ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ޖިނާޢީ ކުށް ކުރާ ތަނަކަށް ވެގެންނުވާނެ!

Loading

Facebook
Twitter
WhatsApp
Maldives news

މުސްލިމުންގެ އާދަކާދަ ނުވަތަ ވެރިކަން ކުރުމުގެ ސިފައަކީ، ބޭރުގެ މުސްލިމުންނޫން ގައުމުތަކުން މިހާރު މިފެންނަ ޑިމޮކްރަސީއާ ޚިލާފް ފުރިހަމަ ޑިމޮކްރަސީ އެކެވެ. ޣައިރު މުސްލިމް ގައުމުތަކުގެ ރައްޔިތުންގެ މަޖިލީސް ތަކުގައި، އެ އޮންނަ ތަޅާފޮޅުމާއި، އައުގުރާނަ ގޮވުމާއި، މަޖްލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުންފަދަ، ޖިނާޢީ ކުށްތަކާއި އިސްލާމް ދީނާ ޚިލާފް ޢަމަލުތައް، މުސްލިމް އުންމަތެއްގެ އަމާންކަމާއި މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުން އުފައްދާފައިވާ ގެއެއްގެ ތަޅުމުގައި، އޮތުން އެއީ ނުރަނގަޅު އަދި ޙަރާމް ސިފައެއްކަމުގައި މެނުވީ ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޢާންމުކޮށް ހުޅުވާލައި، ލައިވްކޮށް މުޅި ދުނިޔެއަށް ދައްކަމުންދާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފެނިގެން މިދަނީ އަންނަނިވި ޖީލުތަކަށް ނުބައި އަސަރުތަކެއް ކުރުވާނެ ތަނަކަށެވެ. މަޖިލިސް ތަޅުމުގައި، އައުގުރާނުގޮވުމާއި ތަޅައިފޮޅުމާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުންފަދަ ޖިނާޢީ ކުށްކުރުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ރޯމާ ދުވާލު، މުޅިގައުމުގެ އެންމެން ލައިވްކޮށް ބަލަން ތިއްބާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އައުގުރާނު ގޮވައި މާރާމާރި ހިންގުމަކީ މުޖުތަމަޢު ތެރޭގައި ފިތުނަ އުފެދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އިސްލާމްދީނުގެ އަސްލު އުޞޫލްތައް، މުގުރިގެންދާނެ ސަބަބެއް ކަން ޔަގީނެވެ. ވަރަށްވެސް ނާތަހުޒީބު ޢަމަލެކެވެ. ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި، ރީތި އަޚުލާގަށް އުނިކަން ލިބިގެންދާ ގޮތްކުޑަ ޢަމަލެކެވެ.

މަޖިލީސްގެ މެންބަރުން މަޖިލީހުގެ ތެރޭގައި ހިންގާ ގާނޫނާއި ގަވާޢިދާ ޚިލާފް ޢަމަލުތަކަށް، އަދަބުނުލިބޭތީ އެކަންކަން ތަކުރާރުކުރުމުގެ ފުރުޞަތު މިވަނީ ބޮޑުވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި، ކުރާ ސިޔާސީ ބަހުސްތަކާއި ދެކެވޭ ވާހަކަތައް ވާންޖެހޭނީ ރައްޔިތުން އުފާވާ، އަދި ހިތަށް ހަމަޖެހުން ގެނުވައިދޭ ތެދުވާހަކަ ތަކަކަށެވެ. ފާޑުކިއުމަކީ ކުރަންޖެހޭކަމަކަށް ވާއިރު  އަރާރުންވުމާއި ހަޑި މުޑުދާރުބަސްތައް ބޭނުންކޮށްގެން ތިމާގެ ހަޔާތްކުޑަކަން ދައްކައި އެއީ ތިމާވަރުގެ މޮޅު މީހެއްނެތްކަން އަންގާލަން ހިންގާ ނޭންގާނީ ޢަމަލެއްކަމުގައި ނޫނީ ނުވާނެއެވެ.  ތިމާއަށް އެކަން ނުވިސްނުނަސް އަސްލަކީ އެއީއެވެ.

މިޖާޒީ ގޮތުންނާއި ދެފަށް ދަންމާނު ލައިގެން، ރައްޔިތުންނަށްފެންނަ ގޮތަށް ވާހަކަ ދެއްކެން ދިވެހި ބަހުގައި ބަހާތަކެއް އެކުލެވިފައިވާ ހިނދު ވަކަރުގޭ ކުދިންގެ އުޞޫލުން މެންބަރުންގެ މެދުގައި މުޢާމަލާތު ކުރުމަކީ، އިޖްތިމާޢީ ޢަދާލަތަށް، ލޮޅުން އަރާ ނުރައްކާތެރި ޢަމަލެއް ކަމަށް ދެކެމެވެ. މަޖިލިސްގެ ތަޅުމުގައި ބާއްވާ ޖަލްސާތަކުގައި، މަޖްލިސްގެ ގަވާޢިދުތަކާ އުޞޫލުތައް މުގުރާނަމަ، ޢަމަލުކުރަންޖެހޭ ގަވާޢިދެއް އޮންނައިރު އެޤަވާޢިދުތަކަށް ޢަމަލުނުކޮށް މެންބަރުންގެ ގަޔަށްބޮލަށް ބައެއް މެންބަރުން އަރައިގަތުމުގެ ހުތުރު ޢަމަލުތައް އޮންނަ އުޞޫލުގެ ތެރެއިން ޙައްލުކުރުމަކީ މަޖިލީހުގެ ކަރާމަތާ އިސްތިޤްލާލު ރައްކާތެރިކުރުމެވެ.

ތަޅުމުގައި، ދުންމާރިފުމެ މޭޒުތަކުގެ މައްޗަށް އަރައި މައިކް ސްޓޭންޑްތައް ފުނޑާލައި، މެންބަރުންގެ މޫނަށް ކުޅުޖަހާ މާރާމާރީ ހިންގުމަކީ މުސްލިމް އުންމަތެއްގެ ތެރޭގައި ޑިމޮކްރެސީއޭ ކިޔައިގެން ހިންގިގެންވާނެ ކަންކަމެއްނޫނެވެ.

ގާނޫނުހަދާ މަޖިލީހުން ރައްޔިތުންނަށް ފެންނާން ޖެހޭނީ ލޯތްބާއި އިޙްތިރާމާއި ، ކުލުނާއި އޯގާތެރިކަމެވެ. ރައްޔިތުންނަށް ނޭދެވޭ އަސަރުކުރުވާފަދަ ޢަމަލުތައް މަޖިލީހުގެ މެމްބަރުންގެ ކިބައިން ފެނިގެން ދިއުމަކީ، އެފަދަ މެންބަރުންގެ މައްޗަށް ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާ ރުޅިވެރިކަން އުފެދި، މުޖުތަމަޢުގެ ތެރޭގައި ފަސާދަ އިތުރުވެގެން ދާނޭ ސަބަބެކެވެ.

މެންބަރަކު އުޞޫލާ ޚިލާފުވެއްޖެނަމަ، ތަޅުމުން ނުކުތުމަށް އަންގަވައި، ބޭރުނުކުރެވި އެ ހުތުރު ޢަމަލު ތަކުރާރު ކުރައްވަން، ފުރުސަތު ލިބޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ހެދިފައިވާ ޤަވާޢިދާއި އެއްގޮތަށް ތަޅުމުން ބޭރުކުރެވެން ޖެހޭނެއެވެ.

މިއީ ރައްޔިތުންގެ އިޙްސާސްތަކެވެ. ގާނޫނީ ވެރިކަން ދެމެހެއްޓޭނީ ގާނޫނުތައް ހައްދަވާ ބޭފުޅުން އެގާނޫނުތަކަށް ތަބަޢަ ވެގެންނެވެ. މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރައްވާ ޢަމަލުތަކަށް ޖިނާޢީ ދަޢުވާވެސް ހިންގެންޖެހޭނެއެވެ. އެހެނީ ގާނޫނު ބުނާގޮތުން ދިވެހި ރާއްޖޭގެ އެއްވެސް ތަނެއް، ހަމަ އެކަކުވެސް، އެގާނޫނަށްވުރެ މަތީގައެއް ނުހުންނާނެއެވެ. އެގާނޫނުތައް ގަބޫލުކޮށް ބޯލަބަން ޖެހޭނެއެވެ. ވީއިރު އެމަޖިލީހުގެ ޖަރީމާ ހިންގައި ރައްޔިތުންގެ މުދަލަށް ގެއްލުންދީ މާރާމާރީ ހިންގިޔަސް އަދި ދީނަށް ހުތުރު އަރުވައި ޖޯކް ޖެހިޔަސް އެމެމްބަރުންގެ މައްޗަށް ގާނޫނު ނުހިންގޭނަމަ އަދި ގަވައިދުތައް އަމިއްލައަށް ހަދައި ގާނޫނު އަސާސީގެ ބާރުކަނޑާލާ ކުށުން ބަރީޢަ ވެވޭނަމަ އެއީ ނުރައްކާތެރި ހައްދުފަހަނާ އަޅާދިއުމެކެވެ. އެއީ ހަރުކަށި ފިކުރެކެވެ.  އެއްވެސް ޙާލަތެއް އެކަން އެކަން އިމޭރުމުން ހިންގިގެން ނުވާނެއެވެ.

މުސްލިމް އުންމަތެއްގެ ކަރާމަތައް ލޮޅުންއަރާ ގޮތަށް މަޖިލިސްގެ މެންބަރުން ކަންކުރުމަކީ މާމޮޅުކަމެއް ކަމުގައި ދެކިގެންވާކަށް ނެތެވެ. އެހެނީ އެ ނޭއްގާނީކަން ހިންގަމުން އެގެންދަނީ ލައިވް ޓީވީ ކުރިމަތީގައި ކަމަށްވެފައި ބޮޑެތިވަމުން އަންނަ ދަރިވަރުންނަށް އެ ބޭއަދަބީ ބަސްތަކާއި އެއްވެސް މީހަކަށް އިޙުތިރާމާއި ގަދަރު ނުކުރުމުގެ ސަގާފަތެއްފެނި ޢާންމުވަމުން ދާތީއެވެ.

ބިލްތަކާމެދު ބަހުސްކުރުމުގައި ބައްލަވަން ޖެހޭނީ އެބިލް ގާނޫނަކަށްވުމުން ރައްޔިތުންނަށް އޮތީ ގެއްލުންތޯ ނުވަތަ ފައިދާތޯއެވެ. މިކަންކަމަށް ވިސްނާވަޑައިގެން މުޖުތަމަޢު ބައިބައި ނުވާނެގޮތަކަށް، މެންބަރުންގެ ޢަމަލުތައް ގިރިޓީކުރުމަކީ އެންމެ ރަގަޅުގޮތެވެ.

ރައްޔިތުންގެ މަޖިލީހަކީ ވަކަރުގޭ ކުދިން ނުބައި ނުލަފާކަން ދައްކާލަން، ޗަރުކޭސް ކުޅޭތަނަކަށް ހެދިޔަދީގެން ނުވާނެއެވެ.

Loading

One Response

  1. އަސްލުވެސް އެތަން މުޅިން ޚަރާބުކޮށްފި. ރިއަލް ޗަރުކޭސްއެއް. އެއްވެސް މީހެއްގެ ގަދަރެއް ޢިއްޒަތެއް އެމީހުނަކަށް ނޭންގޭ. އެހެންތާވާނީވެސް އެތަނުގައި އެސަކަރާތްއެޖަހަނީ އެމީހާގެ އެއްވެސް ގަދަރެއް އިއްޒަތެއްނެތް ޔޭސް، ހަމަ ފާޑަކަށް ވަކަރުގޭ ކުދިންކޮޅެކެވެ. އެދެން މާ މޮޅުބައެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް