ވަރަށް ގިނަ މީހުން ޖަނަވާރާއި ދޫނި އޮޅުކޮށްގެން ގެންގުޅޭއިރު ގިނަބަޔަކަށް ކުރިމަތިވާ އެންމެ ބޮޑު ބިރަކީ ނުހަނު ލޯބިން ގެންގުޅޭ ޖަނަވާރާއި ދޫނި ސޫފާސޫފި ގެއްލުމެވެ. ނޫންނަމަ ކޮންމެ ވެސް ބަޔަކު ވަގަށް ގެންދިއުމެވެ. އެކަމަކު ވެސް ބައެއް މީހުން އަނބިދަރިން ގެން ގުޅޭހެން ޖަނަވާރާއި ދޫނި ސޫފާސޫފި އޮޅުކޮށްގެން ގެންގުޅެއެވެ. އިންސާނުން ދެކެ ލޯބިވާހެން ޖަނަވާރާއި ދޫނިދެކެ ލޯބިވެއެވެ.
ދާދިފަހުން އެމެރިކާގެ ލޮސްއެންޖެލްސްގައި ހައިރާންވާފަދަ ކަމެއް ހިނގައިފިއެވެ. މީހަކު ގެންގުޅުނު ބުޅަލެއް ގެއްލުނުތާ 15 އަހަރު ފަހުން ބުޅަލުގެ ވެރިމީހާއަށް ލިބުމެވެ.
ބުޅަލުގެ ވެރިމީހާ ބުނިގޮތުގައި އެ ބުޅާ ގެއްލުމުން އޭނާ ބުޅާ ފެނޭތޯ އެކިތަންތަން ހޯދައި އެކި މީސްމީހުންނާ ސުއާލުކޮށް ލައްކަ މަސައްކަތްކުރިއެވެ. އެކަމަކު އެ ބުޅަލެއް ނުފެނުނެވެ. އެންމެ ފަހުން އޭނާ އެހެން ދެބުޅާ ހޯދައި ގެންގުޅެން ފެށިއެވެ.
ޗާލްސް ބުނިގޮތުގައި 15 އަހަރު ކުރިން ގެއްލުނު ބުޅާ ދާދި މިދާކަށްދުވަހު އޭނާއަށް ލިބިއްޖެއެވެ. އޭނާ ބުނިގޮތުގައި އެބުޅާ އޭނާއަށް ލިބުނީ ބުޅަލުގައި ހަރުކޮށްފައި ހުރި މައިކްރޯޗިޕެއްގެ ސަބަބުންނެވެ. ބުޅާ ފެނުނު ޖަނަވާރު ގެންގުޅޭ މީހުންނަށް ޗާލްސްއަށް ގުޅަން އެނގުނީ މައިކްރޯ ޗިޕްގައި ހުރި މައުލޫމާތަށް ބަލައިގެންނެވެ.
ޗާލްސް ބުނި ގޮތުގައި ބުޅާ ބަލައި ދިޔައިރުވެސް އޭނާގެ ގެއްލުނު ބުޅާ އޭނާއަށް ލިބޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ނަމަވެސް އެއީ ހަމަ އެބުޅަލެވެ. ބުޅާ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.
ޗާލްސް އެ ބުޅާ ގެއަށް ގެނެސް ގެންގުޅެން ފެށުމުން ބުޅަލަށް ވެސް އަދި ޗާލްސްއަށް ވެސް ވަނީ މުޅިން އައު އުފާވެރިކަމެއް ލިބިފައެވެ.