އެލްޗަޕޯގެ އަނބިމީހާ ވެސް ޑްރަގް ޓްރެފިކިން މައްސަލައެއްގައި ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި އުފެދުނު މަސްތުވާތަކެތީގެ އެންމެ ބޮޑު އެއްވިޔަފާރިވެރިޔާ ކަމަށް ބެލެވޭ މެކްސިކޯގެ ޖޮކްއިން ”އެލް ޗަޕޯ“ ގުޒްމަން އެމެރިކާގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް އޭނާގެ އަނބިމީހާ އެމާ ކޮރޮނެލް ވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އެމެރިކާ އިން އިއްޔެ ހައްޔަރުކޮށް ދައުވާތަކެއް އުފުލައިފިއެވެ.

އެމާ އަކީ ވެސް މެކްސިކޯ ރައްޔިތެކެވެ. އުމުރުން 31 އަހަރުގެ އެމާ ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހު ވޮޝިންޓަން ޑީސީގެ ޑުލެސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެމާގެ މައްޗަށް މިހާރު ވަނީ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ ހެރޮއިން، މެތަޕެޓަމައިން، ހެރޮއިން އަދި މަރުޖުއާނާ އެމެރިކާގެ އެކި ސަރަހައްދުތަކަށް ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެލްޗަޕޯ މެކްސިކޯގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލުން ފިލަން ވެސް އެމާ އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެއެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތައް ބުނާ ގޮތުގައި އެމާގެ ބައްޕަ އަކީ ވެސް އެލްޗަޕޯ ކާޓެލްގެ އިސް މެންބަރެކެވެ. އެމާއަށް ވަރަށް ކުޑައިރުއްސުރެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޮތް އެނގޭ ކަމަށާއި އެވިޔަފާރީގެ ތެރޭގައި އޭނާ އައީ ބައިވެރިވަމުން ކަމަށް އެމެރިކާގެ ފުލުހުން ހޯދި މައުލޫމާތުތަކުން އެނގޭ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

2012 ވަނަ އަހަރުން 2014 ވަނަ އަހަރަށް އެލްޗަޕޯ ފިލައިގެން އުޅުނުއިރު އޭނާ އާއި އޭނާގެ ގޭންގް ގުޅުވައިދޭ މެސެޖްތައް ރައްދު ކޮށްދިނުމުގެ މަސައްކަތް ވެސް ކުރީ އެމާ ކަމަށް ވެއެވެ.

އެމާ އާއި އެލްޗަޕޯ އަށް ވަނީ އެއްމާބަނޑު ދެކުދިން ލިބިފައެވެ.

އެލްޗަޕޯގެ މެކްސިކޯ އިން އެމެރިކާ އާއި ހަވާލު ކުރުމުން އެމެރިކާގައި އޭނާގެ ޝަރީޢަތް ކުރިއަށް ގެންގޮސް 2019 ވަނަ އަހަރު ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. އެލްޗަޕޯ އުމުރަށް ޖަލަށްލި މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް