ކޮވިޑް-19 ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރާ މީހުންނަށް މާސްކު ނާޅައި އުޅެވިދާނެކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ން ބުނެފިއެވެ.
ސީޑީސީން އާންމުކުރި އައު އިރުޝާދުތަކުގައި ބުނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އިމާރާތްތަކުގެ އެތެރޭގައި އެކަކު އަނެކަކާ ބައްދަލު ކުރާނަމަ މާސްކު އަޅަން ނުޖެހޭނެކަމަށެވެ. ނަމަވެސް ބޭރަށް ނުކުމެ އުޅެން ޖެހޭނީ މާސްކު އަޅައިގެންކަމަށާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް މާސްކު ނާޅައި ދިޔުން ރަނގަޅު ނޫންކަމަށް ސީޑީސީން ބުނެއެވެ.
އެމެރިކާގައި މިހާރު ދެވެކްސިނެއް ދެމުން އެބަގެންދެއެވެ. އެއީ ދެ ޑޯޒް ހިމެނޭ ފައިޒަރ ވެކްސިނާއި މޮޑާނާ ވެކްސިނެވެ. އަދި އެއް ޑޯޒް ހިމެނޭ ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން ދޭން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ސީޑީސީން ބުނީ އެ ވެކްސިންތަކުގެ ފަހު ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފުތާ ފަހުން ވެކްސިން ޖަހާފައިވާ މީހުންނަކީ ބަލިން ރައްކާތެރިކަން ލިބިފައިވާ މީހުންކަމުގައި ބެލެވިދާނެކަމަށެވެ. އެހެންކަމުން މާސްކު ބޭނުންކުރުމާއި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް ނެތި އެ މީހުންނަށް އެކަކު އަނެކަކާ ބައްދަލުކުރެވިދާނެކަމަށް ސީޑީސީން ބުނެއެވެ. އޭގެ އިތުރުން ވެކްސިން ނުޖަހައި ބަލީގެ ނުރައްކާ ކުޑަ އެއް ގޭބިސީއަކަށް ނިސްބަތްވާ މީހުންނާވެސް މާސްކު ނާޅައި ބައްދަލުކުރެވިދާނެކަމަށް ސީޑީސީން ބުނެއެވެ.
ސީޑީސީން ބުނީ އިރުޝާދުތަކަށް ގެނެސްފައިވާ އެންމެ ފަހުގެ ބަދަލުތަކަކީ އާންމު ދިރިއުޅުމަށް އަލުން ރުޖޫޢަވުމާ ގާތަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
އެމެރިކާ އިން އުއްމީދު ކުރަނީ މިއަހަރުގެ ޖޫން މަހާއި ހަމައަށް ދާއިރު ދެގައުމުގެ ދެބައިކުޅަ އެއްބަޔަކަށް ވެކްސިން ދެވޭނެ ކަމަށެވެ.