ހުރިހާ ނުރައްކަލަކުން ސަލާމަތް ވާން އޮތް މަގަކީ، ﷲ އަށް ބިރުވެތިވުން: ޚުޠުބާ 

Loading

Facebook
Twitter
WhatsApp

ހުރިހާ ނުރައްކަލަކުން ސަލާމަތް ވާން އޮތް މަގަކީ، ﷲ އަށް ބިރުވެތިވުންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާން ކޮށްދީފިއެވެ.

މިއަދުގެ ޚުޠުބާގައި ﷲ އަށް ތަޤްވާވެރިވާންށާއި އެކަލާނގެ ރަޙްމަތަށް އެދި ދަންނަވަން ހަނދާން ކޮށްދެއްވުމަށް ފަހު ވިދާޅުވެފައި ވަނީ ﷲގެ ރަޙްމަތް ވަނީ މުއުމިނުންނާ ނުހަނު ގާތުގައެވެ.

”މިއަދު ހުރިހާ އިންސާނުން ތަޙައްމަލު ކުރަމުންދާ ޙާލަތަކީ، ފަހުގެ ތާރީޚެއް ގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި، ނުތަނަވަސްކަމުގެ ޙާލަތެކެވެ. ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށް ޓަކައި، ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭ ޙާލު، އަޅުކަން ކުރުމާއި، ބޭނުން ޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ، ނަސޭހަތާއި އިރުޝާދު ދިނުމުގައި ތިޔަބައިމީހުން ދެމިތިބޭށެވެ! މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ފަރުދެއްގެ ވެސް ވާޖިބެކެވެ. ކޮންމެ މީހަކު ވެސް ނަމާދަށާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް އަންނަ އިރު މާސްކު އަޅައިގެން، މުސައްލަ ހިފައިގެން އައުމަށް ތަކުރާރުކޮށް ހަނދާންކޮށްދެމެވެ. މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، ޝަރޫރަތަށްޓަކައި، އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ނަމާދު ކުރެވޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.“ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ހުރިހާ ނުރައްކަލަކުން ސަލާމަތް ވާން އޮތް މަގަކީ، ﷲ އަށް ބިރުވެތިވުމުގެ މަގުކަން ހަނދާންކޮށްދެމުން ކީރިތި ޤުރުއާނުގައި ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއް ވަނީ ޚުޠުބާގައި ގެނެސްދީފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.  ”އަދި ﷲ އަށް ތަޤްވާ ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ.“

މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން، އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ސަބަބުތަކުގައި ހިފުމާ އެކު، ﷲ ގެ ރަޙުމަތްފުޅުންކަމަށް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ. މާޟީ ގައި، ﷲ ގެ ނަބިއްޔުންނާއި، ރަސޫލުންނަށް ވެސް، މިފަދަ އެތަކެއް ހިތްދަތި ޙާދިޘާތަކާ ކުރިމަތިވިކަން ހަނދާންކޮށްދީ ޚުޠުބާގައި ވިދާޅުވީ އެބޭބޭކަލުން ﷲ ގެ ރަޙްމަތާއި، އޯގާވަންތަކަމުން މާޔޫސްވެވަޑައިގަތުމެއް ނެތި، ދުޢާ ދެންނެވުމުގައި ޘާބިތުވެ ތިއްބެވިއެވެ.

ދުންޔަވީ ޙަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށް ފަހު، އެތައް ފަސޭހަކަމެއް އަންނާނެކަމަށް ﷲ ވަޢުދުވެވޮޑިގެންފައި ވާކަން ވެސް ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ”ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާ އެކު ފަސޭހަކަން ވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާ އެކު ފަސޭހަކަން ވެއެވެ.“

މާތް މުއުމިނުންނާ ކުރިމަތިކުރައްވާ ބަލިމަޑުކަމަކީ، އެބައިމީހުންގެ އެބައިމީހުންގެ ކުދި ފާފަތަކަށްވާ ކައްފާރާއެކެވެ. ރަސޫލު ﷲ ގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”މުސްލިމަކަށް ބަލިމަޑުކަމަކުން ނުވަތަ އެ ފަދަ އެހެން ކަމަކުން ވިޔަސް ވޭނެއް ކުރިމަތި ވެއްޖެނަމަ، އެކަމުގެ ސަބަބުން ގަހަކުން ފަތްވެރޭފަދައިން އޭނާގެ ކުށްފާފަތައް ފުއްސަވައިދެއްވައެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް