މަލީޙު ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގަތުން: އޭނާއަކީ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ވެސް ނޫން!

Loading

Facebook
Twitter
WhatsApp

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ގިނަ ޕާޓީތައް ގުޅިގެން އެކުލަވާލި އެމްޑީޕީ ކޯލިޝަންގައި ހުންނެވިކަމަށްވިޔަސް، ވަރަށް ހިންގުންތެރި، އަދި ހިތްވަރުގަދަ، އަދި ޖެހިލުންކުޑަ ޝަޚުޞިއްޔަތެއްކަމުގައިވާ މުޙައްމަދު މަލީޙު ޖަމާލަކީ އެއްދުވަސްވަރެއްގައި ވެސް އެމްޑީޕީގެ ހަރުކަށި ފިކުރުގެ ބޭފުޅެއްނޫނެވެ.

ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި އެމްޑީޕީ ކޯލިޝަން ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނަވަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިތުބާރުނެތްކަމުގެ ވޯޓަކުން މަލީޙު މަގާމުން ދުރުކުރެއްވި އެންމެ ފަހު ވަގުތުކޮޅުގައި ވެސް ރައްޔިތުންގެ މަޖިލީހުގައި މަލީޙު ދެއްކެވީ ހިތްވަރުގަދަކަމާއި ޖެހިލުން ކުޑަކަމުގެ ނަމޫނާއެކެވެ. އޭނާ މަޖިލީހަށް ފާޑުވިދާޅުވިއެވެ. މަޖިލީހުގެ ރައީސަށް ފާޑުވިދާޅުވިއެވެ. މަޖިލީހުގެ ސިޔާސަތަށް ފާޑުވިދާޅުވިއެވެ. އޭނާ މަގާމުގެ ދަހިވެތިކަމުގައި މަގާމު ދިފާއުކޮށްދެއްވުން އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އާދޭސް ނުދަންނަވައެވެ. ޖުމްހޫރީ ޕާޓީގައި އާދޭސް ނުދަންނަވައެވެ.

މަލީޙުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް

އިންސާފުވެރި ތަރާދަކުން ކިރައިފިނަމަ، މަލީޙުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުބާރު ނެތްކަމުގެ ވޯޓެކެވެ. މަލީޙަށް މިނިސްޓަރކަން ދެއްވީ ރައީސެވެ. ރައީސްގެ އިތުބާރު މަލީޙުގެ މައްޗަށް ގެއްލުމުން އޭނާ މަގާމުން ވަކިކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނީ ރައީސެވެ. މަޖިލީހަށް އެކަން ވައްދާކަށް ނުޖެއެވެ. އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓު މިނިސްޓަރަކު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަކި ކުރެއްވި އިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވީ އާރެއް ބާރެއްނެތް ފަދަ ގޮތެއްގައި ކުޅިބައްލަވާށެވެ. އެއީ ސިޔާސީ ވަރަށް ބޮޑު ޖޯކު، ޑްރާމާއެކެވެ. ކެބިނެޓް މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވުނު ކަމެއްނެތެވެ. މަލީހުގެ ދިފާއުގައި ޖޭޕީން ކުރި މަސައްކަތެއް ނެތެވެ. މަސައްކަތެއް ކުރެވޭވަރަށް ވުރެ ޖޭޕީ އެވަގުތު އޮތީ ބަލިކަށިވެ ނިކަމެތި ވެފައެވެ.

މަލީޙު ޖޭޕީއާ ދުރަށް ޖެހިވަޑައިގަތުން

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށާއި ޖޭޕީއަށް ދިމާވި އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި ޕާޓީއާއި ޕާޓީގެ ހައްގުގައި ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި މަލީޙު ބުދަދުވަހު ޖޭޕީން ވަކިވެވަޑައިގަންނަވައި ފެޔަށް ޖެހިވަޑައިގެންފިއެވެ. މަލީޙުގެ ހައްގުގައި ކަމެއް ކީއްކުރަންތޯ އެކަށީވާވަރުގެ ބަހެއް ވެސް ނުބުނެވުނު، ޖޭޕީން ވަކިވެވަޑައިގަތުމުގެ ކުރިން މަލީޙު ވަނީ ޕީޕީއެމް، ޕީއެންސީގެ އިސް ބޭފުޅުންނާ އެއްމަޖިލީހެއްގައި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އެކަމާގުޅިގެން ޖޭޕީން ބުނެފައިވަނީ މަލީޙު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޕެއިންގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލާނެ ކަމަށެވެ.

މަލީޙު ޖޭޕީން ވަކިވެވަޑައިގަތުމުން ޖޭޕީން ބަލާނީ ދެން ކޮން މައްސަލައެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މަލީހު ހާޒިރުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް މަލީޙު ހާޒިރުކުރަން ވަނީ ނިންމާފައެވެ. މަލީހު ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި ދުވަހު މަޖިލީހުގެ މެންބަރުންނާ ބެހޭގޮތުން ދެއްކި ވާހަތަކާ ގުޅިގެންނެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ މެންބަރުން އޭނާއަށް ބިރު ދައްކާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ވަޒީރުންގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުގެ ތެރެއިން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް މަޖިލީހުގެ ތެރެއިން ބިރު ދެއްކި ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

އެދުވަހު މަލީޙު ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ޚުދުމުޚުތާރު ގޮތެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

”ހަދާ ނިންމާފައިވާ ގަވައިދުތަކެއް ނަހަދާ ކަމަށް މަޖިލިހުން ތަކުރާރުކޮށް ބުނަމުން ދަނީ.“ މަލީޙު މަޖިލީހުގައި ވިދާޅުވިއެވެ. ”ބުހުތާން ދޮގުތަކެއް ހަދަމުން ދަނީ. މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ ނާތަހުޒީބީ އަމަލުތައް ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން.“

މަލީޙު ވިދާޅުވި ގޮތުގައި އޭނާ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ޖެހިލުންވެވަޑައެއްނުގަންނަވައެވެ.

އެމްޑީޕީ ފިކުރާ ކުރިއަށް ވުރެވެސް ދުރަށް

މަލީޙަކީ އެއްދުވަސްވަރެއްގައި ވެސް އެމްޑީޕީ ފިކުރުގެ ބޭފުޅެއްނޫނެވެ. އެމްޑީޕީ ކޯލިޝަންގައި ޖޭޕީގެ ސްލޮޓެއްގައި ވަޒީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް އޭނާގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވޯޓުދެއްވައި މަގާމުން ވަކިކުރެއްވުމުން ކުރިއަށް އޮތްތާނގައި މަލީޙު ފެނިގެންދާނީ ކުރިއަށްވުރެވެސް ބޮޑަށް އެމްޑީޕީ ފިކުރާ ދުރު ބޭފުޅެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިޚާބަށް 2018ގައި ތައްޔާރުވަމުން ދިޔައިރު އެމްޑީޕީގެ ސިޔާސަތަކީ، ފިކުރު ތަފާތުވިޔަސް ވީހާ ގިނަ ބަޔަކާ ގުޅިގެން ކޯލިޝަނެއް ހަދައި ރައީސް ޔާމީންގެ ވެރިކަން ދުއްވާލުމެވެ. އެކަން ކާމިޔާބު ކުރެވިއްޖެއެވެ. މިހާރު އެމްޑީޕީ ތެރެއިން ފެންނަނީ ކޯލިޝަންގެ އަހުދުނާމާއަށް އިހުތިރާމު ކުރުމެއްނެތި އަމިއްލަ ބޮނޑި، ބޮޑުކޮށް ބާރަށް ބަންނަމުން ދާތަނެވެ. އޭގެ ފައިދާއާއި ގެއްލުން ފެންނާނީ ކޮން އިރަކުން ކަން ނޭނގުނަސް، މަލީޙުގެ ސިޔާސީ ނުފޮރުއްޕާނުގެ އަސަރު ފެންނަން މާގިނަ ދުވަސްތަކެއް ހޭދަވެގެން ނުދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް