އެމެރިކާގެ އުޓާ ސްޓޭޓްގެ ރައްޔިތެއް ކަމުގައިވާ 39 އަހަރުގެ ކަސާޑީ ކުޑިލް އަކީ ދެކުދިންގެ މަންމައެކެވެ. މޮޑާނާ، ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް އޭނާ ޖަހާފައި ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ވެކްސިން ޖެހިފަހުން އޭނާ މަރުވެފައި ވަނީ އޭގެ ހަތަރު ދުވަސް ފަހުން ފެބުރުއަރީ ފަސްވަނަ ދުވަހުއެވެ.
ވެކްސިންގެ ދެވަނަ ޑޯޒު ޖެހިތާ އެއްދުވަހުގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަކަމަށް އާއިލާއިން މައުލޫމާތު ދިނެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން އޭނާގެ ކިބައިން ބަލިމަޑުކަމުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް އޭނާގެ އާއިލާއިން ބުންޏެވެ.
ކަސާޑީ ކުޑިލް ޑޮކްޓަރަށް ދައްކަން ދިޔުމުން އޭނާގެ ލޭގެ ސާމްޕަލް ނަގާފައިވާ ކަމަށް އޭނާގެ ބައްޕަ އެމެރިކާގެ ނޫސް ޗެނެލްއަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ. ސާމްޕަލްގެ ނަތީޖާއިން ދެއްކި ގޮތުގައި އޭނާގެ ލިވާރގެ މަސައްކަތް ވަނީ އެއްކޮށް ހުއްޓިފައެވެ.
މިކަމާގުޅިގެން ވަގުތުން އޭނާ ހަސްފަތާލުގައި އެޑްމިޓް ކުރެވުނެވެ. އަދި ލިވާރ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ތައްޔާރީތައް ފެށުނެވެ. ނަމަވެސް އޭނާގެ ހާލު ވަރަށް އަވަހަށް ދަށަށްގޮސް އެހަފުތާގެ ހުކުރު ދުވަހު އޭނާ މަރުވިއެވެ.
ކަސާޑީ ކުޑިލްގެ އާއިލާއިން މިހާރު ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އޭނާގެ އޮޓޮޕްސީގެ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެއެވެ.