ކަރަންޓީން ނުވެ ކެމްޕޭނަށް ދަތުރު ކުރެވޭ ގޮތްހަދައިފި 

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭ ގޮތައް އުސޫލު ބަދަލުކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިރޭ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. މިރޭ ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާގޮތުން ކަރަންޓީނުނުވެ މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރުނުވާނެ ގޮތަކަށެވެ.

އެޗްޕީއޭ އިން މިރޭ އުސޫލަށް ގެނައި ބަދަލުގައި ބުނެފައި ވަނީ ކެމްޕޭން ކުރަން ރަށްރަށަށް ދަތުރު ކުރަން ޖެހޭ މީހުން އަމަލު ކުރަން ޖެހޭ ގައިޑްލައިނާއި ހިލާފަށް މީހަކު އަމަލުކޮށްފިނަމަ އެފަރާތެއް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ދަތުރުކުރުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތަށް ބަލައިރު ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ. އުޞޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސ.އާރ ޓެސްޓުގެ ނައްސި ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައިވެއެވެ.

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް އެޗްޕީއޭ އިން އީމެއިލުން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރަންޖެހެއެވެ. އަދި ދަތުރުކުރާ މީހުން ރައްކާތެރިކަމާއެކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުކުރަން ފަށަންވާނީ ދަތުރުކުރުމުގެ ހުއްދަ ލިބުމަށްފަހުގައިކަމަށްވެސް ގައިޑްލައިންގައި ވެއެވެ.

ކެމްޕެއިން ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި އެކި ހަރަކާތްތައް ބޭއްވުމުގައާއި އެކަންކަމުގައި ބައިވެރިވުމުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކުގެ ގައިޑްލައިންގައި ކަނޑައަޅާފައިވަނީ ރަށްރަށަށް ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަށް ނުގެންދިއުމަށެވެ. އަދި ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

Loading

One Response

  1. އާންމު ނިކަމެތި ރައްޔިތުން އަމިއްލަ ރަށުގައި އެޗްޕީއޭ ގެ ގަވާއިދާއި އެއްގޮތްވާގޮތަށް ކަރަންޓީން ވާނެ ތަނެއްނެތިގެން ނުދެވިފައެބަތި އެމީހުން ތިބުނާ ޓެސްޓެއް ފުރާދުވަހު ނޫނީ އެއްދުވަސް ކުރިން ހަދައިގެން ނައްސި ވެއްޖެނަމަ ކަރަންޓީން ނުވެ ވާނެ ގޮތެއް ހަދައި ރައްޔިތުންނަށް ލުއިވާނެ ގޮތްތަކެއް ސަރުކާރުން ހަދަން ވިސްނިއްޔާ މާތާހިރުވާނެ ރައްޔިތުން ހަނާވެ ނިމެނީ އަދިވެސް މި ދެޕާޓީގެ ކޯޅުން އަމިއްލަ އެދުމާއިވެގެން ކުރިޔަށް ގެންދާމަންޒަރު މި ފެނިގެންދަނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް