ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

އެ އިސްލާހަކީ ކާރިސާގެ ހާލަތުގައި ނުވަތަ ގައުމުގައި ކުއްލި ނުރައްކަލެއް އިއުލާނުކޮށްފައިވާ ހާލަތުގައި ޝަރުއީ ދާއިރާއިން އަމަލުކުރާނެ ގޮތް އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެގޮތުން އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރެވޭނެ ގޮތްތަކާއި އަދި އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ހާލަތްތައް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިދިޔަ ޖޫން މަހުގެ 29 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެ ބިލު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމަ ދެކޮޅަށް ވޯޓު ދިނީ އެންމެ މެމްބަރެކެވެ.

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ. މިއަދު އެ އިސްލާހު ގެޒެޓު ކުރުމާއެކު އެއަށް އަމަލު ކުރަން ވަނީ ފެށިފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އެ ދެވަނަ އިސްލާހުގައި ބުނެފައިވަނީ ކާރިސާގެ ހާލަތުގައި ގާނޫނު ބުނާ މުއްދަތުގައި މައްސަލައެއް ތަހުގީގުކުރުމަށާއި ދައުވާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ހުރިނަމަ ޕްރޮސެކިއުޓަ ޖެނެރަލަށް އެމައްސަލައެއް ތަހުގީގު ކުރުމަށް އިތުރު 60 ދުވަސް ދޭން ނިންމިދާނެ ކަމަށެވެ. އާންމު ހާލަތުގައި މައްސަލައެއް ތަހުގީގު ކުރަން ލިބޭނީ 30 ދުވަހެވެ.

އަދި ކާރިސާގެ ހާލަތުގައި މައްސަލައިގެ ހުކުމް ލިބޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމަށްވެސް އިސްހާލުގައި ވަނީ ބުނެފަ އެވެ. އާންމު ހާލަތުގައި އިސްތިއުނާފު މުއްދަތަކީ 10 ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް