ކޮރޯނާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމާ ވަރަށް ދުރުގައި: ރައީސް ބައިޑެން

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުން އޮތީ ވަރަށް ދުރުގައިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ރައީސް ބައިޑެން ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހުން ސަލާމަތްވެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދީގެންނެވެ.

ކޮރޯނާ ވައިރެސް ޖެހިގެން ފަސް ލައްކަ މީހުން މަރުވެގެން ދިއުމުގެ ހިތާމަވެރި ތާރީޚީ ވަގުތުކޮޅު އެމެރިކާއިން ވަރަށް އަސަރާއެކު ރިޔާސީ ގަނޑުވަރުގައި ފާހަގަ ކުރީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.

ކޮރޯނާ ވައިރަސް ވަނީ އެމެރިކާ އިނދަޖައްސާލާފައެވެ. ސިއްހީ ރޮނގުންނާއި އިގުތިސާދީ ރޮނގުންނެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ސިއްހީ ނިޒާމެއް ގާއިމުވެފައި އޮތްކަމަށްބުނެ މަތިހަށިނަގައިގެން ތިބި އެމެރިކާ މީހުން ގިސްލާންޖެހުނީ ލޮލަށް ނުފެންނަ ވައިރަހެއްގެ ޝިކާރައަކަށްވެ މަރުގެ އަނދަވަޅަށް އެތައް ލައްކަ ބައެއް ވެއްޓުމުންނެވެ. މަރުން ސަލާމަތް ވެދާނެކަމުގެ އުއްމީދެއްނެތި ހޮސްޕިޓަލްތަކުގެ އެނދުތަކުގައި އެތައްދުވަހެއް ވާނދެން ބައްޔާ ހަނގުރާމަކުރަން ތިބެން ޖެހުމުގެ ސަބަބުންނެވެ. އެދުވަސްވަރު އެމެރިކާގެ ރައީސަކަށް ހުންނެވި ކިބުރުވެރި، އަދި ގޮތް ދޫކުރެއްވުމެއް، ތަޖުރިބާކާރުންގެ ލަފާ އަޑުއެއްސެވުމެއް ނެތް، ޑޮނަލްޑް ޓްރަމް ހައްދު ފަހަނަޅާފައި ތިބި ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދެވުމުގެ ބޭނުންފުޅުގައި ރައްޔިތުންނަށް ދެއްކެވީ ފަސޭހަމަގެވެ. މާސްކު ނާޅައި އުޅުމުގެ ހުއްދައެވެ. ގައިދުރުކަމެއް ނުބެހެއްޓުމުގެ މިނިވަންކަމެވެ. ނަތީޖާއަކަށްވީ މުޅިދުނިޔެއިން އެންމެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހުނު ގައުމަކަށް އެމެރިކާ ވުމެވެ.

ޖެނުއަރީމަހުގެ ފަހުކޮޅު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ޖޯބައިޑެން އެންމެ އިސްކަމެއް ދެއްވާކަމަކަށް ވެފައިވަނީ ކޮރޯނާ ވައިރަހުން ރައްޔިތުން ސަލާމަތް ކުރެއްވުމެވެ. އެގޮތުން ރައްޔިތުން މާސްކު އެޅުމަށް ހިތްވަރުދެއްވައި ގައިދުރުކަން ބެހެއްޓުމަށާއި ވެކްސިން ޖެހުމަށް ސަމާލުކަން ދިނުމަށް ވިސްނައިދެއްވައި އެކަމުގެ ހޭލުންތެރިކަން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި އުފައްދަމުންނެވެ. ނަތީޖާއަކަށްވީ އެމެރިކާގައި ބަލިޖެހޭ މީހުންގެ އަދަދު މަދުވާން ފެށުމެވެ.

ޖޯންސަން އެންޑް ޖޯންސަންއިން އުފެއްދި ވެކްސިންއަށް ހުއްދަ ދީފި

އެމެރިކާއިން މިހާރު ވަނީ އިމަޖެންސީގައި ތިންވަނަ ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

އެމެރިކާގެ ފެޑެރަލް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާފައިވާ ކޮރޯނާ ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ދިން އިރު، އެ ވެކްސަނަކީ އެއްފަހަރު ޖަހަންޖެހޭ ވެކްސިނެކެވެ. ދެ ޑޯޒު ޖަހާކަށް ނުޖެހޭނެއެވެ.

ކޮރޯނާއާ ދެކޮޅަށް ވައިޓް ހައުސްގައި މަސައްކަތް ކުރާ ޓީމުން ހާމަކުރި ގޮތުގައި ޖޯންސަން އެންޑް ޖޯންސުން އުފެއްދި ވެކްސިނަކީ އިންސާނުންނަށް ރައްކާތެރި އަދި ވައިރަހުން ދިފާއު ވުމަށް ވަރަށް ބޮޑަށް އެހީތެރިވާނެ ވެކްސިނެކެވެ. އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް އެ ވެކްސިން ބޭނުން ކުރެވޭނެއެވެ. އަދި އެ ވެކްސިނަކީ ގުދަން ކޮށްފައި ބަހައްޓަން ގިނަ ގުނަ ކަންތައްތަކެއް ކުރަން ނުޖެހޭ ވެކްސިނެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް