ކޮރޯނާވައިރަހުން ރައްކާތެރިވާން އެއް މާސްކުގެ ބަދަލުގައި އަޅަންވީ ދެ މާސްކު: ސީޑީސީ

Loading

Facebook
Twitter
WhatsApp

އެއް މާސްކު އެޅުމަށްވުރެ ދެ މާސްކު އެޅުމުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މާ ބޮޑަށް އެހީތެރިވާކަމުގައި އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެފިއެވެ.

އެއް މާސްކު އެޅުމަށްވުރެ ދެ މާސްކު އެޅުން ރައްކާތެރިކަމަށް ސީޑީސީން ބުނީ ކަމާގުޅޭ ގޮތުން ކުރި ދިރާސާއަކަށްފަހުގައެވެ.

އެމެރިކާގެ ޑިރެކްޓަރ އޮފް ދަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްސް ޑރ. އެންތޮނީ ފައުޗީ އެންބީސީ ނިވްސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދެ މާސްކު އެޅުމަކީ ރައްކާތެރި އަދި މުހިއްމުކަމެއްކަމަށެވެ.

ޑރ. ފައުޗީ ވިދާޅުވީ ސާޖިކަލް މާސްކެއް އެޅުމަށްފަހު އޭގެ މަތިން ދެފަށަލައިގެ ފޮތި މާސްކު އެޅިދާނެކަމަށެވެ. އަދި އެއީ ރައްކާތެރިކަމެއްކަމަށް ފަސޭހައިން ވިސްނައިގަނެވޭނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސިއްހީ ޚިދުމަތްތެރީން މިހާރު ލަފާދެމުން ދަނީ ދެ މާސްކު އެޅުމަށެވެ. ސާޖިކަލް މާސްކު ނޫންނަމަ އެން-95 މާސްކަކީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުންކުރަން އެންމެ ރަނގަޅު ހަތިޔާރުކަމަށް ވަނީ ބެލެވިފައެވެ.

A worker at a Honeywell International Inc. factory producing N95 masks May 5, 2020, in Phoenix, Arizona. (Photo by Brendan Smialowski / AFP) (Photo by BRENDAN SMIALOWSKI/AFP via Getty Images)

އެއް މާސްކު އެޅުމަށްވުރެ ދެ މާސްކު އެޅުން ރައްކާތެރިކަން ޔަގީންވެފައިވާއިރު، ވިސްނަންވީ މާސްކުއަޅާއިރު އަނގަޔާއި ނޭފަތް ރައްކާތެރި ކުރެވޭ ގޮތަކަށް މާސްކު އެޅުމަށެވެ.

”އެއް މާސްކުން ރައްކާތެރި ކުރެވޭވަރަށްވުރެ ބޮޑަށް ދެ މާސްކުން ރައްކާތެރި ކުރެވޭނެކަން ގަބޫލުކުރަން ވަރަށް ފަސޭހަވާނެ. އެއް ފަށަލައަށްވުރެ ދެފަށަލައިން ލިބޭ ރައްކާތެރިކަން ބޮޑުވާނެ. މިއީ ކޮންމެ މީހަކަށްވެސް ވިސްނޭވަރުގެ ކަމެއް.“ ޑރ. ފައުޗީ ވިދާޅުވިއެވެ. ”މިހާރު އެމެރިކާއިން ފެންނާނެ މީސްމީހުން ދެފަށަލައިގެ މާސްކު އަޅައިގެން އުޅޭތަން. ނޫނީ އެން-95ގެ މާސްކު އަޅައިގެން އުޅޭތަން.“

ޕަބްލިކު ހެލްތު އޮފިޝަލުން ވިދާޅުވާ ގޮތުގައި ރަނގަޅު މާސްކު އެޅުމުގެ މާނައަކީ ގައިދުރުކަން ބެހެއްޓުމަށް ފަރުވާ ކުޑަކުރުމެއްނޫނެވެ.

”ގައިދުރުކަމަށް އިސްކަންދޭންޖެހޭ. އަދި ގަވައިދުން އަތް ދޮވެ ސާފު ކުރަންޖެހޭ. އަދި ބަންދު ތަންތަނުގައި ގިނަ މީހުންނާއެކު ބައްދަދުވެ ހެދުމަކީ ރައްކާތެރި ކަމެއްނޫން.“ އެމެރިކާގެ ޕަބްލިކް ހެލްތު އޮފިޝަލަކު ވިދާޅުވިއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ދެ މާސްކު އެޅުމުން ޖަރާސިމުން ރައްކާތެރިވުމުގެ ޔަގީންކަން 92.5 ޕަސެންޓަށް އިތުރުވެގެންދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި މާސްކު އެޅުމުން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ވަރަށް ބޮޑު ބާރަކަށްވެގެންދެއެވެ. ހަމައެޔާއެކު ދެ މާސްކު އެޅުމުން އެރައްކާތެރިކަން ދެގުނަ އިތުރުވެގެންދާނެއެވެ.

ރައީސް ބައިޑެންގެ ސަރުކާރުން އެންމެ އިސްކަމެއް ދީފައިވަނީ މާސްކް އެޅުމުގެ ހޭލުންތެރިކަން އުފެއްދުމަށެވެ.

”މާސްކުން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވޭނެ.“ ބައިޑެން ވިދާޅުވެފައިވެއެވެ.

އެމެރިކާގައި ކްރޯނާވައިރަސް ފެތުރެން ފެށީ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގައެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ރައްޔިތުންނަށް މާސްކު އެޅުމަށް ހިތްވަރުދިނުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާފައެއް ނުވެއެވެ. އަދި ސިއްހީ ދާއިރާއިންނާއި ސަރުކާރުން ވެސް މަސައްކަތް ކުރަމުން ދިޔައީ މާސްކު އެޅުމަކީ ބޭކާރު ކަމެއްކަމަށް ދެއްކުމަށެވެ. އެދުވަސްވަރު އެމެރިކާގެ ސާޖަން ޖެނެރަލް ވަނީ ރައްޔިތުން މާސްކު ގަނެގެން ނޭޅުމަށް އިލްތިމާސް ކުރައްވާފައެވެ. ޖެނުއަރީމަހު އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމަށްފަހު ކޮރޯނާވައިރަހުން ގައުމު ގެ ރައްޔިތުން ސަލާމަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާފައި ވަނީ ރައްޔިތުން މާސްކު އެޅުވުމަށެވެ.

މާސްކެއް އެޅުމަކީ ރައްކާތެރިކަމަށް މުހިއްމު ފިޔަވަޅެކެވެ. އަދި ދެ މާސްކު އެޅުމަކީ ރައްކާތެރިކަމަށް ލިބޭ އިތުބާރެކެވެ.

އެމެރިކާގެ ރައްޔިތުން ތިބީ މާސްކު އެޅުމަށް އާދަވެފައެއްނޫނެވެ. އެއީ ވަރަށް ގޮތްދޫނުކުރާ އަމިއްލަ ގޮތް ބޮޑު ބައެކެވެ. އެފަދަ ބަޔަކު ދެ މާސްކު އަޅުވާނެ ގޮތެއް ރައީސް ބައިޑެން ގައުމުގައި ގާއިމު ކުރައްވާނީ ކިހިނެއް ކޮންފަދަ ޖާދޫއެއް ހައްދަވައިގެން ބާވައެވެ!

އެމެރިކާ މީހުން ދެ މާސްކު ނޭޅިއަސް އަޅުގަނޑުމެން ދިވެހީން ރައްކާތެރިވުމުގެ ގޮތުން ދެ މާސްކު އެޅުން ކިހިނެއްވާނޭ ހެއްޔެވެ؟

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް