިޔަސް ގިނަ ދިވެހި ރައްޔިތުންނަށް ޝައްކެއްނެތި ހަގީގަތް ގަބޫލު ކުރެވޭނީ އުތުރު ތިލަފަޅު އެއްބަސްވުމުގެ ތެދުހަގީގަތް ހާމަކޮށް ދެއްކުމުންނެވެ. އެ އެއްބަސްވުން ހާމަނުކުރެންވީ ކީއްވެގެން ހެއްޔެވެ؟

އުތުރު ތިލަފަޅު އެއްބަސްވުން ހާމަނުކޮށް ސިއްރުކުރުމާ ވަރަށް ބޮޑަށް ގުޅޭގޮތަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަން ކުރީން ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު މުޢިއްޒު ޢަދުނާނު ކުރެއްވި ޓްވީޓެއްގައި ވަނީ ”ރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ މިނިވަންކަމަކަށް ގެއްލުމެއް ނުލިބޭ، ރާއްޖޭގެ ޢަސްކަރިއްޔާއަށް ކުރަނީ ބޮޑެތި ފައިދާ، އިޤްތިޞާދަށް ލިބެނީ ކުރިއެރުން، އެއްވެސް ގައުމެއްގެ މިލިޓަރީ ބަޔަކު ނުތިބޭ، ހަތިޔާރު ކީއްކުރަންތޯ، ޗާކުފިޔޮއްސެއް ހިފައިގެންވެސް، ނުތިބޭ، ހަމައެކަނި ހާމަކުރެވެންނެތީ.“

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ވެވޭ ކޮންމެ އެއްބަސްވުމަކީ އެ އެއްބަސްވުމެއް ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް އެބަވެއެވެ. މިއީ ބޮޑު އަރަތެކެވެ.

އަސްކަރިއްޔާގެ ބޭފުޅުން މީޑިއާއަށް އަރުއްވާފައި ވާހަކަ ދެއްކެވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޢަސްކަރިއްޔާގައި ޚިދުމަތްކުރައްވާފައި ތިއްބެވި ބޭފުޅުން ދެއްކެވަޑައިގަތަސް ޢަސްކަރިއްޔާގެ އެންމެ ވަރުގަދަ ހުރިހާ ބޭފުޅުން ހެން އެކަން ކުރައްވައިފިއެވެ. އެއީ ސިޔާސީ ކަމަކަށްވިޔަސް ޢަސްކަރީ އުކުޅަކަށްވިޔަސް އެބޭފުޅުން އެކަން ކުރައްވައިފިއެވެ.

ސިފައިންނަކީ ސިޔާސީ ބައެއްނޫނެވެ. އަދި ސިފައިންނަކީ ސިޔާސީ މީހުން ހަދާ ހަޑި ހުތުރު ކަންތައް ދިފާއުކޮށް ވާހަކަދައްކަން ޖެހޭ ބައެއްވެސް ނޫނެވެ.

ސިފައިންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ހިމާޔަތްކުރުމާއި ގައުމީ މަސްލަހަތު ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި ދިވެހިރާއްޖޭގެ ސަރަހައްދާއި ޚާއްޞަ އިގުތިސާދީ ސަރަހައްދު ދިފާއުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން ހިމެނެއެވެ.

ޑިފެންސް މިނިސްޓްރީން ކުރީން ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ބޭޒާރުކޮށްގެން އުޅޭ ލިއުންތަކުގައި ވަނީ ދޮގުވާހަކަތަކެއް ކަމަށެވެ. ތެދުވާހަކައަކީ ކޮބައިކަމެއް ހާމައެއް ނުކުރެއެވެ. އެކަމާގުޅިގެން ސިޔާސީ މީހުންނާއި ގައުމުދެކެ ލޯވިވާ މީހުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވިއެވެ. ރުޅިގަދަވިއެވެ. މިދެކެވެނީ ތިލަފަޅުގައި ހަދާ ކަނޑުގެ ސިފައިންގެ މަރުކަޒުގެ މައްޗަށް 60 އަހަރު ވާނދެން އިންޑިއާ ސިފައިން ބާރު ހިންގާނޭ ވާހަކައެވެ.

ސިޔާސީ މީހުން ވެސް ބޭނުންވަނީ، އާންމު ރައްޔިތުންނާއި ގައުމުދެކެ ލޯބިވާ ގައުމަށް ހެއުއެދޭ މީހުން ވެސް ބޭނުންވަނީ އެގްރިމެންޓުގައި ހުރި ވާހަކަތަކެއް ދެނެގަންނާށެވެ. އެކަން ހާމަނުކުރެވެންވީ ސަބަބެއްނެތެވެ.

އިންޑިއާގެ ހަތިޔާރު އެޅި ކަނޑުގެ ސިފައިން ތިލަފަޅުގައި ދިގުމުއްދަތަކަށް ބައިތިއްބަނީ ކޮން ބަޔަކު ބިރުގަންނަވަން ކޮންބަޔަކަށް ހަމަލާދޭން ހެއްޔެވެ؟ އެމީހުން ރާއްޖޭގައި ބައިތިއްބަނީ ރާއްޖޭގެ މިސްކިތްތަކުގައި އަޅުކަން ކުރަން ތިބޭ މުސްކުޅިންނަށް ހަމަލާދޭ އިންޑިއާ މީހުން މައިތިރިކުރަން ހެއްޔެވެ؟ ތިލަފަޅުގައި ހަތިޔާރާއެކު އިންޑިއާގެ ކަނޑުގެ ސިފައިން ބައިތިއްބަނީ ރާއްޖޭގެ މަސްކަނޑުތަކުން މަސްހިފަން ވަންނަ އިންޑިއާގެ މަސްބޯޓުތައް ހިފައި ހައްޔަރުކުރަން ހެއްޔެވެ؟ ތިލަފަޅުގައި ބައިތިއްބާ އިންޑިއާގެ ”ޓެކްނީޝަނުން“ނަށް އެކަން އިޚުލާޞްތެރިކަމާއެކު ކުރެވޭނޭ ހެއްޔެވެ؟

މިއުޅެނީ ތިލަފަޅުގައި ނިއުކްލިއަރ ބޮން ހަދާ މަރުކަޒެއް ގާއިމު ކުރާކަށް ނޫނެވެ. އެފަދަ ކަމެއް ކުރާނަމަ އިންޑިއާއިން ކަމާ ގުޅޭ ސައިންސް ވެރިންނާއި ޓެކްނީޝަނުން ގެންނަން ޖެހިދާނެ އެވެ. މިއުޅެނީ ތިލަފަޅުގައި ކޯސްޓް ގާޑަށް ބަނދަރެއް ހަދައި އެހެލާނެ ތަނެއް ހަދައި ތަނަށް ބޭނުންވާނޭ މީހުން ތަމްރީނު ކުރުމަށެވެ. އެ މަސައްކަތަށް އިންޑިއާގެ ކަނޑުގެ ސިފައިންނާއި ހަތިޔާރު ބޭނުންވޭ ހެއްޔެވެ؟

އެމްޓީސީސީން ބޯޓުފަހަރު އެހެލައި މަރާމާތު ކުރާތަނެއް ތިލަފުށީގައި ހަދާފައި އެބަހުއްޓެވެ. އެތަން ހެދީ އިންޑިއާގެ ކޮޗިންގައި ތިބޭ ކަނޑުގެ ސިފައިންގެ އެހީތެރިކަން ހޯދައިގެނެއްނޫނެވެ. އިންޑިއާގެ އެހީއާއި ނުލައިވެސް އުތުރު ތިލަފަޅުގައި އެފަދަ ތަނެއް އެމްޓީސީސީއަށް ހެދޭނެއެވެ. އިންޑިއާގައި ނުބަންނަވަރުގެ މަސްއޮޑި ރާއްޖޭގައި ބަނދެ، އިންޑިއާގައި ބަންނަ ވަރަށްވުރެ ކަނޑަށް ގަދަ ލޯންޗު ފަދަ އުޅަނދުތައް ރާއްޖޭގައި ބަންނަމުންދާއިރު ބޭނުމެއްޖެހޭ އިރަށް އިންޑިއާއަށް ސަލާން ޖަހަންވީ ކީއްވެގެން ހެއްޔެވެ؟

ކޯސްޓް ގާޑަށް ބަނދަރެއް ހަދާނަމަ މާދުރަށް ނުގޮސް ލަންކާގެ ފަންނީ އެހީތެރިކަން ހޯދިދާނެއެވެ. ދިވެހިރާއްޖެއަށް ދީލަތި، ޖަޕާނުގެ އެހީތެރިކަން ހޯދިދާނެއެވެ. މުޅިދުނިޔޭގެ ކަނޑުގެ އެންމެ ބޮޑު ފްލީޓު އޮތް ޗައިނާގެ އެހީތެރިކަން ވެސް ލިބިދާނެއެވެ. އެގައުމުތަކުން ބަދަލުގައި ރާއްޖެ އަޅުވެތިކަމުގެ ދަލުގައި ބަނދެގެން 60 އަހަރަށް ރާއްޖޭގެ މަސްކަނޑުތަކަށް ވެރިވެގަންނާކަށް ނޫޅޭނެއެވެ.

އިންޑިއާއިން ރާއްޖޭގައި ކުރާކޮންމެ ތަރައްގީގެ މަޝްރޫއެއްގެ ފަހަތުގައި އިންޑިއާ ސިފައިން ބައިތިއްބަން ޖެހޭ ހެއްޔެވެ؟

އިންޑިއާގެ އެހީގައި އައްޑޫގައި ޕޮލިސް ޓްރޭނިން ސެންޓަރެއް ހަދާތީ އެތަނުގައި އިންޑިއާ ސިފައިން ބައިތިއްބަން ޖެހޭ ހެއްޔެވެ؟ އަދި އެ ޕޮލިސް ޓްރޭނިން ސެންޓަރާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ކުރެވުނު އެއްބަސްވުން ގައުމީ ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހޭ ހެއްޔެވެ؟ އެ އެއްބަސްވުން ސިއްރު ކުރުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ އެ އެއްބަސްވުން ހާމަކުރުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖޭގެ ދެކުނު އިންޑިއާގެ މުށުތެރެއަށް، މެދު ރާއްޖެތެރެ އިންޑިއާގެ ބާރުގެ ދަށަށް، ރާއްޖޭގެ އުތުރު އިންޑިއާ ބޭނުން ގޮތަކަށް ހަދަން އަދި މާލެ ސަރަހައްދު އިންޑިއާގެ ކަނޑުގެ ސިފައިންނަށް ދީގެން، މެނުވީ ރާއްޖޭގެ ޖުމުހޫރީ ވެރިކަން ދެމެހެއްޓެން ނެތީ ހެއްޔެވެ؟

އިންޑިއާއިން ރާއްޖެއަށް ގެނެސްފައިވާ ދެ ހެލިކޮޕްޓަރގެ އެއްބަސްވުން ސިއްރުކޮށް އެ ހެލިކޮޕްޓަރ ދުއްވަން އިންޑިއާގެ ޕައިލެޓުން ބޭތިއްބުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި އިންޑިއާއިން ޑޯނިއާގެ އުދުހޭ ބޯޓެއް ގެނެސް ހަނިމާދޫ ބޭއްވި އިރު ކަމާބެހޭގޮތުން ހެދި އެއްބަސްވުން ގައުމީ ސިއްރަކަށް ހަދާފައި ބޭއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އަޅުގަނޑުމެން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްފިނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އަޅުގަނޑުމެން ފުނޑުފުނޑުކޮށްނުލެވޭނެއެވެ. ވައްކަން ކުރުމާއި ޚިޔާނާތާ ދުރަށްޖެހި އަދުލު އިންސާފަށް ބޯލަބަން ފަށައިފިނަމަ ގައުމު ތަރައްގީ ކުރެވޭނެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާ ގިނަ ބޭފުޅުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވެސް ހިމެނިވަޑައިގަންނަވައެވެ.

އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޤައުމެއްގެ މިލިޓަރީ ބޭސްއެއް އަދި އެއްވެސް ޤައުމެއްގެ އަސްކަރީ އޮފިސަރުން މި ޤައުމުގައި ދާއިމީ ގޮތެއްގައި ތިބުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

”އުތުރު ތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ.“ އުޝާމް ވިދާޅުވިއެވެ..

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ޢަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދުސްތޫރީގޮތުން ލާޒިމުވާ އިޖްރާޢަތުތައް ފުރިހަމަނުކޮށް ދައުލަތުން ބައިވެރިވާ އެއްވެސް ބައިނަލްއަޤުވާމީ އެއްބަސްވުމަކީ އޭގެޒާތުގައި ބާޠިލު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން އުވާލުމުގެ ފުރިހަމަ އިޚްތިޔާރު ދައުލަތަށް ލިބިގެންވާކަމަށެވެ.

ނިންމާލަމުންވެސް ބުނަން އޮތީ ފަށަމުން ބުނި ވާހަކައެވެ.

ބަރު ހަތިޔާރާއެކު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ނިކުތަސް، އުތުރު ތިލަފަޅު އެއްބަސްވުމުގައި ހުރި އެއްޗެއް ނެތް އެއްޗަކަށް އަދި ނެތް އެއްޗެއް ހުރިއެއްޗަކަށް ނުވާނެއެވެ.

ދެފުށް ފެންނަގޮތަށް ކަންތައްތައް ކުރައްވާށެވެ! އޭރުން އިރުއިރުކޮޅުން ނޫސް ބަޔާންތައް ނެރުއްވައި ދުވާލު ދެދަޅައަށް ނޫސް ކޮންފަރެންސް ބާއްވާކަށް ނުޖެހޭނެއެވެ.

 

Loading

7 Responses

  1. މައްސަލައަކީ ޤައުމަށް ހެޔޮއެދޭ ޜައްޔިތުން ދެކެ ލޯބިވާ މީހުން މިގައުމުގައި މަދީ!! މިހާރު ޣިނައީ ކޮންމެ ގޮތަކުންވެސް ޢަމިއްލަ ޢަންބޮޑި ބޮޑުކުރަން ބޭނުްންވާ މީހުން/

  2. ހަމަ ތެދެއް ސަހަރޯ ހީވޭ. ނަޝީދުގެ ބޮޑު މަންޒަރަކީ އޭނޭ ބޭނުން ގޮތަކަށް ކަންކުރުން. އެއީ ޑިމޮކްރަސީއަކީވެސް. އެހެންވީމާ ދެންތިބި ގިނަ ބަޔަކަށް އުނދަގޫވެ ނުރުހުން ވެވެނީ. ދެން ޕްރެޝަރ ބިލްޓްވަނީ އެސްއެސްފޯސް އަށް. ފުލުހުނަށް. ސިފައިންނަށް. އޮޓަމަން އެމްޕަޔަރ އައުމުގައި އުރުތުގުލް އެޕިސޯޑުގައި އުޅުނު ދުންދާރުބެގެ ޙާލު ރައީސް ނަޝީދުގެ މިއަދުގެ ޙާލަކީ. ހިނހޫތަނުން ކާލައިގެން އެހެޔޮ ފާދިރީގެ ބޮޑުން ރުއްސައިގެންނަމަވެސް ނޫނީ އިސްލާމުނގެ ބޮދު ޢަދުއްވު މޮންގޮލުންގެ އެނހީގައިނަމަވެސް އޭނާ ބޭނުންވާނީ އޭނާގެ ބާރު އޮންނަ ގަބީލާއެއް ނުވަތަ ސްޓޭޓެއް. ކޮންމެހެން ދީންވެސް އޯކޭ އޭނާ ބޭނުންގޮތަށް. ފައްކާ ދުންދާރުބޭ އެއް ނަޝީދާ އޭނާގެ ޔޭސް މީހުންނަކީ.
    ކިތަންމެ ބަޔަކުލައްވާ އިންވެސްޓުކޮށްގެން ކޮންމެ ހުވައެއް ބައިވެރީންނާއި އެކު ކުރިޔަސް އެކަމެއް ކުރާނީ ވަގުތީއުފަލަށް، ބާރު ލިބިގަތުމަށް. އެކަހަލަ ކޯލިޝަނެއް މިއޮތީވެސް. 2008 ގައިވެސް ހަމަ އެ ސަކަރާތް ޖެހީ. އަމިއްލަރޭވީ ކުޅިގަނޑު އަތަށްގޮވީ. އޭނަޔަށް ހެޔޮތާ؟ ވެރިކަމުގައ ހުރެވިއްޖެނަމަ ދެން އޭނަޔަށް އޯކޭ.
    ރައްޔަތުން އަނގަޔާ އަތާދިމާނުވޭ. އެޖެންޑާ19 އާއި ކޮވިޑް19 ކޮބާ ތަފާތަކީ؟؟

  3. އިންޑިއާ ގެ ރޯ އެއީ މޮޔަބައެއްތޯއެވެ. އެމީހުނަށް ކޮން ނަޝީދެއް ކޮން އެޖެންޑާ19 އެއްތޯއެވެ. ހަމަ އޮން ގުރައުންޑުގައި އެމްޑީޕީ މި އަޅުވެތި ކޯލިޝަންގެ ބާރުނެތްކަމަށް އިންޓެލިޖެންސް ލިބޭއިރަށް ކޮޅު ބަދަލު ކޮށްލާނެއެވެ. އެއީ އެކަން އަބަދުވެސް ވާގޮތެވެ. އިންޑިއާ ސިފައިންލައްވާ ދިވެހިން އޮޅުއަޅައިގެން ދިވެހި ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެކަން އެމްޑީޕީގެ ދަހިވެތި ވެރީންނަށް އެބަ އެނގެންޖެހެއެވެ. އެކަން އިގޮތަށް އެދުނަސް އިންޑިއާ އަކުން ނުކުރާނެއެވެ. އެހެނީ ދުނިޔޭގެ ހުރިހާ ބާރުގަދަ ގައުމެއްގެ ކޮންމެވެސް ވަރެއްގެ އިންޓަރެސްޓެއް ދިވެހިރާއްޖެއާއި މެދު އޮވެއެވެ.

  4. އަންނި އަށް ހީވެދާނެ އިންޑިއާގެ ޖީއެމްއަރު އަތުން އެއަރޕޯޓް އަތުލެވުނީ އޭނައަށް ބަލާ ބޮޑުކަން ދެއްކި ޝެއިޚު އިމްރާނާއި މުދާ މަދުވެގެން އުޅުއްވާ ސައުދާގަރު ގާސިމާ މިހާރު އެމްޑީޕީގެ އެޖެންޑާ19 ގެ ގޮފިތަކެއްވެ ވެރީންހެން ބަސް އަހައިގެން ބުނާކޮންމެ ގޮތެއް ހަދައިގެން އުޅޭތީވެ ދެން ހަމަ މިއޮތީ ފްރީ ރައިޑެއް ލިބިފައޭ. ހަމަ ހިލާ ދިވެހިން ދައްކާފައިވަނީ އެކަހަލަ ދެމީހަކަށްވުރެ މާވަރުގަދަކަމެވެ. ލީޑަރުން އޮޓެމެޓިކުން ގައުމުގެ ދިފާއުގައި އުފެދޭނެއެވެ.
    މިހާރު ބަލާލިޔަސް ފުލުހުންނާއި ދިވެހި ސިފައިންގެ ތެރޭގައިވެސް 90% ތިބޭނީ އެޖެންޑާ19 ކޮންމެގޮތަކުން ދިފާޢު ކުރަން ފޫގަޅައިފަވާ މީހުނަށްވުރެ މަގޭ ގައުމު މަގޭ ރާއްޖޭގެ މީހުނެވެ. މޮޔަވެގެން ނޫޅެމާހެއްޔެވެ؟

  5. މީހަކު މޮޔައެއްނުވާނެތޯއެވެ. މި އެމްޑީޕީ އަކީ ޔާމީނު ސަރުކާރުގައި ޗައިނާއާއި ފުރީ ޓުރޭޑް އެގްރީމެންޓް އެއް ހެދިގެން އޭގެ ދެލިކޮޕީ ނުލިބިގެން މާލޭގެ މަގުތަކުގައ ނުލަފާކަން ދެއްކި މީހުނެވެ. އެދުވަހު ގައުމަށްޓަކާ ދީނަށްޓަކައި ރައްޔަތުނަށްޓަކައި ގޮވޭ ރައްޔަތުނަށް ސިއްރެއްނޯނާނޭ ރައްޔަތުންގެ ވެރިކަމެއްގައި ރައްޔަތުމީހާއަށް ސިއްރުކުރަންޖެހޭ އެވަރުގެ ބޮޑުކަމެއް ނެތޭ ގޮވާ ހޭރުނު މީހުނެވެ. އޭރު އިންޑިއާގެ އެއް ކުންފުނި ޖީ އެމް އާރ އެވެ. މިހާރު މުޅި އިންޑިއާ އެވެ. އަމިއްލަ އެދުމުގެ ނާރު ބޮލައް އަރައި ބޮލުން ތެޔޮހޭނުނަސް މިވަރު ތަންކޮޅެއް ބޮޑެވެ. ޚާއިން1

  6. މިދިވެހި ދައުލަތަކީ ދިވެހި ރައްޔަތުންނަށް އޮތް މުސީބާތެއްތޯއެވެ. ދައުލަތް ހިންގަން ޙަވާލުވާ ސަރުކާރުތަކަށް މި ގައުމަކީ އެމީހުންތ ތަރިކަ މުދާހެން ހީވާކަހަލައެވެ. ނޫނީ އެއަށްވުރެވެސް ނުވައެވެ.
    އޭރު ފާފު އަތޮޅު – ސައުދީ އަށް ދޭތީ. އޭގެ ކުރީ ޖީއެމްއަރ އަށް އެއަރޕޯޓް ވިއްކާލައިގެން، ދެން ޗައިނާ މިލިޓަރީ އަންނާތީ ޗައިނާ ޗައިނާ ގެ ނުރައްކާ. ދެން އެގޭމް ޖައްސައިގެން ގެނައި އެޖެންޑާ19 އިން މުޅި ރާއްޖެ އިންޑިއާ އަށް. ދެންފަހެ ނިމުމެއްނެތެވެ. މިލިޓަރީވެސް މިކަހަލަ ދޮގު ވެރީންގެ ދަލުގައި ޖެހި ސަލާމަތާއި ރައްކާތެރިކަމުގައި ގައު ސަލާމަތުން ހިންގުމަށް ދަތި. ސަރުކާރު ލިބޭ ކޮންމެ ބަޔަކު އެ ގައުމުގެ ދެ ބިޔަ ތަނބު ކަމުގައިވާ ސިފައިންނާއި ފުލުހުންގެ އިސްވެރީން ބަދަލުކޮށްލާ. ދެން ޔޭސް މޭނުން އިސްކުރަނީ. ހުރިހާ ތަނަކަށް އަތްބޭނުމުގެ ބަދަލު ދެފައިވެސް ބާނަނީ. އަޅެ ނިމުމެއް ނެތްތޯއެވެ؟

  7. އިންޑިއާ އާއި ރާއްޖެ ފާ ކުރުމުގެ މޭސްތިރި އަކީ ހަމަ ދިވެހި ޚާއިނެކެވެ. އެއީ ކެނެރީގޭ ނަޝީދެވެ. އެ ޣައްދާރު ގެ މަގްސަދަކީ ދިވެހި ރާއްޖޭގައި އިންޑިއާގެ ޢަސްކަރީ ބާރެއް ނުވަތަ މިލިޓަރީ ބޭހެއް ރާއްޖޭގައި އިންދާ އިންޑިއާގެ އަޅުވެތި ކަމުގެ ދަށުގައި ރާއްޖެ ބޭއްވުމެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ކެރަފާ ނަޝީދަށް މިލިއަނުން ކީއްކުރަންތޯ ބިލިއަނުން ފައިސާ ދިނުމާއި އަބަދުވެސް ރާއްޖޭގެ ވެރިކަން އެމްޑީޕީގެ އަތްދަށުގައި އޮތުމެވެ. އިންޑިއާ ވެސް އިންޑިއާގެ ޕަޕެޓުންނަށް އަބަދު ވެސް ވެރިކަން އޮންނަން ބޭނުން ވާނެނޫންތޯއެވެ…..؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް