ރައީސް ބައިޑެންގެ ވައުދަކީ ބަލި ކޮންޓްރޯލް ކުރުން: ކޮރޯނާ ވައިރަހުގައި އެމެރިކާއިން ފަސްލައްކަ މަރު

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ފަސްލައްކަ ފަހަނަޅައި ހިނގައްޖެއެވެ.

ހިތާމަ ފާޅުކުރަން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޖޯ ބައިޑެން ދެއްކެވި ކުރު ވާހަކަފުޅުގައި ބަލީގެ މައްޗަށް ބާރު ފޯރުވޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކޮރޯނާ ވައިރަސް ޖެހި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެމެރިކާގެ ހުރިހާ އޮފީހެއްގެ ދިދަ ފަސްދުވަހަށް ބައިދަނޑިޔަށް ތިރިކުރުމަށް އެންގެވިއެވެ.

އެ ރަސްމިއްޔާތުގައި ބައިޑެންގެ ދެކަނބަލުންގެ އިތުރަށް ނައިބު ރައީސާ ކަމްލާ ހެރިސަންގެ ދެމަފިރިކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާއިން ފަސްލައްކަ މީހުން މަރުވެގެން ދިޔަ އިރު 28 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސްޖެހިފައިވެއެވެ. އެމެރިކާ ފިޔަވައި ދެން އެންމެ ގިނައިން ކޮރޯނާ ވައިރަސް ޖެހުނީ، ބްރެޒިލްއާއި އިންޑިއާ މީހުންނަށެވެ.

އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވިކަމަށް ނޯޓުކުރެވިފައި ވަނީ ފްލޮރިޑާ ސްޓޭޓުގައި އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން މީހުން މަރުވާ އަދަދު އިތުރުވަމުން ގޮސް، ދުވާލެއްގެ މައްޗަށް ހަތަރު ހާހަށްވުރެ ގިނަ މީހުން ވެސް މަރުވެފައިވެއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ޑޮކްޓަރ އާރު ވޮލެންސްކީ ވިދާޅުވި ގޮތުގައި ފާއިތުވި ހަތް ދުވަހަށް ބަލާއިރު ބަލިޖެހޭ މީހުންގެ އަދަދު ވަނީ މަދުވާންފަށާފައެވެ.

އެމެރިކާގެ ސްޓޭޓުތަކުގެ ތެރެއިން ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރުނީ ކެލިފޯނިޔާގައެވެ. އެ ސްޓޭޓުން 49470 މީހުން ވައިރަސް ޖެހިގެން މަރުވިއެވެ. ނިއުޔޯކުން 46 ހާހަށްވުރެ ގިނަ މީހުން މަރުވިއިރު، ޓެކްސަސްއިން 42 ހާހަށްވުރެ ގިނަ މީހުން މަރުވިއެވެ.

އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާއިރު މިހާތަނަށް އާބާދީގެ 13 ޕަސެންޓް މީހުންނަށް ވަނީ ވެކްސިން ޖަހައި ނިމިފައެވެ. އާދަޔާ ޚިލާފަށް ފިނިގަދަވުމާއި ސުނޯ ފޭބުމުގެ ސަބަބުން މިދުވަސް ކޮޅު ވެކްސިން ދިނުމުގެ ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ވަނީ އެޅިފައެވެ.

ހޯމަދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރ ވޮލެންސްކީ ވަނީ އާއްމުން މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ބައިޑެންގެ ޗީފް މެޑިކަލް އެޑްވައިޒަރ ޑޮކްޓަރ އެންތަނީ ފައުޗީ ވިދާޅުވީ އެމެރިކާ މީހުން ނުރައްކަލާއި މި ވަގުތު ދުރުގައި ތިއްބަސް އާދައިގެ ދިރިއުޅުމަށް އެނބުރި ދިއުމަށްޓަކައި ރައްކާތެރިވާން ޖެހޭނެކަމަށެވެ.

މުޅިދުނިޔެއިން ސިއްހީ ހިދުމަތް އެންމެ ފައްކާކަމަށް އަޑުއަރާފައިވާ، އެމެރިކާއަށް ކްރޮނާ ވައިރަސް ފެތުރި، ގައުމު ހަނާހުނިކޮށްލީ، ވެރިކަމުގައި ކުރީން ހުންނެވި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅުނު، ދޯދިޔާ ސިޔާސަތުގެ ސަބަބުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް