ފްރާސްގެ ރައީސްކަން ކުރީން ކުރައްވާފައިވާ ނިކޮލަސް ސަރުކޯޒީގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މިހުކުމް އިއްވާފައި ވަނީ ވެރިރަށް ޕެރިހުގެ ކޯޓަކުންނެވެ.
ރައީސްކަމުގެ ދައުރުގައި ފަނޑިޔާރެއްގެ ނިންމުމަށް ބާރުފޯރުވަން މަސައްކަތް ކުރެއްވިކަމުގެ ކުށް ވަނީ ސަރުކޯޒީގެ މައްޗަށް ސާބިތުވެފައެވެ.
މިކަމާގުޅިގެން ތަންފީޒުކުރެވޭ ޖަލުހުކުމްގެ ދަށުން ދެއަހަރު ސަސްޕެންޝަންގައި އޭނާ ހޭދަކުރައްވަންޖެހެއެވެ. އެހެންކަމުން ޖަލުގައި އޭނާ ހޭދަކުރަން ޖެހޭނީ ވަރަށް މަދު ދުވަސްކޮޅެކެވެ.
ސަރުކޯޒީގެ ވަކީލު ވިދާޅުވީ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އިސްތިއުނާފު ނިމެންދެން ސަރުކޯޒީ ހުންނަވަނީ މިނިވަނެއްގެ ގޮތުގައެވެ. އިސްތިއުނާފް ނާކާމިޔާބުވެއްޖެ ނަމަ ސަރުކޯޒީގެ މައްޗަށް ހުކުމް ތަންފީޒު ކުރެވޭނެއެވެ. ފުރަތަމަ އެއް އަހަރު ހުންނަވަން ޖެހޭނީ ގޭބަންދުގައެވެ.