މަގޭ ގައުމާއި މަގޭ ވެރިކަން

49

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަމަޖައްސާފައިވަނީ ދިވެހިންނަށް އެންމެފައިދާކުރަނިވި ނިޒާމެއްގެ މައްޗަށް ކަމާމެދު ޝައްކުކުރާނެ ތަނެއް އޮތްކަމަކަށް ނުދެކެމެވެ. ކިތަންމެ ރަނގަޅު އަދި ފައިދާހުރި ނިޒާމަކަށް ކަންތައް ރޭވިފައި ހުރިނަމަވެސް ޒިންމާދާރު ނުވެ ފަރުވާކުޑަކޮށްފިނަމަ ހޯދަންއެދޭ ނަތީޖާއެއް ނުލިބޭނެއެވެ. މިތާގައި އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ ދެތިންކަމެއް ފާހަގަކޮށްލާނަމެވެ. ހަނދާންކޮށްދިނުމަކީ އެކަމުން ފައިދާކުރާނެކަމަކަށް ވާތީއެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ކިޔަނީ ” ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ” އެވެ. ވެރިކަންކުރަން އިސްކުރެވޭ ބޭފުޅަކަށް މުޚާތަބް ކުރެވެނީ ” ރައީސުލް ޖުމްހޫރިއްޔާ ” ގެ ނަމުންނެވެ. ގާނޫނުތައް ހެދުމުގެ ބާރު ދީފައި އޮންނަނީ ” ރައްޔިތުންގެ މަޖިލީސް ” އަށެވެ. މިއީ ވަރަށް އާދަޔާޚިލާފް ނަންތަކެކެވެ. ދުނިޔޭގެ އެއްވެސްގައުމެއްގައި ގާނޫނުހަދާ މަޖިލީހަށް ރައްޔިތުންގެ މަޖިލީސް މި ނަން ދީފައެއް ނެތެވެ. އެހެންކަމުން އެ ނަންކިޔޭ ކޮންމެފަހަރަކު އަދި އެ ނަންކިޔާކޮންމެމީހަކަށް އެ ހަނދާންކޮށްދެނީ އެއީ ރައްޔިތުންގެ ތަނެއްކަމެވެ. އެތަނުގައި ތިބޭނީ ރައްޔިތުންގެ މަންދޫބުންނެވެ. ދިވެހިންނަށް ބޭނުންވާ ގާނޫނުތައް ހަދާނީ އެތަނުންނެވެ. އެހެންކަމުން ރައްޔިތުންގެ މަންދޫބުން އެތަނަށް އިންތިޚާބުކުރުމާބެހޭގޮތުން ކަންތައް ކުރަންވީގޮތް ރަނގަޅަށް އެނގެން އެބަޖެހެއެވެ. އެގެއަށް އާދެ، ރައްޔަތުންގެ ގެއަށް ވަނުން އެކަށީގެންވާ ބަޔަކު އިންތިޚާބު ކޮށް އެބޮޑު ޒިންމާ މާތްﷲ ގަންދީ ހުވާކޮށް އެހުވައިގެ މަތީން ޙަވާލުކުރުމަށެވެ.

