މާލޭގައި އައު މަސްމާރުކޭޓެއް ގާއިމުކުރުމުގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފެށޭނެ ކަމުގެ އިޝާރާތެއް މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ކުރައްވައިފިއެވެ.
ޝިފާ އިއްޔެ ވިދާޅުވި ގޮތުގައި އައު މަސްމާރުކޭޓު ތަރައްގީ ކުރުމަށް ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެއެވެ. ޝިފާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު މަސްމާރުކޭޓު ހިންގާ އިމާރާތުގެ ކުލީގެ މުއްދަތު 2023 އަށް ހަމަވާނެއެވެ. އަދި އޭގެ ކުރިން އައު މާރުކޭޓު އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.
އަލަށް އިމާރާތް ކުރެވޭ މަސްމާރުކޭޓު ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ތަރައްގީކުރެވިދާނެ ކަމުގެ ޚިޔާލުވެސް ޝިފާވަނީ ފާޅު ކުރައްވައިފައެވެ. މިމަޝްރޫޢަށް 150 ނުވަތަ 200 މިލިއަން ރުފިޔާ ޚަރަދުވާނޭ ކަމަށް ވަނީ ލަފާ ލޮށްފައެވެ.
މާލޭގައި މިހާރު ބޭނުން ކުރެވެމުންދާ މަސްމާރުކޭޓަކީ ޒަމާނާއިއެކު މަސްވެރިކަން ތަރައްގީވަމުން އަންނައިރު އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. މާރުކޭޓު މިވަގުތު ހިންގަމުންދާ އިމާރާތްވަނީ ވަރަށް ބޮޑަށް ބާވެ، ބޭނުން ކުރަން ދަތިވާ ވަރަށް ބައެއް ތަންތަން ހަލާކުވެފައެވެ.
One Response
އަމީން ކޮންޝަކްޝަންއާއި އެކަމަނާ ގުޅިގެން ހިންގިކަމަށް އެބުނާ ޚިޔާނާތުގެ ފައިސާއިން އެކަހަލަ ކިތަކެއް މާރކެޓްގެ ހުވަފެން އެކަމަނާއަށާއި އެކަމަނާގެ އެޖެންޑާ19އަށް ފެނުނީސްތޯއެވެ. ވެފައިވާ ވަޢުދު ނުފުއްދޭއިރު އެކަމަނާގެ އިޝާރާތަކަށް ވާނެކަމެއް އޮންނާނެތޯއެވެ. ބޯހަލާކު!