ޑރ. ޢިޔާޟު ހައްޔަރުކުރަން ޢާޡިމް ގޮވާލެއްވުން: ދީނީ ޢިލްމުވެރިން "އުލުބޭންދުން"

Loading

Facebook
Twitter
WhatsApp

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢިޔާޟު ޢަބްދުއްލަޠީފު ހައްޔަރުކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރކަން ކުރައްވާ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ގޮވާލެއްވުމުން ވަރަށް ގިނަ ބަޔަކު އެކަން ސިފަކުރީ ވަރަށް މޮޔަ، ޖޯކު އަދި އަނިޔާވެރި ގޮވާލެއްވުމެއްގެ ގޮތުގައެވެ.

ރާއްޖޭގައި އެންމެ މަތީ ފަންތީގައި ދީނީ ޢިލްމު ފެތުރުއްވުމަށް ޔުނިވަސިޓީގެ އިތުރަށް މީސްމީޑިއާގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ތަފުސީރު ޢިލްމުވެރިޔާ ޑރ. ޢިޔާޟުު ހައްޔަރުުކުރުމަށް އެދިވަޑައިގެން ޢާޡިމް ކުރެއްވި ޓްވީޓުގައި ވެއެވެ.

”ދިވެހި މުޖުތަމިޢުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރި ކުރުމަށް ގޮވާލަން. މީނާ ދޫކޮށްފައި ހައްޓައިފިނަ، އަންހެން ދަރިން މަރަން ވެސް ގޮވާލަފާނެ.“

ޑރ. ޢިޔާޟަކީ މުނާފިގެއްކަމަށް ވިދާޅުވެ އޭނާ ހައްޔަރު ކުރުމަށް ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޢާޡިމް ގޮވާލެއްވި އިރު، މުނާ ފިގުން ހައްޔަރުކުރާ ގާނޫނެއް މިރާއްޖޭގައި އަދި މިހާތަނަށް ހަދާާފައެއްނެތެވެ.

ޑރ. ޢިޔާޟަކީ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ތާއިދުވެސް ކުރައްވާ އަދި ބައެއް ނިންމުންތަކަށް، ފާޑުވެސް ވިދާޅުވާ ބޭފުޅެކެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ހިއްސާދާރެއް ކަމުގައިވާ ޢަދާލަތު ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޢިޔާޟަކީ މިވަގުތު ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ސަފުގެ އެންމެ ވަރުގަދަ އެއް ތަނބެވެ.

ޑރ. ޢިޔާޟު ހުންނެވީ ސަސްޕެންޑް ކުރައްވާފައި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނެވި ޑރ. ޢިޔާޟު މިވަގުތު ހުންނެވީ 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރައްވާފައެވެ. އޭނާ ސަސްޕެންޑް ކުރެއްވީ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ، ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާ ކަމަށްބުނެ އެކަން ތަހުގީގު ކޮށް ނިމެންދެނެވެ.

ފަރުޟު ނަމާދުގެ ޖަމާޢަތުގައި ކުރާއިރު ގައިދުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ޑރ. ޢިޔާޟު މީސްމީޑިއާގައި ބަޔާން ދެއްވާފައިވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ފަރުޟު ނަމާދުގެ ޖަމާޢަތުގައި ގައިދުރުކޮށް ކުރުމަކީ ވަރަށްބޮޑު ނުބައެއްގެ ފެށުމެކެވެ. އަދި އެއީ ބިދުޢައެކެވެ.

މީސްމީޑިއާގައި ސިޔާސީ ލިއުއްވުންތައް ލިއުއްވާކަމަށް ބުނެ ޔުނިވަސިޓީން މީގެ ކުރިން ވެސް ޑރ. ޢިޔާޟަށް ނަސޭހަތާއި އިންޒާރު ދެއްވާފައިވެއެވެ. އެކަމަކު ޢިޔާޟު ދީނީ މައުލޫމާތު ފެތުރުއްވުމުގެ މަސައްކަތް ހުއްޓައެއްނުލައްވައެވެ. އަދި ލަފާކުރެވޭގޮތުގައި އޭނާ އެކަން ހުއްޓައެއްވެސް ނުލައްވާނެއެވެ.

ޑރ. ޢިޔާޟު ސަސްޕެންޑް ކުރުމާ ގުޅިގެން ވިދާޅުވީ، އޭނާ ސަސްޕެންޑް ނުކޮށްވެސް ޔުނިވަރސިޓީން ކުރަން ބޭނުންވާ ތަހުގީގެއް ކުރެއްވޭނެކަމަށެވެ. އެއީ ވަރަށް ރަނގަޅު ތެދުފުޅެކެވެ.

ޑރ. ޢިޔާޟަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސީނިއާ ލެކްޗަރާއެކެވެ.

ޑރ. ޢިޔާޟު ކުރައްވާ ޓްވީޓުތަކާ ގުޅިގެން، ގައުމީ ޔުނިވާސިޓީގެ އިއްޒަތާއި ގަދަރު ކުޑަވާ ކަމަށް ތުހުމަތުކޮށް އޭނާއަށް ނަސޭހަތްދީ، ސަސްޕެންޑް ކުރިއިރު، އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަޔާންތައް ދެއްވާފައެވެ. އެކަމަކު އަނިޔާވެރިއެއްކަމަށް ބައެއް މީހުން ސިފަކުރާ ރައީސް ޔާމީނުގެ ވެރިކަމުގައި ޑރ. ޢިޔާޟާ ދެކޮޅަށް އިސްލާހީ ފިޔަވަޅެއް، އަދަބެއް ދެއްވާފައެއް ނުވެއެވެ.

ޢިލްމުވެރިންގެ އަގުވައްޓާލުން: އެންމެ ބޮޑު ގޯސް

ދީނީ ޢިލްމުވެރިންނާއި ދިމާކޮށް ދީނީ ޢިލްމުވެރިންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ސަރުކާރުތަކުން ހަދާ ވަރަށް ބޮޑު ގޯހެއްކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް އިލްޔާސް ޙުސޭން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ކޯލިޝަން ވެރިކަމަށް ގެންނަން ޢަދާލަތު ޕާޓީން ކުރި މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރެއްވި ޝައިޚް އިލްޔާސް ވިދާޅުވީ، މުނާފިގުންގެ ސިފަތައް ހުރީ ޑރ. ޢިޔާޟުގެެ ކިބައިގައިތޯ ނުވަތަ މުނާފިގުންނަށް ގޮވާ މީހުންގެ ކިބައިގައިތޯ ދިވެހި ރައްޔިތުން ވިސްނާލުން މުހިންމު ކަމަށެވެ.

ޑރ. ޢިޔާޟު ޔުނިވަސިޓީން ސަސްޕެންޑްކުރުމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ޝައިޚް އިލްޔާސް ވިދާޅުވީ، ޑރ. ޢިޔާޟާ މެދު ބޭއިންސާފުން އަޅާ ކޮންމެ ފިޔަވަޅަކީ އެބޭފުޅުން ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

”އަޅުގަނޑުމެން މިތިބީ ޑރ. ޢިޔާޟާ އެކު. އަޅުގަނޑުމެން ޑރ. ޢިޔާޟަށް ދެރައެއް ލިބުނަ ނުދޭނަން.“ ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚު އިލްޔާސް ވިދާޅުވިގޮތުގައި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ. ޢިޔާޟަކީ ލާދީނީ ވެރިން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާއެވެ.

ހަވަރަށް ދިނަސް ހައްގުބަސް ބުނާނަން: ޑރ. ޢިޔާޟް

ކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުން ނެގި ދުވަހު މަލީޙު ވިދާޅުވި ފަދައިން، ޑރ. ޢިޔާޟު ވެސް ވިދާޅުވީ ހަވަރަށް ދިންކަމުގައިވިޔަސް ހައްގުބަސް ބުނުމުގައި ދެމި ހުންނަވާނޭކަމަށެވެ.

ހަވަރަށް ދިން ކަމުގައި ވިޔަސް ހައްގުބަސް ބުނުމުގައި ދެމި ހުންނަވާނޭކަމުގައި ޑރ. ޢިޔާޟު ވިދާޅުވީ، ޔުނިވަސިޓީން އޭނާ 14 ދުވަހަށް ސަސްޕެންޑް ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ކޮމިއުނިކޭޝަން މިނިސްޓަރ ކަމުގެ މަގާމުން ވަކިކޮށްފައިވާ މަލީޙް ޖަމާލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޔާޒް ސަސްޕެންޑް ނުކުރެވޭނެ ކަމަށެވެ.

