ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދެވެ.
ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަސަން އިރުޝާދު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑް ހާސިލް ކުރައްވާފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. މީގެ އިތުރުން އައުޓްޑޯ މާއްދާތަކުންނާއި އާނެއްލާ ސްކޮޑުންވެސް އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދުއެވެ.
މިރޭ ދ. ވާނީގައި ބޭއްވި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގައި 84 ފުލުހަކުވަނީ ދަސްވެނިވެފައެވެ. އަދި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް އެވެ.
މީގެ އިތުރުން ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުންނަށާއި އެންމެ މޮޅު ސްކޮޑަށްވަނީ ޝީލްޑާއި ހަނދާނީ ފިލާ ހަވާލްކޮށްފައެވެ. ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ރަންވިއްކާ ސްކޮޑެވެ.