ދިވެހިބަހުން ލިޔެފައިވާ ލިއުންތަކުގެ ތެރޭން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަކީ ވަރަށް ޚާއްސަ ލިއުމެކެވެ. ކޮންމެ ދިވެއްސަކަށްވެސް ގާނޫނުއަސާސީގައި ލިއެފައިވާ އެއްޗެއް އެނގެންޖެހޭނެއެވެ. އެއާ ޚިލާފަށް އެއްވެސް ކަމެއްކުރުމުގެ އިޚްތިޔާރު ހަމައެކަކަށްވެސް ލިބިފައިނުވާތީއެވެ. އަދިހަމައެއާއެކު ގާނޫނުއަސާސީ އަކީ ހުރިހާ ދިވެހިރައްޔިތުން އެންމެން، އެއްވެސް އިސްތިސްނާއެއް ނެތި އެއަށް އަމަލުކުރުން ލާޒިމްކުރާ އެއްޗެއްކަމަށް ކަނޑަ އެޅިފައިވާ ވާތީއެވެ. ދިވެހިންގެ މައްޗަށް އިސްލާމްދީން ފިޔަވައި ގާނޫނުއަސާސީއަށް ވުރެން ބާރުގަދަ އެހެން ދުސްތޫރެއް ނޯންނާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގާނޫނު އަސާސީ އަކީ އެމީހަކު ބޭނުންގޮތަކަށް އޭގެ މާނަ ކުރެވޭނެ ލިއުމެއްވެސް ނޫނެވެ. އެ ލިއެފައިވަނީ އެއަށްވުރެން މާ ސަރީޙަކޮށް ތަފާތު މާނަތައް ނުނެގޭނެގޮތަށް ކަމުގައި ގަބޫލުކުރަން ޖެހޭނެއެވެ. މިސަބަބު ތަކަށްޓަކައި ގާނޫނުއަސާސީ މާނަ ކުރުމުގައި އުފެދޭ ޚިޔާލުތަފާތުތައް ޙައްލުކުރުމުގެ ބުރަ މަސްއޫލިއްޔަތު ޙަވާލު ކުރައްވާފައި އެވަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ޝަރުޢީ ދަރުބާރުގެ ކަމުގައިވާ ސްޕްރީމް ކޯޓަށެވެ.

ގާނޫނުއަސާސީގައި ލިއެފައިވާ ލިއުންތައް ދެނެގަތުމުގައި ކޮންމެދިވެހި ރައްޔިތަކު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ބައެއް މާއްދާތައް އެބަހުރެއެވެ. މިސާލަކަށް ކުރިން އިޝަރަތްކުރިފަދައިން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރުމަކީ އާދައިގެ ކަމެއްނޫނެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުންގެވެރިކަމެއް ކުރަންވީގޮތް ކަނޑައަޅައި އެކަން އެގޮތުގެމަތިން ހިނގަމުންދާކަން ކަށަވަރުކުރުމުގެ ބުރަ މަސްއޫލިއްޔަތު ޙަވާލުކުރަން ބަޔަކު އިންތިޚާބުކުރުމަކީ ބޮޑު ވެގެންވާ ޒިންމާއެކެވެ.

ގާނޫނުއަސާސީގެ 72ގެ (ހ) ބަޔާންކުރާ ގޮތުން، އިންތިޚާބުތަކާބެހޭ ބައިގާ ލިއެފައިވާގޮތުން ކޮންމެ އިދާރީ ދާއިރާއަކުން ވަކިއަދަދަކަށް އެ މަޖިީހަށް މެމްބަރުން އިންތިޚާބުކުރަން ޖެހެެވެ. މިތާގައި މިބުނާ ” ކޮންމެދާއިރާ އަކުން ” މިބަސް ގެނެވިފައިވާ ގޮތާއިމެދު ފުންކޮށް ވިސްނާލައި އެބުނީ ކީކޭތޯ ފަހުމްވާން އެބަޖެހެއެވެ. ” ކޮންމެ ދާއިރާ އަކުން ” ކޮންމެދާއިރާ އަކަށް ” ދިވެހިބަހުގައި މި ދެބަސް ބޭނުންކުރެވޭގޮތް ވަރަށް ތަފާތެވެ. ގާނޫނުއަސާސީ ލިއުއްވި ބޭފުޅުންނަކީ އާންމު ގިނަ ފަރުދުންނަށްވުރެ ދިވެހިބަހަށް ފުންނާބު އުސް ބޭފުޅުންކަން އެންމެ ފުރަތަމަ ގަބޫލުކުރަން ޖެހެއެވެ. ކަންމިހެންއޮތްނަމަވެސް މިތާނުގައި މިއޮންނަ ” ކޮންމެދާއިރާއަކުން ” މިބަހަށް އަމަލުކުރެވެނީ ރަނގަޅަށްތޯ އެބަ ބަލާލަން އެބަޖެހެއެވެ.

މާލޭ ދާއިރާއިން ކެލާދާއިރާގެ ރައްވެއްސަކު އިންތިޚާބު ކުރެވިދާނެބާވައެވެ؟ މިއީ އުފެދޭ ސުވާލެކެވެ. އެހެނީ އޭރުން އިންތިޚާބު އެކުރެވެނީ މާލޭ ދާއިރާއިން ނުވަތަ މާލޭ ދާއިރާއަށް މެމްބަރަކު ތޯ؟ ގާނޫނު އަސާސީ މާނަކުރުމުގައި ތަފާތެއް އުފެދިއްޖެނަމަ އެކަންޙައްލުކުރަން ދާންޖެހޭނީ އެންމެ މަތީ ކޯޓަށެވެ. އެކަމަކު އެތަނަށް ދާނީ ނުވަތަ ދެވެންއޮތީ ކާކަށްހެއްޔެވެ. ރައްޔިތުންގެ މިވެރިކަން ހިންގަމުން މިގެންދެވެނީ ރައްޔިތުން އެންމެ ބޭނުންވާގޮތަށް ހެއްޔެވެ؟ ފައިސާވެރިންގެ ބާރާއި ނުފޫޒުން ސަލާމަތް ވެވިފާއޮތީ ކޮން ގައުމެއްގެ ކޮން މިފަދަ ވެރިކަމެއް ހެއްޔެވެ؟ ދިވެހިރާއްޖެ އިސްތިސްނާކުރާނީ ކިހެނެއް ހެއްޔެވެ! ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާނެ އަދި ރައްޔިތުންގެ ސަރުކާރެއް ގާއިމްކުރަން އެދޭނަމަ އެންމެ ފުރަތަމަ ރައްޔިތުންނަށް ވަފާތެރި، އެތަނަކުން ރިވެތި އަޚުލާގީ މިންގަޑަކާއި ޢިލްމީ ފެންވަރެއްގެތެރެއިން މަސައްކުރާނެ ރައްޔިތުންގެ މަޖިލީހެއް އުފައްދަންޖެހެއެވެ. އެހެނީ މިއީ އެންމެހާ ރައްޔަތުންގެ ބޮލުގައި އެޅުވިފައިވާ ވަރަށް މަތިވެރި ބޮޑު ޒިންމާ އަކަށް ވާތީއެވެ.

މިކަމަށްޓަކައި އަޅާ ފުރަތަމަ ފިޔަވަޅަކީ ގާނުނުއަސާސީ ލާޒިމްކުރާފަދައިން ކޮންމެދާއިރާ އަކުން މެމްބަރަކު ޢައްޔަންކުރުމެވެ. ކޮންމެ ދާއިރާއެއްގައިވެސް ދިރިއުޅޭ ބަޔަކަށްވުރެން ބޮޑަށް އެ ދާއިރާއެއްގެ ޙާލަތު އެނގޭނެ އެހެން ބަޔަކު ނުތިބޭނެއެވެ. ކޮންމެދާއިރާ އަކުން މެމްބަރަކު ޢައްޔަން ކުރުމުގެ ބަދަލުގައި ކޮންމެ ދާއިރާ އަކަށް މެމްބަރަކު ޢައްޔަން ކުރީމާ ވާނެގޮތަކީ ކަންމަތީ ފިހާރައިގެ ސޭޓަކަށް ބޭރު ބިދޭސީއަކު ބޭންދީ މާވާނެގޮތްކަން ގަބޫލު ކުރަން އެބަޖެހެއެވެ.

މިކަމުގައި ގާނޫނުއަސާސީ މާނަކުރަން އެންމެމަތީކޯޓަށް ދާނެ ބޭނުމެއްވެސް ނެތެވެ. ގާނޫނުއަސާސީގައި ވަރށް ސަރީޙަކޮށް ލިއެފައި އެއޮތީ ކޮންމެ ދިވެއްސަކަށްވެސް ފަހުމްވާފަދަ ސާދާ އިބާރާތް ތަކަކުންނެވެ. ތިމާގެ ކޮނޑުގައި އެޅިފައިއޮތް މަސްއޫލިއްޔަތު ފުރަތަމަ އަދާކުރެވޭތޯ ބަލަމާހިނގާށެވެ.

 

3 ހިޔާލުތައް

  1. ތިހެން އޮތަސް މިހާރަކީ އަޑުގަދަ މީހާ ރުށް ގިނަވާ ދުވަސްވަރެކެވެ. މަގުމަށްޗަށް ނިކުމެ އެކަކަށްވުރެ ނުލަފާ އަނެކުންނަށް ދައްކާލެވޭ މީހުން ހޮވައިގެން ހަދިޔާ ބަދިޔާ ދީގެން މަޖިލީހަށްވެސް ހޮވާ އާގުރާނަ ގޮވާ “މޮޅުމީހުންތަކެއް” ތިބޭ ތަނެއްގައި އަދި އަމުދުން މަޖިލިސް ރައީސަކީ އޭނާ ބޭނުންވާގޮތް ނޫން އެހެންގޮތަކަށް ދާނަމަ ގައުމުގައި ހުޅުޖަހަން ގޮވާލާ މީހަކަށް ވެއްޖެނަމަ ތިބުނާ އަކުން ނުވަތަ އަކަށް މާނަ ކުރާނީ ކާކުތޯއެވެ. ހަމަގައިމުވެސް އެކަންވެސް ކުރާނީ އެމީހުންނެވެ. ތިބުނާ ބޮޑު ދަރުބާރުންވެސް އެމީހުން ބޭނުންނުވާގޮތެއް ނިންމައިފިނަމަ އެ ފަނޑިޔާރު މަނިކުފާނުވެސް 24 ގަޑިއިރުތެރޭގައި ވަކިކުރޭވިދާނެއެވެ. އެހެނީ ފަނޑިޔާރުގެ މިނިވަންކުރަން އެބާރުވެސް ގަދަކަމުން އެވަނީ އެކްޓިވެސް ޖަމުއިއްޔާ ޖޭއެސްއީ އިން ހޯދާފައެވެ. އަޅެ ނޫންތޯއެވެ؟

  2. ލިއުން ކިތަންމެހާވެސް ރަނގަޅެވެ. އަދި އެންމެންނަށްވެސް އެކަން ރަނގަޅަށް އެނގެއެވެ. ހިތާމައަކީ އަހަރެމެންނަށް އެންމެ ފައިދާހުރިގޮތަށް ކަންތައް ކުރުމުގެ ހިތްވަރުދެރަކަމެވެ. ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިވޭއަޑަކީ ސަރުކާރަށް އަޣްލަބިއްޔަތު ނުލިބި ކަންތައްތައް ރައްޔިތުން ބޭނުންވާގޮތަށް ނުކުރެވޭނެކަމެވެ. އެހެންވީމާ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ބޭނުމެއް ނެތްތާއެވެ. އޭރުން މަޖިލީސްނެތީމާ އަޣްލަބިއްޔަތުގެ ސުވާލުވެސް ނެތުނީއެވެ. ސަރުކާރު ނުވަތަ ވެރިކަން ހިންގަންތިބޭމީހުންނަށް އޭރުން މާފަސޭހަވާނެތާއެވެ.

  3. ކުރީގެ މެމްބަރު ތިޔަވިދާޅުވީ ކަންތައްތައް ހާމަވަމުންދާގޮތުގެ ތެދު ވާހަކައެކެވެ. އެކަމަކު ކައްޗަށް އަލާފައިއޮތް ބިންގަލެއްގެ މަތީގައި އަޅަމުންދާ އިމާރާތެއް އަލުންބަލުން އޮލަނބަށް އަޅަން ބޭނުމީވިއްޔާ ދެންހަދަންޖެހޭނެގޮތް ކިޔާނުދިނަސް އެންމެނަށްވެސް އެނގޭނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