”ޚިޔާލުފާޅު ކުރުމުގެ ހައްގުގެ މިނިވަންކަން ހަނިކުރަމުންގޮސް ބަހެއްބުނާ މީހާ ވަޒީފާއިން ވަކިކޮށް ސަސްޕެންޑްކޮށް މިހަދަނީ ކޮން ގާނޫނެއްގެ ދަށުންތޯ؟“ މަލީޙް ކުރެއްވި ޓުވީޓުގައި ވެއެވެ.“ދިވެހިން ހޯދި ޑިމޮކްރަސީގެ ދަންމަރު ނިއްވާލަން ބަޔަކު ހޭބޯނާރައި މަސައްކަތް ކުރަނީ. ޑރ. ޢިޔާޟު ސަސްޕެންޑެއް ނުކުރެވޭނެ.“

ޑރ. ޢިޔާޒަކީ އިސްލާމްދީނުގެ ޢިލްމު ފަތުރުއްވާ ބޭފުޅެއް: ޑރ. ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ޢަހުމަދު ވިދާޅުވިގޮތުގައި ކިތަންމެ ޚިޔާލު ތަފާތުވިޔަސް ޑރ. ޢިޔާޟަކީ އިސްލާމްދީނުގެ ޢިލްމު ފަތުރަން ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ގައުމީ ޔުނިވަސޓީން ޑރ. ޢިޔާޟު ސަސްޕެންޑް ކުރި މައްސަލައާ ގުޅިގެން ޑރ. ޖަމީލު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ގައުމީ ޔުނިވަސިޓީގެ އެފިޔަވަޅަކީ ސިޔާސީ، ތަޢައްޞަބުން ފުރިގެންވާ ފިޔަވަޅެއްކަމުގައެވެ.

”ޢިލްމުވެރިންނަށް ފިޔަވަޅު އެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުސަތު ބޮޑު.“ ޑރ. ޖަމީލު ވިދާޅުވިއެވެ.

ތާރީޚަށް ބަލާއިރުވެސް ޢިލްމުވެރިން ޖަލަށްލައިގެން ބަންދުކޮށް އަދަބުދީގެން އޮބިއަޅުވައިގެން އެމީހުން މައިތިރި ކުރެވިފައެއްނުވެއެވެ.

ޢިމްރާނު އެއްޗެކޭ ވިދާޅެއްނުވި

ޑރ. ޢިޔާޟު ބުރާސްފަތި ދުވަހު ސަސްޕެންޑު ކުރުމުގެ އިތުރަށް ޑރ. ޢިޔާޟާ ދެކޮޅަށް ޢާޡިމް ހުރެއްވި ހަޑި ހުތުރު ޓުވީޓާ ގުޅިގެން ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާނު ޢަބްދުﷲ އެއްވެސް އެއްޗެކޭ ވިދާޅުނުވެ ހުންނެވީ ހިމޭނުންނެވެ.

ޝައިޚް ޢަލީ ޒައިދަކީ ވެސް ޝައިޚް އިލްޔާސް ފަދައިން ޑރ. ޢިޔާޟުގެ ދިފާއުގައި ވަރަށް ގިނަ ވާހަކަ ދެއްކެވި ޢިލްމުވެރި ބޭފުޅެކެެވެ.

ޢިޔާޟުގެ ދިފާއުގައި ޢަދާލަތު ޕާޓީގެ ވަރަށް ގިނަ ބޭފުޅުންނާއި ދީނީ ޢިލްމުވެރިން ތަފާތު ޝުޢޫރުތައް ފާޅުކުރައްވާފައި ވާއިރު، ޕާޓީގެ ރައީސް އެއްޗެއް ވިދާޅުނުވެ، ހަނު ހުންނެވުމަކީ ޕާޓީގެ ނިކަމެތިކަމާއި ބަލިކަށިކަން ދޭހަވާ ކަމެއްކަމަށް ބުނެ، ގިނަބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

ޢިމްރާނު ހަނުހުންނެވިޔަސް އެމްޑީޕީ އެކްޓިވިސްޓުން ކިތަންމެ ވަރަކަށް ފާޑުކިޔަސް، އިސްލާމް ދީނާއި ދީނީ ޢިލްމުވެރިންނަށް މާތް ރަސްކަނލާންގެ ނަސްރުދެއްވާނެއެވެ! އަދި ދީނީ ޢިލްމުވެރިން ”އުލުބޭންދުމަށް“ ކުރަމުންދާ މަސައްކަތް ނާކާމިޔާބު ކުރައްވާނެތެވެ!

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް