ދަރިވަރެއްގެ ނަސޭހަތް- އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ.

Loading

Facebook
Twitter
WhatsApp

ކޮންމެ ކުއްޖަކީވެސް މަދަރުސީ ޙަޔާތުގައި ފޮނި އުއްމީދުތަކެއް ކުރާ ކުއްޖެކެވެ. ޅަފަތުގެ ދައުރު މަދަރުސީ ހިޔަލުގެ ދަށުގައި ހޭދަކޮށް ނިންމާލާއިރު، ކޮންމެ ކުއްޖަކުވެސް މުޖުތަމަޢަށް ނިކުންނަނީ އުއްމީދީ ހުވަފެންތަކަކާއި އެކުގައެވެ. މިއުއްމީދުތައް ހާސިލްކުރުމަށް، މަދަރުސާގައި ހޭދަކުރާ 10 ނުވަތަ 12 އަހަރު ނިންމާ، ކުއްޖާ ހޯދާ ނަތީޖާ ކަރުދާހަކީ ކުއްޖާގެ މުޅި ޙަޔާތަށް އޭގެ ބާރު ފޯރުވާ، ވަރުގަދަ ކަރުދާސް ކޮޅެކެވެ. މި ނަތީޖާއަކީ ރަނގަޅު، ހިތްހަމަޖެހޭ ނަތީޖާއަކަށް ހެދުމަށް ދަރިވަރުން ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާއިރު، ގިނަފަހަރަށް ކުދިންގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮ ކަމުގެ މަތިން ހަނދާން ނައްތާލައެވެ. ރެޔާއި ދުވާލު، ނިދުމެއް އަދި ކެއިންބުއިމެއް ނެތި، ބައެއް ކުދިންގެ މުޅި ދުވަސް ކިޔެވުމުގައި ހޭދަކުރާއިރު، ކުއްޖާގެ އަމިއްލަ ނަފްސުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމާއިމެދު ވިސްނާލަންޖެހެއެވެ.

ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ އުޅުމަކީ ބައެއް މީހުންގެ ނަޒަރުގައި ކިޔެވުމަށް އެޅޭ ހުރަހަކަށް ވާއިރު، ޙަޤީޤަތުގައި އެއީ ކިޔަވާ ކުއްޖަކަށް ވަރަށްވެސް މުހިންމު ކަމެކެެވެ. ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ އުޅުމުން ސިކުނޑި ހެދިބޮަޑު ވުމަށް އެހީވެދެއެވެ. ކަސްރަތު ކުރާ ކުދިންގެ ހަށިގަނޑުގައި އުފައްދާ ”އެފްއެންޑީސީ5“ ނަމަކަށް ކިޔާ ޕްރޮޓީންއެއްގެ ސަބަބުން ސިކުނޑީގެ ސެލްތައް ވަރުގަދަކޮށްދީ ސިކުނޑި ހެދިބޮަޑުވުމަށް އެހީވެދެއެވެ. މި ނިޒާމުގެ ތެރެއިން އެންމެ ބޮޑަށް ހެދިބޮަޑުވަނީ ސިކުނޑީގެ ބައެއް ކަމުގައިވާ ”ހިޕޮކެމްޕަސް“އެވެ. މި ބަޔަކީ މައުލޫމާތު ސިކުނޑީގައި ރައްކާ ކުރެވޭ ތަން ކަމަށް ވުމުން، ހަމަ ޔަޤީނުންވެސް ކަސްރަތުން ކިޔެވުމަށް އިތުރު ފަސޭހަތަކެއް ލިއްބައި ދޭނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތުގެ ސަބަބުން ދަރިވަރުންގެ ފިލާވަޅުތަކަށް އިތުރަށް ސަމާލުކަންދީގެން އަޑުއެހުމަށް އެހީވެދެއެވެ. އެއީ މިކަމުން ސިކުނޑީގައި ލޭ ދައުރުވުން ތިޔާގިވެ ސިކުނޑީގެ ސެލްތައް ހެދިބޮޑުވުމަށް އެހީވެދޭތީއެވެ. ހަމައެއާއިއެކު ކަސްރަތަކީ ކުއްޖާގެ ސިކުނޑި ތާޒާ ކޮަށްލަދޭނެ ވަސީލަތެއް މެއެވެ. ތާޒާ ސިކުނޑިޔަކާއިއެކު ދުވަހުގެ ކިޔެވުން ފެށުމުން ކިޔެވުމުގައި އެތަކެއް ފަސޭހަތަކެއް ވެގެން ދާނެއެވެ. ހާސްކަމާއި ނުތަނަވަސްކަމުން ނަފްސު ސަލާމަތްވެ، ކިޔެވުމަށް އިތުރަށް ޝައުޤުވެރިކަން އުފެދިގެން ދާނެއެވެ. މިފަދަ ބައިވަރު ސަބަބުތަކާއިހުރެ އެނގިގެންދަނީ ކިޔަވާ ކުދިންނަށް ކަސްރަތުގެ ބޭނުން ޖެހިފައިވާ މިންވަރެވެ.

ކަސްރަތާއި އެއްވަރަށް ރަނގަޅު ކާނާއަކީވެސް ކިޔަވާ ކުދިންނަށް ނުހަނު މުހިންމު އެއްޗެކެވެ. ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅު ކާނާ ކެއުމާއި، ދަރިވަރުން ހޯދާ ނަތީޖާއާއި ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ. ސިއްޙަތަށް ރަނގަޅު ކާނާގެ ސަބަބުން ފިލާވަޅުތައް ހަނދާން ހުންނަ މިންވަރު އިތުރުކުރުމަށް އެހީވެދީ، މައުލޫމާތު ސިކުނޑިއަށް ”ޕްރޮސެސް“ ވާ ދުވެލި އަވަސް ކޮށްދެއެވެ. ކާނާގެ ތެރެއިން ފައިބަރ، ޕްރޮޓީން އަދި ފައިދާހުރި ފެޓްސްގެ ބާވަތްތައް ހިމެނޭ ކާނާއިން ހަށިގަނޑަށް ލިބޭ ހަކަތަ އިތުރު ކޮަށްދީ، ހުސްވަގުތު މަދު، ބުރަ ދިރިއުޅުމުގައި މުޅި ދުވަހަށް ބޭނުންވާ ހަކަތަ ހަށިގަނޑަށް ލިއްބައިދެއެވެ. މިކަމުގެ ސަބަބުން މުޅި ދުވަހު ކިޔެވުމަށް ސަމާލުކަން ދިނުމަށް ކުއްޖާއަށް އެހީތެރިވެދެއެވެ. މޭވާއާއި ތަރުކާރީ ކާނާގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ހިމަނާ، ހަމަ ހަމަ އުސޫލަކުން ހަށިގަނޑަށް އެކި އެކި ވިޓަމިންތަކާއި މިނެރަލްތައް ލިއްބައިދޭނެ ފަދަ ގޮތަކަށް ކޮންމެ ކުއްޖެއްވެސް ކެއުމުގެ އާދަކާދަ ބެހެއްޓުން މުހިންމެވެ.

ރޭގަނޑުގެ ނިދި ނަގާލާ ކިޔެވުމުގައި ނުވަތަ ސްމާޓް ފޯނުގައި ވަގުތު ހޭދަކުރުމަކީ ބައެއް ދަރިވަރުންގެ ކިބައިން ފެންނަމުން އަންނަ ނުރަނގަޅު އާދައެކެވެ. ރޭގަނޑުގެ ނިދި ހަމަ ކުރުމަކީ ކިޔަވާ ދަރިވަރަކަށް ވަރަށް މުހިންމު ކަމެކެވެ. ސްމާޓް ފޯނަކުން ޗާޖު ދިޔުމުން ”ޗާޖް“ ކޮަށްލާ ފަދައިން، ހަށިގަނޑު ”ޗާޖް“ ކޮށްލަދެނީ ރޭގަނޑުގެ ނިދީގެ ސަބަބުންނެވެ. އެހެންކަމުން ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކޮށް، ރަނގަޅު ނަތީޖާއަކަށް ވާސިލުވުމަށްޓަކާ ރޭގަނޑުގެ ނިންޖަކީ ނުހަނު މުހިންމު އެއްޗެކެވެ.

ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހަށިގަނޑެއް ލިބިގެން މެނުވީ ކިޔެވުމުގެ ކަންކަން އެންމެ ފުރިހަމަޔަށް ނުގެންދެވޭނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަމިއްލަ ސިއްޙަތަށް ފަރުވާލެއް ނެތި އުޅުމުގެ ސަބަބުން އާޚިރުގައި ތަފާތު ބަލިތަކާއި ކުރިމަތިލާން ޖެހި، މުޅި ހަޔާތް އެކަމުގައި ވޭތުކުރަން ޖެހުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް ވަރުބަލިކަން ފިލުވާލުމަށް އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ދޭށެވެ. ކޮންމެ ދުވަހަކުވެސް އެކަށީގެންވާ މިންވަރަކަށް ނިދި ހަމަކުރާށެވެ. ކަސްރަތު ކޮށްލާ، ސާފުވައި ކޮޅެއް ލިބިގަތުމަށް ބޭރަށް ނިކުމެލާ އުޅުމަށް ވަގުތު ކޮޅެއް ހޭދަ ކޮށްލާށެވެ. ފައިދާ ހުރި ކާނާ ކެއުމަށް ސަމާލުކަން ދޭށެވެ. ރައްޓެހިންނާއި އާއިލާއާއިއެކު ވަގުތު ކޮޅެއް ހޭދަކޮށްލާ، ހާސްކަން ފިލުވާލާށެވެ. ތިމާގެ ނަފްސު ބަލަހައްޓާނީ ތިބާއެވެ. ތިޔަ ހަށިގަނޑަކީ ތިބާގެ އުއްމީދުތައް ހާސިލް ކުރުމަށް މުޅި އުމުރު ތިބާ ގެންގުޅޭނޭ ހަށިގަނޑެވެ. މިއަދު ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ. އުނގެނުމަށް ލޯބިކުރާ ފަދައިން އަމިއްލަ ނަފްސަށް ވެސް ލޯބިކުރާށެވެ. އޯގާތެރިވާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް