ހައުސިން މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ ލަފައާއި ހިލާފަށް ތުޅާދޫން ގޯތި ދޭންއުޅޭ މައްސަލަ ކޯޓަށް 

Loading

Facebook
Twitter
WhatsApp

ބ.ތުޅާދޫ ކައުންސިލުން ”ބ.ތުޅާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް – 2019“ އަކީ ”ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު“ ގެ 10 އަދި 13 ވަނަ މާއްދާއާއި ހިލާފަށް، ބ.ތުޅާދޫއިން ބަންޑާރަގޯތި ދޫކުރުމަށް ބ.ތުޅާދޫ ކައުންސިލުން އާންމު ކޮށްފައިވާ އުޞޫލަކަށް ވާތީ އާއްމު ފަރާތަކުން ތުޅާދޫ ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ.

އާއްމު ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ތުޅާދޫ ކައުންސިލުން އާއްމުކުރި އުޞޫލާއި ގުޅިގެން ގިނަ މައްސަލަ ތަކެއް ތުޅާދޫ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުންވެސް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި އެ އިޢުލާނާއި ގުޅިގެން ހުއްޓާނުލާ މަސައްކަތް ކުރަމުން ދާތީ، އެކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސަމާލުކަމަށް ގެނައުމަށްޓަކައި 2019 އޮކްޓޯބަރު 13 ވަނަ ދުވަހު އޭނާ ސިޓީއެއް ފޮނުވިކަމަށެވެ.

އެސިޓީ އާއި ގުޅިގެން 2019 ނޮވެމްބަރު 20 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ ސިޓީ ގައި ބ.ތުޅާދޫ ހިއްކި ބިމުން ބަންޑާރަ ގޯތި ދޫކުރުމަށް ބ.ތުޅާދޫ ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން، ރަށުގެ ރައްޔިތުންގެ ޢާންމު މަސްލަހަތަށް ރިޢާޔަތްކޮށް، ”ދިރިއުޅުމަށް ބަނޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިން ”ބ.ތުޅާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު“ އާއި ކުރިން ކޮށްފައިވާ އިޢުލާން އިޞްލާޙުކޮށް، އިތުރު މުއްދަތެއްދީ އާ އިޢުލާނެއްކޮށް، އަލުން ހުޅުވާލެވޭ މުއްދަތު ހަމަވާ ތާރީޚަށް ފޯމް ހުށަހެޅި ފަރާތްތައް ހިމެނޭހެން އެންމެހާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރައްވައި ޕޮއިންޓް ދިނުމަށްފަހުގައި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެ މިނިސްޓްރީން ތުޅާދޫ ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ބުންޏެވެ.

2019 އޮކްޓޯބަރު 22 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން ބ.ތުޅާދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީން ތުޅާދޫ ކައުންސިލުން 2019 މޭ 02 ގައި ކުރި އިޢުލާނާ ޙަވާލާދީ، ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނުގެ ދެވަނަ މާއްދާގައި، ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެއްމެހާ މުޢާމަލާތު ކުރަންވާނީ، އެ ޤާނޫނުގައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާ ކަމަށާއި،  އެ ޤާނޫނުގެ ދަށުން ޢަމަލުކުރުމަށްޓަކައި ހަދާފައިވާ ދިރިއުޅުމަށް ބަނޑާރަގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ”ގޯތި ދޫކުރާކަން އިޢުލާނުކުރުން“ ގެ ދަށުން (ހ،ށ،ނ،ރ،ބ،ޅ،ކ) އަށް ބުނެވިފައިވާ ކަންކަން ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެ ޤަވާޢިދުގެ 7 ވަަނަ މާއްދާގައި ”ދިރި އުޅުމަށްޓަކައި އަލަށް ގޯތި ނަގާ މީހުންގެ ހުންނަންވާ ޝަރުތުތައް“ (ހ،ށ،ނ،ރ،ބ،ކ) ގައި ވާ ޝަރުތު ތަކަށް އުނިއިތުރެއް ނުގެނެސް އެ އިޢުލާނުގައި ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައިވާކަން މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކުރިއެވެ.

ތުޅާދޫ ކައުންސިލުން ގޯތި ދޫކުރުމަށްޓަކައި ކޮށްފައިވާ އިޢުލާނުގައި ޤަވައިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން ބ.ތުޅާދޫ ކައުންސިލަށް އަންގާފައި ވެއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން ތުޅާދޫ ކައުންސިލަށް 2019 ނޮވެމްބަރު 18 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ އާއި 22 އޮކްޓޯބަރު 2019 ގައި ފޮނުވި ސިޓީ އާއި ބަންޑާރަ ނައިބުގެ ލަފާފުޅާއެކު 7 ވަނަ މާއްދާގައިވާ 5 ޝަރުތެއް އިސްލާޙްކޮށް، އައު ޝަރުތުތަކާއި، ބަދަލުކޮށްފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ކަންކަމާއެކު އިތުރު މުއްދަތެއްދީ އާ އިޢުލާނެއް ކުރައްވައި، އަލުން ހުޅުވާލެވޭ މުއްދަތު ހަމަވާ ތާރީޙާ ހަމައަށް ފޯމް ހުށަހެޅި ފަރާތްތައް ހިމެނޭހެން އެންމެހާ އެޕްލިކޭޝަންތައް އަލުން އިވެލުއޭޓް ކުރައްވައި ޕޮއިންޓް ދިނުމަށްފަހު ގޯތި ލިބޭ މީހުންގެ ލިސްޓް ޢާންމުކުރެއްވުމަށް ތުޅާދޫ ކައުންސިލަށް އަންގާފައި ވީނަމަވެސް އަލުން އިޢުލާނު ކުރުމެއްނެތި ތުޅާދޫ ކައުންސިލްގެ ފަރާތުން ދާއިމީ ލިސްޓް އާންމުކޮށް 2020 މާރޗް 12 ވަނަ ދުވަހު ގުރު ނެގުމަށް އިޢުލާން ކުރިކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުންޏެވެ.

”ތުޅާދޫ ކައުންސިލުން ވަގުތީ ލިސްޓް އާންމު ކުރުމާއި ގުޅިގެން އަޅުގަނޑުގެ ޙައްޤު ހޯދައި ދިނުމަށް އެދި 2020 އޮކްޓޯބަރ 19 ވަނަ ދުވަހު އަޅުގަނޑު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހެޅި މައްސަލަ މިވަގުތުވެސް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ބަލަމުންދާ މައްސަލައަކަށްވެފައި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ތުޅާދޫ ކައުންސިލުން، ގޯތި ދޫކުރުމަށް އަލުން އިއުލާން ކުރުމަށް މިނިސްޓްރީން އެންގި އެންގުމާއި އެއްގޮތަށް އިޢުލާން، ކުރިންތޯ ސާފުކުރުމަށް ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބުދާރީވުމެއް ނެތި، މައްސަލަ ކުރިޔަށްދާ ހިނދުވެސް، އެކަންކަމަށް ގޮންޖަހައި ތުޅާދޫ ކައުންސިލުން އަމަލުކުރަމުންދާތީ، ބިމާއިބެހޭ ޤާނޫނުގެ ދަށުން ޢަމަލުކުރުމަށް ހަދާފައިވާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދާ ޚިލާފަށް ތުޅާދޫ ކައުންސިލުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑާއި އެތަށް ރައްޔިތުންގެ ޙައްޤުތަކެއް ގެއްލި މަގުމަތިވާން ވަނީ ޖެހިފައި.“ މައްސަލަ ހުށަހެޅި ފަރާތުން ބުންޏެވެ.

އޭނާ ބުނީ  ތުޅާދޫން ބަންޑާރަ ގޯތި ދޫކުރުމަށް ތުޅާދޫ ކައުންސިލުން މިހާރު ކުރިޔަށް ގެންދާ އެންމެހާ މަސައްކަތްތައް ވަގުތުން ހުއްޓުވައި، ”ދިރިއުޅުމަށް ބަނޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިން ”ބ.ތުޅާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު“ އާއި ކުރިން ކޮށްފައިވާ އިޢުލާން އިޞްލާޙުކޮށް، އިތުރު މުއްދަތެއްދީ އާ އިޢުލާނެއްކޮށް، އަލުން ހުޅުވާލެވޭ މުއްދަތު ހަމަވާ ތާރީޚަށް ފޯމް ހުށަހެޅި ފަރާތްތައް ހިމެނޭހެން އެންމެހާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރައްވައި ޕޮއިންޓް ދިނުމަށްފަހުގައި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޝަރީޢަތުން ބ.ތުޅާދޫ ކައުންސިލަށް އަންގާ އަމުރު ކޮށްދިނުމަށް ދައުވާގައި އެދިފައި ވާނެ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ތުޅާދޫ ކައުންސިލްގެ ބަހެއް އަދި ނުލިބެއެވެ.

Loading

One Response

  1. ވެރިން ގިނަވީވަރަކަށް މިކަހަލަ ކަންތައް ގިނަވާނެއެވެ. ދިވެހިންގެ ތެރޭގައި ވެރިންބުނާބަހަކަށް ކުރާކަމަކަށް އެދިކޮޅުއެއްޗެއް ބުނާމީހާއަށް ކުރީގައި އޮންނަނީ ހުރަގެ އޭ ބުނެއުޅެއެވެ. އަދި އެ އަމަލު ބެލެވެނީސަރުކާރާ އިދިކޮޅު އަމަލެއްގެ ގޮތުގައެވެ. އެޒަމާނުގައި ހުންނަނީ އެންމެ ވެރިއެކެވެ. ދިވެހިބަހުން ވާހަކަދައްކާއިރު ބޭނުންކުރާވަރަށް މިހާރު ވެރިންގެ އަދަދުވެސް ގިނަވީއެވެ.. ކަނބުރުވެރިން…ދަތުރުވެރިން…ފަތުރުވެރިން….އަންހެންވެރިން….ފިރިހެންވެރިން…މިލިސްޓް ހުސްނުވާނެއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް