މޯދީގެ ސަރުކާރުން އިންޑިއާގެ ބައިމަދު މީހުންނަށް ހަމަލާދޭމީހުން ހިމާޔަތްކުރޭ!

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބައިމަދު ޖަމާއަތްތަކުގެ މީހުންނަށް ހަމަލާދީ އަނިޔާކުރާ މީހުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހިމާޔަތްކުރާކަމުގައި ހިއުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު އެއްޖަމާއަތްކަމުގައިވާ ހިއުމަން ރައިޓްސް ވޮޗުން ބުނިގޮތުގައި ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިފަހުން ސަރުކާރުގެ ސިޔާސަތު ބިނާ ވެފައިވަނީ އިންޑިއާގެ ބައިމަދު ޖަމާއަތްތަކާ ދެކޮޅަށް ކަންތައްތައް ކުރުމުގެ މައްޗަށެވެ. އެގޮތުން ދިއްލީގެ މުސްލިމުންނާ ދެކޮޅަށް ހިންގި ފަސާދައިގެ މައްސަލަ ވަކިފަރާތަކަށް ނުޖެހޭ ބަޔަކާ ހަވާލުކޮށްގެން ތަހުގީގު ނުކުރުމާއި ބައިމަދު ޖަމާއަތްތަކުގެ މީހުންނަށް ހަމަލާދީ އަނިޔާކުރާމީހުންނަށް ސިޔާސީ ފަރާތްތަކުގެ ހިމާޔަތް ދިނުމާއި ބައިމަދު ޖަމާއަތްތަކުގެ މީހުންގެ ހިމާޔަތުގައި އެކަށީގެންވާ ފިޔަވަޅު ސަރުކާރުން ނާޅާކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗުން ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ އިންސާނީ ހައްގުތަކާ ބެހޭގޮތުން ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރުގެ ޕޮލިސީތައް ހަދާފައި ވަނީ ބައިމަދު މުސްލިމުންނާ ދެކޮޅަށްކަމަށެވެ. އަދި ފުލުހުންނާއި ޝަރުޢީ ދާއިރާގެ އިތުރަށް މިނިވަން މުއައްސަސާތަކުގެ ތެރެއަށް ވެރިކަންހިންގާ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)ން ވަދެ ނުފޫޒު ފޯރުވަމުންދާކަމަށްވެސް ބުނެފައިވެއެވެ. އަދި ހިންދޫން ފިޔަވައި އެހެން މަޒުހަބުތަކުގެ މީހުންނަށް ބިރުދައްކައި ހަމަލާދީ އަނިޔާކޮށް ހެދުމުގެ އިޚުތިޔާރު ފުލުހުންނަށާއި ހައްދުފަހަނަޅާފައި ތިބި ހިންދޫންނަށް ލިބިފައިވާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ވެރިރަށް ނިއުދިއްލީގައި މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި މަރުވި 52 މީހުންގެ ތެރެއިން 40 މީހުންނަކީ މުސްލިމުންނެވެ. ދިއްލީ ފަސާދައިގެ ހުޅު ރޯކުރީ ބީޖޭޕީއާއި ފުލުހުންގެ އިސް ބައެއް މީސްމީހުންކަން ޔަގީންވާވަރަށް ހެކިލިބިފައިވެއެވެ. ނަމަވެސް އިންސާފުވެރިގޮތަކަށް އެ މައްސަލަ ތަހުގީގެއް ނުކުރެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ފެށި، ހައްދު ފަހަނަޅާފައިވާ ހިންދޫންގެ ބާރު އިންޑިއާގެ ހުރިހާ ސަރަހައްދެއްގައި ގާއިމުވީ ފަހުން މުޒާހަރާކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ބާރު ހަނިވެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. އިޖުތިމާއީ ކަންތައްތަކުގައި މުޒާހަރާ ކުރާމީހުން ވެސް ފުލުހުންނާއި ހައްދުފަހަނަޅާފައިވާ ހިންދޫންގެ ޖަމާތަތްތަކުން ނިކުމެ ދަނީ ތަޅައި ސުންނާފަތި ކުރަމުންނެވެ.

ހައްގުތައް ހޯދަން ނިކުމެ މުޒާހަރާ ކުރަމުންދާ ދަނޑުވެރިންނަށް ލިބެމުންދަނީ އަނިޔާއެވެ. ކަޝްމީރުގެ މުސްލިމުގެ ހައްގުތައް ވަނީ ނިގުޅައިގެންފައެވެ. ކޮރޯނާވައިރަސް އައުމުގެ ކުރިން ކަޝްމީރުގައި ވަނީ ކާފިއު ހިންގައި ފުރަބަންދުކޮށްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީސްމީހުންގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އެކަމަކު އިންޑިއާގެ ވެރިން އިންޑިއާ ސިފަ ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ޖުމުހޫރިއްޔާގެ ގޮތުގައެވެ. އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައެވެ.

އިންސާފު ހޯދަން އަޑުއުފުލަމުންދާ ސިޔާސީ ފަރާތްތަކާއި އިޖުތިމާއީ ހަރަކާތްތެރީންނާއި ނޫސްވެރިންނާއި ވަކީލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތައް ހާސްބަޔަކު ވަނީ ޖަލުބަންދުގައެވެ. ސަރުކާރުގެ ސިޔާސަތު ބިނާވެފައި ވަނީ ބައިމަދު މީސްމީހުންގެ އަޑުކަނޑުވައި ބިރުގަންނަވައި ހިމޭންކޮށް ބޭތިއްބުމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނަށް މެދުކެނޑުމެއްނެތި އިންޑިއާގެ ހަގީގީ މޫނު ދުނިޔެއަށް ދައްކައިދެވޭކަމަށްވާނަމަ ސަރުކާރުގެ ހިމާޔަތް ލިބިގެން އިންޑިއާގެ ބައިމަދު މީހުންނަށް ހަމަލާދީ އަނިޔާކުރާ މީހުންގެ އަނިޔާވެރިކަމަށް ހުއްޓުމެއް އަންނާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް