ދިވެހިންގެ ދިރިއުޅުމާއި ކަނޑުދަތުރު

Loading

Facebook
Twitter
WhatsApp

ކަނޑު ދަތުރުކުރުމަކީ ދިވެހިންނަށް އަދި ކީއްކުރަން ހެއްޔެވެ ! ދުނިޔޭގެ އެއްވެސް ގައުމަކަށް އެއްވެސް މުޖުތަމާއަކަށް އެއާ ނުލައި ދިރިއުޅުން އާރާސްތު ނުކުރެނޭ ކަމެކެވެ. ކަނޑުގެ އައްސޭރިފަށުގައި ހިމެނޭ ގައުމުތަކެކޭ ކަނޑުގެ އައްސޭރިއަށް ވާސިލުވެވޭނެ އެއްވެސް މަގެއް ނެތް ގައުމެކޭ ތަފާތެއް ނެތެވެ. ކަނޑުދަތުރުކުރުމުގެ ބޭނުން ނުކޮށް ދިރިއުޅުން އާބާދު ނުކުރެވޭނެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކަކީ ހަމައެކަނި ބިމުން އެކުލެވިފައިވާ ގައުމުތަކެވެ. އަދި ބައެއް ގައުމުތަކަކީ ކަނޑާއި ބިން އެކުލެވިފައިވާ ގައުމުތަކެވެ. ބައެއް ގައުމުތަކުގައި ކަނޑުގެ އައްސޭރިފަށް އެތައް މޭލަކަށް ފެތުރިފައި އޮވެއެވެ. ބުނެވޭގޮތުގައި އޭޝިއާގެ ބައްރުން ކަނޑުގެ އައްސޭރިފަށް އެންމެ ދިގު ގައުމަކީ އިންޑޮނޭޝިއާއެވެ. އެއީ ގާތްގަނޑަކަށް ޖުމުލަ 92 ހާސް ކިލޯމީޓަރެވެ. މުޅި ދުނިޔެއިން އެންމެދިގު ކަނޑުގެ އައްސޭރިފަށެއް ލިބިފައިވަނީ ކެނެޑާއަށެވެ. އެއީ ގާތްގަނޑަކަށް 2.43 ލައްކަ ކިލޯ މީޓަރެވެ.

ކޮންމެއަަކަސް މިއިން ކޮންމެ ގައުމަކަށްވުރެން ބޮޑަށް ދިވެހިންނަށް ކަނޑުދަތުރުކުރުމުގެ މުހިންމުކަން މާބޮޑެވެ. ސަބަބަކީ ދިވެހިރާއްޖޭގައި ކަނޑުގެ ނިސްބަތް 99 އިން ސައްތައަށް

ވުރެންވެސް ބޮޑުވުމެވެ.

މިލިޔުމުގައި ބަލާލަން ގަސްދުކުރަނީ ކަނޑުދަތުރު ކުރުމުގައި ދިވެހިން ގެންގުޅުނު ރީތިއާދަކާދަ ތަކެއް މިއަދު ބޮއްސުން ލައިގެންދާތީ އެކަމާމެދު ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުންވެސް ވިސްނާލަން ޖެހިފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. ކަނޑުދަތުރު ކުރުމަކީ އެއްވެސް ސިފައެއްގައި ދިވެހިންގެ އާދަކާދައިން ވަކިނުކުރެވޭނެ ކަން ޔަގީނެވެ. ކިތަންމެ ބާރަށް ދުވާ އުޅަނދުތަކެއް ތަޢާރުފް ކުރިޔަސް ކަނޑުދަތުރު ކޮށްގެންނޫނީ ދިވެހިންނަށް އަތާ އަނގަޔާ ދިމާނުކުރެވޭނެއެވެ. މިފަދަ މުހިންމު ކަމެއްގައި ދިމާވަމުންދާ ބޮޑުމައްސަލަތައް ޙައްލުނުކުރެވި މިހާ ގިނަދުވަސްތަކަކަށް އޮތުމަކީ ބަލާގަނެވޭނެކަމެއް ނޫނެވެ. ދިވެހިންގެ ބޭނުންތަކާ ގުޅޭގޮތުން ގާނޫނުތަކާއި ގަވައިދުތައް ދަނީ ތަޢާރުފް ކުރެވެމުންނެވެ. އެކަމަކު ދިވެހިންގެ މުޅިދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިއޮތް ކަނޑުދަތުރުކުރުމުގެ އެންމެ މުހިންމުބައި އޮތީ އަތުންދޫވެފައެވެ. ގާނޫނެއް ގަވައިދެއް ހެދި ތަންފީޒު ކުރެވެމުންދާތަނެއް އަދިއެއް ނުފެނެއެވެ. މިއަދު އެފަދަ ގާނޫނަކަށް ބޭނުންވެފާއޮތްލެއް ބޮޑުކަމުން މި މުހިންމު މައްސަލައަށް އަވަސް ޙައްލެއް ހޯދަންޖެހެއެވެ.

އެގޮތުން ފުރަތަމަ އިޝާރާތް މިކުރަނީ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މުދާ އުފުލުމުގެ ޙާލަތާމެދުއެވެ. ރަށުގައި އުފައްދާ ތަކެތި ވިއްކުމުގެ ބޭނުމުގައި މާލެއަށާއި ރިސޯރޓްތަކާއި އަދި އެހެން ރަށްރަށަށްވެސް ފޮނުވަންޖެހޭ ދުވަސްވަރު މިވަނީ އައިސްފައެވެ. އެހެނަސް އެތަކެތި އުފުލުމަށާއި ލިބެންވާ ފަރާތާހަަމަޔަށް ރައްދުކޮށް ދިނުމަށް ބާރުއަޅާ ގާނޫނެއް ނުވަތަ ގަވައިދެއް ހެދި ތަންފީޒު ކުރެވެމުންދާތަނެއް ނުފެނެއެވެ.

މުޅި މުޢާމަލާތު އޮންނަނީ އިތުބާރުގެ މައްޗަށް ދޫކޮށްލެވިފައެވެ. ނަތީޖާއަކަށްވެފައި މިއޮތީ ފޮނުވި މުދާކޮޅު ލިބެންވާފަރާތަށް ހަމައަށް ލިބުމުގައި އެތައްއެތައް މައްސަލަތަކެއް އުފެދުން މެދުވެރިވުމެވެ. އަބަދުވެސް މި ޝަކުވާތަކުގެ އަޑުއިވެމުންދެއެވެ. ފަހަކަށް އައިސް މި ޝަކްވާތައް މާބޮޑަށް ގިނަވެއްޖެއެވެ. ސަބަބުތައް ބައިވަރެވެ. މުދާފޮނުވާފަރާތާއި މުދާލިބެންވާފަރާތާއި މުދަލުގެ ރައްކާތެރިކަމާގުޅިގެން އަމަލުކުރަންޖެހޭ ގާނޫނެއް ގަވައިދެއް ނެތެވެ. މުދާ އުފުލުމާ އެ މުދާ އޭގެ އަސްލާއެއްގޮތަށް ރައްކާތެރިކަމާއެކު ލިބެންވާ ފަރާތަށް ފޯރުކޮށްދިނުމުގެ އެންމެ އިސްސަފުގައި ޙަރާކާތްތެރިވަނީ ދިވެހިބަހުން ލިޔަންކިއަންވެސް ނުދަންނަ ބިދޭސީން ތަކެކެވެ. މިކަންތައް ހަމައިން ނެއްޓިގެންދިއުމުގެ އަސްލަކީ ލިޔެވިދިޔަ ދެ ސަބަބުކަމާއި މެދު ޝައްކެއްނެތެވެ.

އެކަމުގެ ފުންނާނު އުސް ބައެއް އެކުވެރީން ކިޔައިދިން ގޮތުގައި މިހާރު ރާއްޖޭގައި އަމަލުކުރެވެމުންދާ “ ރާއްޖޭގެ ކަނޑުދަތުރު ކުރުމުގެ ގަވައިދު “ 1993 ހާތާގައި ފުރަތަމަފަހަރަށް އެކުލަވާލުމުގެ މަސައްކަތް ކުރެވުނުއިރު ބޭއްވުނު މަޝްވަރާ ބައްދަލުވުން ތަކުގައި މިމައްސަލައަށް ވަރަށްފުންކޮށް ބަހުސްކުރެވުނެވެ. އޭރުވެސް މިގޮތަށް މުދާ ލިބެންވާ ފަރާތްތަކަށް ބަރާބަރަށް މުދާ ނުލިބުގެ ޝަކުވާތައް ކުރެވެމުންދާކަން ފާހަގަކުރެވެމުންދާތީ އާއި މުސްތަގްބަލްގައި ކުރިމަތިވެދާނެ ގޮންޖެހުންތައް ޙައްލުކުރުމުގެ ބޭނުމުގައެވެ.

ހަނދާންވާގޮތުގައި އެގަވައިދުގައި ރާއްޖެތެރެއަށް މުދާ އުފުލުމާ ބެހޭ މާއްދާތަކެއް ހިމެނުނުވެސް މެއެވެ. އެހެންނަމަވެސް އަގުނަގާނެ އުސޫލަކާ މިންވަރަކާމެދު އޭރުގެ އަތޮޅުތަކާބެހޭ ވުޒާރާއާއެކު މަޝްވަރާކުރާގޮތަށް ހަމަޖެހިފައި އޮތުމާއިއެކު މެދުވެރިވި ސަބަބުތަކަކާހުރެ އެ މަޝްވަރާތައް ކުރިޔަށް ނުގޮސް ދިގުލައިގެން ދިއުމުގެ ނަތީޖާއެއްގެގޮތުން އެގަވައިދަށް އަމަލުކުރަން ފެށިއިރުވެސް ރާއްޖެތެރެއަށް މުދާއުފުލުމުގައި އަގުނަގާނެ އުސޫލަކާ މިންވަރެއް އޮތީ ނުނިމިއެވެ.

މިހާރު މިއޮތީ ކަނޑުމަގުން މުދާއުފުލުމުގައި ތަފާތު ގިނަ ގޮތްތަކެއް ތަޢާރުފް ކުރެވިފައެވެ. ނަތީޖާއެއްގެގޮތުން ވާނުވާއެއް ނޭގި ވީނުވީތަނެއް ނޭންގޭ މުދަލުގެ އަދަދުވެސް ދަނީ ގިނަވަމުންނެވެ.

އެފަދަ މުދަލާ ގުޅޭގޮތުން އުޅަނދުގެ ކައްޕިތާނާ ސުވާލުކުރުމުން ގިނަފަހަރަށް ލިބޭކަމަށްވަނީ ރެޑީމޭޑް ޖަވާބެކެވެ. “ މި އުޅަނދަށް އެރުވި އެއްޗެއްނަމަ މިހާރު އޮންނާނީ އޭގެ ވެރިފަރާތަށް ރައްދުކޮށްފައެވެ.“ ގިނަފަހަރަށް މި ޖަވާބު ދިނުމަށް ހުންނަ ސްޕޯކްސް ޕާރސަނަކީ ކުރިން އިޝާރާތް ކުރިފަދައިން ދިވެހިބަހުން ލިޔަންކިޔަންވެސް ނޭންގޭ ބިދޭސީއެކެވެ.

މިއީ އަދި އެފަދަ ރުންކުރުޖަވާބަކުން ފުއްދާލެވެން އޮތް މައްސަލައެއްކަމަށް ބެލެވޭކަށްނެތެވެ. މިއީ އަގެއްދީގެން އަމާނާތްތެރިކަމާއި އެކު އެކައަތުން އަނެކާއަށް ރައްދުކުރުމަށް ފޮނުވި މުދަލެކެވެ. އަމާނާތެކެވެ. އެތައްބައެއްގެ ޙައްގުތަކާގުޅި ލާމެހިފައިވާ މައްސަލައެކެވެ. އޮޑިވެރިންނާއި ނެވިންވެސް މިކަމަށް ވަރަށްބޮޑަށް ފަރުވާތެރިވާން އެބަޖެހެއެވެ. ތަހްޒީބު މުޖުތަމާތަކުގައި މިފަދަ ކަންކަމުގައި ޢަމަލު ކުރަމުންދާގޮތަށް ދިވެހިންލައްވާ ވިޔާފާރި ޚިދުމަތް އަމާނާތްތެރިކަމާއި އެކު ކުރުވަން ސަރުކާރުންވެސް ބާރުއަޅަން މިވަނީ ލަސްވެފައެވެ. ފުރިހަމަ ނުކުރެވިއޮތް ގާނޫނެއް ނުވަތަ ގަވައިދެއް ފުރިހަމަ ކޮށްގެން ވިޔަސް މިއީ ލަސްނުކޮށް ޙައްލުހޯދަން ޖެހިފައިވާ ވަރަށް މުހިންމު މައްސަލައެކެވެ. ކޮންމެ ވިޔާފާރިއެއްވެސް ދެފަރާތަށް ލިބިދާނެ ގެއްލުމާއި ހާސްކަން ކުޑަކުރެވޭނެ ގޮތްތައް ރޭވި އިމްޕްލިމެންޓް ކުރެވެންޖެހޭމެއެވެ. އާބާދި ބޮޑުވަމުން ދާވަރަކަށް ކަނޑުދަތުރު ކުރުމާއި ކަނޑުމަގުން މުދާއުފުލުން އިތުވެގެން ދާނޭކަން ކަށަވަރެވެ.

 

Loading

2 Responses

  1. މިހާރަކަށްއައިސް މިބާވަތުގެ ގައުމީ ގިނަ މައްސަލަތަކަކަށް އަލިއަޅުވާލާފައި ހުންނަ ލިއުންތައް ސަންދާނުން ފެންނަމުން އެބަދެއެވެ. ސަންދާނު އުފެއްދުމުގެ ބޭނުމަކީވެސް އެއީކަމަށް ވެއެވެ. ނަމަވެސް މި ލިއުންތައް ކިޔައި އެކަމާމެދު އިސްލާހީ ނަޒަރަކުން ވިސްނާމީހުންގެ އަދަދު ކިހާވަރެއް ބާވައެވެ. ތުންތުންމަތިން ނަމަވެސް ގާނޫނާ ގަވައިދު ހައްދަވާ ބޭފުޅުންނާ ހަމަޔަށް މިކަންތައްތައް ގެންދާން އެބަޖެހެއެވެ. މީގެ 2 ހަފްތާކުރިން އަޅުގަނޑަށްވެސް މި މައްސަލަ ދިމާވިއެވެ. ރާއްޖެތެރޭގެ ރަށަކުން ގަނެގެން މާލެއަށް ފޮނުވި ކާށި ގޯންޏަކަށް ވީނުވީއެއް އަދިއަދަށްވެސް ނޭންގެއެވެ. އޮޑި އައުމުން އޮޑިދޮށަށްގޮސް ފޮނުވި ކާށިގޯނިީގެ ފޮޓޯ ދެއްކުމުން ލިބުނު ޖަވާބަކީ ތިއެތި މިހާރު ގެންގޮއްސިއެވެ. އެހިސާބުން އެނިމުނީއެވެ. އެ ހޯދަން ކުރެވޭނެ އިތުރު މަސައްކަތެއް ނެތެވެ.

  2. ފޮތެއް އޮތަސް ގޮތެއް ނެތިއްޖެއްޔާ ވާނެ ހުރިހާގޮތެއް ދިވެހިންނަށް މިދަނީ ވަމުންނެވެ. އެމީހަމާ އެމީހެކެވެ. އަޑުގަދަމީހާ ރުއްގިނަވާ އުސޫލް އޯކޭވީމައެވެ. ގައުމުގެ އަނގަ ގަދަ މިތުރުގެ ކަމަކީ އަޑުގަދަކުރާނެ މީހުންކޮޅެއް އޭނާވަށައިގެން ތިބެ ބޮޑު މަންޒަރުދެއްކުމެވެ. ބޮޑެތި ކަންތައްވާނީ ގިނަދުވަހުން ކަމަށްބަލާފަ ތިއީވެސް ބޮޑުކަމެއްގެ ގޮތުގައި ނިންމަމާހިނގާށެވެ.

Leave a Reply to އައިމަން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް