ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމް އިން ވާދަކުރާ އަބްދުﷲ ނަސީރު (އައްލޯ) ވެސް މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފިއެވެ.
މަންޒަރުދުއް މީހުން މައުލޫމާތުދޭ ގޮތުގައި އައްލޯ ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ މުޒާހަރާގައި އަޑުއުފުލަމުން ދަނިކޮށެވެ. ”އޭނާ ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގު މަޒާޑާ ކެފޭ ސަރަހައްދުން. އައްލޯ އަކީ ޕީޕީއެމްގެ މުޒާހަރާތަކުގައި އާއްމުކޮށް ބައިވެރިވަމުންދާ ބޭފުޅެއް.“ މައުލޫމާތު ދިން މީހަކު ބުންޏެވެ.
އައްލޯ ހައްޔަރު ކުރުމާއި ގުޅިގެން އޭނާ ދޫކޮށްލުމަށް ގޮވާލައި ”ފްރީ އައްލޯ“ ނަމުގައި މިހާރު މީސް މީޑިއާގައި ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ އިހްތިޖާޖް ކުރަމުންނެވެ.
މިއަދުގެ މުޒާހަރާ އިން ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެހެން ބައެއް ކެންޑިޑޭޓުން ވެސް ހައްޔަރު ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ތަފްސީލްތަކެއް އަދި ނުލިބެއެވެ.
މިއަދުގެ މުޒާހަރާ އިން ވަނީ 38 މީހަކު ހައްޔަރު ކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ ”ކޮބާ މަގޭ ފްލެޓް“ ނަމުގައި މިހާރު ކޮންމެ ހުކުރު ދުވަހަކު ވެސް ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ފުލުހުން މުޒާހަރާ އަށް ހުރަސްއަޅަމުން ގެންދަނީ މުޒާހަރާ ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ކަމަށް ބުނެއެވެ.