އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނާ ދެކޮޅަށް އަޅުއްވާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ގުޅޭގޮތުން ސުލްހަވެރި ކަމާއެކު ވާހަކަ ދެއްކިދާނެ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު މުޙަންމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ. ހޯމަދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ނިއުކްލިޔާ ހަތިޔާރާ ބެހޭގޮތުން އެމެރިކާއާއި އިރާނާ ދެމެދު ސުލްހަވެރި އެއްބަސްވުމަކާ ހިސާބަށް އާދެވިދާނެކަމަށް ވެސް މުޙައްމަދު ޖަވާދު ވިދާޅުވިއެވެ.
އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސަޢީދު ޚާތިބްޒަދެހް ވަނީ ކުރިން އޮތް ގޮތަށް އެމައްސަލައަށް އަލުން ރުޖޫއަ ވެވިދާނެކަމަށްވެސް ވިދާޅުވެފައެވެ.
މިހާރު އިރާނުން ދަނީ އިންތިޚާބަށް ތައްޔާރުވަމުންނެވެ. އިންތިޚާބުގެ ނަތީޖާ ނިކުންނާނީ ކޮންގޮތަކަށް ކަމެއް ނޭނގޭ ކަމަށާއި ސުލްހަވެރި ކަމާބެހޭ ވާހަކަ ދައްކަން އޮތް ވަގުތުކޮޅު ވަރަށް ކުޑަކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޓްރަމްޕްގެ ވެރިކަމުގައި2018 ވަނަ އަހަރު އެމެރިކާއިންވަނީ ނިއުކްލިއަ އެއްބަސްވުމުން އެކަހެރިވެ، އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ނަމަވެސް އިރާނުން ކުރިޔަށް ގެންދިޔަ ނިއުކްލިޔާ ހަރަކާތްތަކަށް އެއްވެސް ބަދަލެއް ގެނަސްފައެއް ނުވެއެވެ. އަދި ނިއުކްލިއަ ހަކަތަ އުފެއްދުމަށް ބޭނުންވާ ޔޫރޭނިއަމް ހޯދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި އެގައުމުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ ނިއުކްލިޔާ އެއްބަސްވުމަށް އަލުން ރުޖޫއަ ވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެނަސް އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިނުލަނީސް ސުލްހަވެރިކަމުގެ އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމުގައި އިރާނުން ދަނީ ބުނަމުންނެވެ.