ރާއްޖެއަށް އައިސް އުޅުނު ދުބާއި ދެމަފިރިންގެ ތެރޭން އަންހެންމީހާއަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މިހާދިސާ ހިނގާފައި ވަނީ މިމަހު 13 ވަނަ ދުވަހުގައެވެ. އަދި ގެއްލިފައިވާ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ދިންފަރާތަކަށް 100000 ޑޮލަރު ދޭނެކަމަށްވެސް އޭނާގެ އާއިލާއިން މިހާރު ވަނީ އިއުލާނުކޮށްފައެވެ.
އުމުރުން 33 އަހަރުގެ ޕާމާ ގުރްޝަރާންޖިޓް ސިންހްއާއި އޭނާގެ އަންހެނުން ގެއިޑަރް ވަސްކައިޓް ރާއްޖެ އައިސް ތިބީ މާމުނަގައު އިންޓަރ ކޮންޓިނެންޓަލް ރިސޯޓުގައެވެ. ވަސްކައިޓް އަކީ ކެނަޑާގެ ރައްޔިތެކެވެ. އޭނާ ގެއްލުނު އިރު އޭނާ އިނީ ބަލިވެކަމަށާއި ވިހަން ކައިރިވެފައިވާކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ވަސްކައިޓް ގެއްލިފައި ވަނީ ފެބްރުއަރީ 13 ވަނަ ދުވަހުކަމަށްވާއިރު، އެންމެފަހުން އޭނާ ފެނިފައިވަނީ އެދުވަހުގެ މެންދުރުފަހު 3:30 ހާއިރުއެވެ.
އޭނާގެ ފިރިމީހާ ޚަލީޖް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ވަސްކައިޓް އެދުވަހު މެންދުރުގެ ވަގުތެއްގައި އެކަނި މޫދަށް އެރެން ދިޔަކަމަށެވެ. އެގަޑީގައި ޕާމާ އޮތީ ނިދިފައެވެ. އޭނާއަށް ހޭލެވުނުއިރު ހުރީ 6:30 ވެފައެވެ. އެހާއިރުވީއިރުވެސް ވަސްކައިޓް ފެންނަން ނެތުމުން އޭނާ ރިސޯޓުގެ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގިކަމަށް އޭނާ ބުންޏެވެ.
ރ.މީދޫ ޕޮލިސް ސްޓޭޝަނާއި ކޯސްޓްގާރޑް ގުޅިގެން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ޖެހިގެންއައި ދުވަހު ފެށިއެވެ. ނަމަވެސް އެހާދިސާ ހިނގިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފާއިތުވެ ދިޔައިރުވެސް ވަސްކައިޓްގެ އެއްވެސް ހިލަމެއް ނުވެއެވެ. މިކަމާބެހޭގޮތުން ވާހަކަދައްކަވަމުން ޕޮލިސް ސްޓޭޝަނުގެ ޗީފް އިންސްޕެކްޓަރ އަސްލަމް މުޙަންމަދު ވިދާޅުވީ ގެއްލުނު އަންހެންމީހާ ހޯދުމުގެ މަސައްކަތް އަދިވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ވަސްކައިޓް ގެނބި ހެރުނީ ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.
ނަމަވެސް ގެއްލުނު މީހާގެ އާއިލާއިން ބުނާގޮތުގައި ވަސްކައިޓްއަކީ ފެތުމުގެ މުބާރާތްތަކުގައިވެސް ބައިވެރިވެ އުޅޭ މީހެކެވެ. އެހެންކަމުން ރިސޯޓުގެ ވަށައިގެން އޮންނަ ތިލަ ލޮނުގަނޑުގައި އޭނާ ގެނބިގެން މަރުވުމަކީ ވަރަށް ނާދިރުކަމެކެވެ.
ގެއްލިގެން އުޅޭ އަންހެންމީހާގެ އާއިލާއިން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ދިން ފަރާތަކަށް 100000 ޑޮލަރުގެ އިނާމެއް ދޭނެކަމަށް އިއުލާނުކޮށްފައެވެ.