މޮންގޯލިޔާއަށް އުފަން ބިއުޓީ މޮޑެލް އަލްޓާންޓުޔާ ޝާރިބޫ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަޒްލިޔާ ހަޑްރީ، އޭނާ އެކަން ކުރީ އޭރުގެ މެލޭސިއާގެ ބޮޑުވަޒީރު ޑާޓުކް ސެރީ ނަޖީބް ޢަބްދުއްރައްޒާޤްގެ އަމުރުފުޅަށް ކަމަށް ބުނެފިއެވެ.
އަލްޓާންޓުޔާ މަރާލީ ބޮޑުވަޒީރުގެ އަމުރުފުޅަށްކަމަށް އަޒިލާ ބާޔާންދީ އިއުތިރާފުވެފައިވަނީ، މެލޭޝިޔާގެ ނޫސް އޮންލައިން ނޫހެއް ކަމަށްވާ މެލޭޝިޔާކިނީއަށް ދީފައިވާ ޚާއްޞަ އިންޓަރވިއުއެއްގައެވެ.
އަލްޓާންޓުޔާ މަރާލީ މައްސަލައާ ގުޅިގެން އަޒިލާ ހަދުރީ ގެ މައްޗަށް ވަނީ މަރުގެ ޙުކުމް އިއްވާފައެވެ. އަދި މިހާރު އޭނާ ހުރީ މެލޭޝިޔާގެ ކަޖަންގް ޖަލުގައި ހައްޔަރުކޮށްފައެވެ.
އަލްޓާންޓުޔާގެ ގަޔަށް ބަޑިޖަހައި މަރާލުމަށް ބޮޑުވަޒީރު އޭނާއަށް އަމުރުކުރެއްވި ކަމަށް އަޒިލާ ހަދުރީ ވަނީ ބުނެފައެވެ. އޭނާއަކީ ޕޮލިހުގެ އެލީޓް ސްޕެޝަލް އެކްޝަން ފޯސްގެ މެމްބަރެއްކަމުން މި އަމުރަށް ތަބާވުން އޭނާގެ މައްޗަށް ލާޒިމުވީއެވެ.
މެލޭޝިޔާކިނީ އިން ނެރެފައިވާ ރިޕޯޓުގައި ވާގޮތުން އަޒްލީގެ މައްސަލައިގެ އިސްތިއުނާފު މިހާރު ކޯޓަށް ހުށަހަޅައިފައި ވާކަމަށާއި އޭނާގެ މައްޗަށް ދަތުކް ނަޖީބުގެ ވެރިކަމުގައި ކޮށްފައިވާ މަރުގެ ޙުކުމް ބާތިލުކުރުމަށް ވަނީ އެދިފައެވެ.
ބޮޑުވަޒީރު ނަޖީބު، އަޒިލާ އަށް 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އަލްޓާންޓުޔާ ބަންދުކޮށް މަރާލަން އަމުރުކޮށްފައިވާ ކަމަށް ބުނާ ލިޔުމެއްވެސް މިރިޕޯޓުގައި ހިމަނާފައިވެއެވެ. ބޮޑުވަޒީރު ނަޖީބް، އަލްޓަންޓުޔާ ސިފަކުރައްވާފައިވަނީ ގައުމަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ. އޭނާއަކީ ބޭރުގެ ފަރާތްތަކަށް ޖާސޫސްކޮށް މަޢުލޫމާތު ފޯރުކޮށްދޭން މަސައްކަތްކުރާ އެޖެންޓެއް ކަމުގައިވެސް ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު ނަޖީބު، އަލްޓާންޓުޔާ މަރާލުމަށް އަމުރު ކުރުމުން އިތުރު ތަފްސީލަށް އަޒިލޒ އެދިފައިވާކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަލްޓާންޓުޔާ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ހަށިގަނޑު ބަޑިބޭސް ބޭނުންކޮށްގެން ގޮއްވާލައި އެއްކޮށް ނައްތާލުމަށް ބޮޑުވަޒީރު ނަޖީބު އޭނާ އަށް އަމުރު ކުރެއްވި ކަމަށް ވެސް އަޒިލާ ބުނެފައިވެއެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ސިފައިންގެ ގުދަނުން ލިބޭނެކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. މިކަންކަމާ ބެހޭ އިތުރު ތަފްސީލާ އެކު ލިޔެކިޔުންތައް ވެސް މިހާރު ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި މައްސަލަ އިތުރަށް ތަޙްގީގުކޮށް އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމް ބާތިލުކުރުމަށް ވެސް އަޒިލާ ވަނީ ކޯޓުގައި އެދިފައެވެ.
އަލްޓާންޓްޔާ އަކީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ތަރުޖަމާނެއްގެ ގޮތުގައި ގެންގުޅުއްވި މޮންގޯލިޔާގެ މަޝްހޫރު މޮޑެލް އެކެވެ.
One Response
ނަޖީބު ގެންގުޅުއްވި ބިއުޓީ ކުއިން ބޭނުންކޮށްލާފަ މަރާލީ ދޯ. އެމްބީއެސް އަކަށްވުރެ ދެރައެއްނޫންތާ! އޭނާވެސް ގަސްކަނޑާ ޗޭނުކީސް ބޭނުންކޮށް އޭނާގެ ބޮޑުން ތުރުކީއަށް ފޮނުވައިގެން ޖާރނަލިސްޓް ކަޝޯޖީ ކޮށާލީ ވިއްޔާއެވެ. ދެން މިބޮޑެތި ވެރިންނޭ މިކިޔާ މީހުންގެ ޙާލަތާއިމެދު މޮޔަވާދަރަޖައަށް މިދަނީއެވެ. އަދި ދެރައީ މި ދެވެރީންނަކީވެސް އިސްލާމުން ކަމަށް ވާތީއެވެ. ބިސްމިނުގެ ބަރަކާތުން ފަށްޓާ އެންމެބާރަށް އިންޝާﷲ ކިޔާ މީހުނެވެ. ލަދުކޮބާ؟ ތެދެއްކަމަށް ވާނަމަ މިއީ ދީނަށްވެސް ބޮޑު މުސީބާތެކެވެ.