މިޔަންމާގެ އަސްކަރީން އެޤައުމުގައި ހިންގި ބަޣާވާތާގުޅިގެން އާންމުން މުޒާހަރާ ކުރަނީ

Loading

Facebook
Twitter
WhatsApp

ފެބްރުއަރީ އެކެއްގައި މިޔަންމާގެ އަސްކަރީން ހިންގި ބަޣާވާތާ ގުޅިގެން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އާންމުން މުޒާހަރާކުރަމުން އެބަދެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ގައުމުގައި ޑިމޮކްރަސީ އަލުން ގާއިމު ކުރުމަށް ގޮވާލަމުންނެވެ.

ސިފައިން ދަނީ މިމުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާ ވާފަދަ ހަމަލާތައް ދެމުންނެވެ. އެހެނެއްކަމަކު މިޔަންމާގެ ރައްޔިތުން ސިފައިންގެ ބަޣާވާތާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މުޒާހަރާގެ ބައިވެރީންނަށް ތާއީދުކޮށް އެމެރިކާއިން ވަނީ މިޔަންމާގައި ޑިމޮކްރަސީ އަލުން ގާއިމު ކުރުމަށް ގޮވާލައި މިކަން ނުކޮށްފިނަމަ މިޔަންމާގެ ސިފައިންގެ ޖެނެރަލުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ. އަދި ބައެއް ޖެނެރަލުންނާމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.

މިޔަންމާގެ އެންމެ ބޮޑު އަވަށް ކަމުގައިވާ ޔަންގޮންގައި އެތައް ހާސް ރައްޔިތުން މުޒާހަރާގައި ބައިވެރިވެ، އަސްކަރީ ބާރުގެ ދަށުގައިވާ ސަރުކާރުގެ އިސްވެރިން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ. މިމުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ބައެއް ވިޔަފާރިތައް ވެސް ވަނީ ބަންދުކޮށްފައެވެ. މިގޮތުން ކޭ.އެފް.ސީ، ޔަމް ބްރޭންޑްސް އިންކް އަދި ފުޑް ޕެނަޑާއިން ވަނީ ވިޔަފާރިކުރުން ހުއްޓާލާފައެވެ.

ޔެންގޮން ސިޓީގެ އިތުރުން މިޔަންމާގެ މިޔިތުކިނާ ސިޓީ އާއި ހުޕަޏް، ޕްޔިންމަނާ، ޑަވެއި އަދި ބަހާމޯގައި ވެސް ގިނައަދަދެއްގެ މީހުންވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާތަކުގެ ބައިވެރިންނަށް ބިރުދައްކައި ސިފައިންވަނީ އެކިފަހަރުމަތިން އިންޒާރުދީފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާދެކޮޅަށް ސިފައިން ދަނީ ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރަމުންނެވެ. މިހާތަނަށް މި މުޒާހަރާ ތަކުގައި 3 މީހުން ވަނީ މަރުވެފައެވެ. މީގެތެރޭގައި 16 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ މީހެއް ހިމެނެއެވެ. މިމީހުން މަރުވެފައިވަނީ ސިފައިން ބަޑިޖެހުމުގެ ސަބަބުންނެވެ. މިޔަންމާގެ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިސަނާސްއިން ހާމަކުރި ގޮތުގައި މި މުޒާހަރާތަކުގައި މިހާތަނަށް ޖުމްލަ 640 މީހުން ވަނީ ހައްޔަރުކުރެވިފައެވެ. މީގެއިތުރުން 594 މީހުން ވަނީ ސިފައިންގެ ބެލުމުގެ ދަށުގައެވެ.

މިޔަންމާގެ ސިފައިން ބަޣާވާތް ކޮށްފައި ވަނީ ފާއިތުވި ނޮވެމްބަރުމަހުގެ އިންތިޚާބާ ގުޅިގެންނެވެ. މި އިންތިޚާބު އެން.ޑީ.އެލްއިން ކާމިޔާބުކޮށް ފައިވަނީ އޮޅުވާލައިގެން ކަމުގައި އެމީހުން ތުހުމަތުކުރެއެވެ. ނަމަވެސް އެޤައުމުގެ އެލެކްޝަންސް ކޮމިޝަނުން މިކަމަށް ރައްދުދީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އިންތިޚާބުގެ ތެރޭގައި ހިނގާފައި ނުވާނެކަމަށް ވަނީ ބުނެފައެވެ.

ޔޫ.އެންގެ ސެކެޓްރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭސް، ޖެނީވާ ކައުންސިލްގެ 46 ވަނަ ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މިޔަންމާގެ އަސްކަރީ ބަޣާވާތް ވަރަށްބޮޑަށް ކުށްވެރިކޮށް ވާހަފުޅު ދެއްކެވިއެވެ. އަދި ސިފައިންގެ ބާރުގެ ދަށުގައިވާ އެގައުމުގެ ހަގީގީ ވެރިން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ. އިންސާނީ ހައްގުތަކާ ދެކޮޅަށް މިޔަންމާގެ ސިފައިން ކުރަމުންދާ ކަންތައްތަކަށް މިއަދުގެ ދުނިޔޭގައި ޖާގަނުދެވޭނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް