އެއީ ބަޣާވާތެއްނޫން!:ރައީސް ނަޝީދުގެ ތާރީޚީ އިސްތިއުފާގެ ސިޓީއާއި ބަޔާން

117

ބަޣާވާތަކުން ރައީސުންނާއި ރަސްކަލުންނާއި ބޮޑުވަޒީރުން އިސްތިއުފާދޭ ހެއްޔެވެ؟

ބަޣާވާތުން ވެރިން މަގާމުން ދުރުކުރަނީ ނޫން ހެއްޔެވެ؟

ބަޣާވާތުން ވެރިން ބާރުގެ ބޭނުންކޮށްގެން މަގާމުން ދުރުކޮށް ހައްޔަރު ކުރަނީ ނޫން ހެއްޔެވެ؟

އެކަމަކު …

އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރާއްޖޭގެ ބައެއް މީހުންނާއި ރައީސް މުޙައްމަދު ނަޝީދުވެސް، ބަޣާވާތޭ ބަޣާވާތޭ ވިދާޅުވެ، ރައީސް ނަޝީދު ހަމަހޭގައި ހުންނަވައި އެއްވެސް މީހެއްގެ ބާރެއް ނުފޫޒެއްނެތި 7 ފެބުރުއަރީ 2012 ވަނަ ދުވަހު މެންދުރު ދެއްވި އިސްތިއުފާއާށް ބަޣާވާތޭ ބަޣާވާތޭ އެބަ ވިދާޅުވެއެވެ. ކިތަންމެ ވަރަކަށް އަޑަށް ބާރުލައްވާފައި ވިދާޅުވިޔަސް އެއީ ބަޣާވާތަކަށް ވާނީ ކިހިނެއްހެއްޔެވެ؟ މިހާތަނަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ލިއުއްވި އިރު ހުންނެވީ ހެއުހާލުކޮޅުގައި ހަމަހޭގައެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ބަޔަކު ބިރުދެއްކި ކަމެއް މަޖުބޫރުކުރުވި ކަމެއް ނުވަތަ ރައީސް އެހެން ހާލާތެއްގައި ހުންނެވިކަމެއް މިހާތަނަށް އެއްވެސް ތަހުގީގަކުން ސާބިތުވެފައެއްނުވެއެވެ.

އިސްތިއުފާގެ ސިޓީއާއި ބަޔާން

ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ލިއުއްވީ އަމިއްލަ އަތްޕުޅުންނެވެ. ރަސްމީ ލެޓަރހެޑާއި ގަލަން ގެނެސްދެއްވީ ކެބިނެޓު ސެކްރެޓަރީއެވެ. ސިޓީ ލިއުއްވީ ރައީސް އޮފީހުގެ ޣާޒީ މާލަމުގައި ހުރި ޕޯޑިއަމެއްގެ ކައިރީގައި ހުންނަވައިގެންނެވެ.

ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން ރައީސް ނަޝިދު އިސްތިއުފާ ދެއްވިކަން ކެބިނެޓުގެ ބޭފުޅުންގެ ހާޒިރުގައި، މީޑިއާގެ ކުރިމަތީގައި ލައިވްކޮށް މެންދުރު 12.57ގައި އަމިއްލަ ފުޅަށް އިއުލާނުކުރެއްވިއެވެ.

ތިރީގައި އެވަނީ ރައީސް ނަޝީދު އިސްތިއުފާދެއްވަން ދެއްކެވި ވާހަކަފުޅުގެ މުހިންމު ބައިތަކެވެ.

“އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސްކަމުގައި ހުރެއްޖެނަމަ، ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން. އަޅުގަނޑަކީ އެއްވެސް އިރެއްގައި، ބާރުގެ ބޭނުންކޮށްގެން، ވެރިކަން ކުރަން އެދޭ މީހެއްނޫން. އަޅުގަނޑު ދުށްގޮތުގައި، އަޅުގަނޑަށް ފެނުނު ގޮތުގައި، ސަރުކާރު ދަމަހައްޓާން ވެއްޖެނަމަ، ނުހަނު ބޮޑަށް ބާރުގެ ބޭނުންކުރަންޖެހި، އެތައް ރައްޔިތުންނަކަށް ގެއްލުންވާނެކަމަށް، އަޅުގަނޑަށް ހިތުގެ އަޑިން ގަބޫލުކުރެވޭތީވެ، އަޅުގަނޑު މި ނިންމުން ނިންމީ. ހަމައެޔާއެކުގައި، އަޅުގަނޑަށް ފެނުނުގޮތުގައި، ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކޮށްފިނަމަ، ރާއްޖެއަށް ބޭރުގެ ނުފޫޒުތައް އައުމަކީ، ވަރަށް އެކަށީގެންވާ ކަމެއްކަމަށްވާތީވެ، މި ގައުމަށާއި މި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް ހެޔޮ އެދޭތީވެ އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުހަނު ހެއުއެދޭތީވެ، އަޅުގަނޑު މިއަދު މިނިންމީ، ވަރަށް ހެޔޮހިތުން އިޙްތިރާމާއެކު، ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ ނުހަނު ބޮޑު ތާއީދާއި އަޣުލަބިއްޔަތު ހަނދާންކޮށް، އެ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި އަޅުގަނޑު މި ރާއްޖޭގެ ރައީސްކަމުން އިސްތިޢުފާ ދިނުން.

އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ނުހަނު ޝުކުރު ދަންނަވަން. އެ ރައްޔިތުން އަޅުގަނޑާ އެކުގައި، މިދިޔަ ތިން އަހަރު ދުވަހު، ނުހަނު ބުރަ މަސައްކަތް ކުރައްވައިފި. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑު ދެކޭ ގޮތުގައި، އެ މަސައްކަތްތަކުން މި ރާއްޖޭގެ ރައްޔިތުންނަށާއި، މި ރާއްޖެއަށް ނުހަނު ފައިދާ އަދި މަންފާވެސް ކޮށްފި.

އަޅުގަނޑު އެދެނީ، ރާއްޖޭގައި އަބަދުވެސް ޑިމޮކްރެޓިކް ހަމަތައް ގާއިމުވެފައި އޮތުން. އަޅުގަނޑު އެދެނީ، ރާއްޖޭގައި އަބަދުވެސް އިންސާފު ގާއިމުވެފައި އޮތުން. އަޅުގަނޑުގެ އަބަދުވެސް ބޭނުމަކީ، މި ރާއްޖެއަށް ތަރައްގީއާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުން. އަޅުގަނޑު އުންމީދު ކުރަނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭނެ ކަމަށް. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.”

ރައީސް ނަޝީދު އިސްތިއުފާ ދެއްވިތާ 24 ގަޑިއިރުވެސް ނުވަނީސް އެ މަނިކުފާނު އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުންނާއި ބައެއް ސިޔާސީ ބޭފުޅުން ބިރުދައްކައިގެން ކަމަށް، ޚުދު ރައީސް ނަޝީދު ވެސް ބަޔާންތައް ދެއްވަން ފެއްޓެވިއެވެ. އެކަމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ބައްދަލުވުމެއް ފެބުރުއަރީ 8 ވަނަ ދުވަހުގެރޭ ބޭއްވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭރު ބްރިގޭޑިއަރ ޖެނެރަލްއަކަށް ހުންނެވި، އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވީ ސިފައިންގެ އެއްވެސް މަޖުބޫރުކަމެއްނެތި ކަމަށާއި އެމަނިކުފާނު ވެރިކަމުން ބޭލުމަށް ހަތިޔާރުގެ ބޭނުންކޮށްގެން އެއްވެސް ޢަމަލެއް ސިފައިން ނުހިންގާ ކަމަށެވެ.

ބްރިގޭޑިއަރ އިބްރާހީމް ދީދީ ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ބޭނުންފުޅުވެގެން ކަމަށެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ގާނޫނީ ހަމަތަކުގެ މަތީން ރައީސްކަމާ ހަވާލުވެވަޑައިގަތީ ރައީސް ނަޝީދުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުއެވެ.

ޑރ. ވަޙީދު ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު “ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ” އެއް އެމްޑީޕީން ރުހި ގަބޫލުވާގޮތަށް އުފައްދަވައި 14 ޖެނުއަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް މިނިވަންކަމާއެކު ބަލައި ހޯދުމަށް އެ ކޮމިޝަނާ މަތިކުރެއްވިއެވެ. އެ ކޮމިޝަނުގައި ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުންނާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ހިމެނިވަޑައިގެންނެވިއެވެ. އެ ބޭފުޅުންނަކީ އެމްޑީޕީން ވެސް ގަބޫލުކުރެއްވި ބޭބޭފުޅުންނެވެ.

އެބޭފުޅުންގެ ތަހުގީގާއި ދިރާސާއަށްފަހު ނިންމެވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ޚިލާފު މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކެވުމެއް ނުވަތަ ކޫޑެޓާއެއް ހިމެނިފައި ނުވާކަމަށެވެ. ކަން މިހެން އޮތް އިރު ކާޅު ގޮވާހެން “ބަގާވާތޭ، ބަގާވާތޭ” ބަޔަކު ގޮވުމުން ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

ރާއްޖޭގެ ތާރީޚުގައި ރައީސް ނަޝީދު ލިޔެވިގެންދާނީ އިސްތިއުފާ ދެއްވި ރައީސެއްގެ ގޮތުގައެވެ.

4 ހިޔާލުތައް

  1. ދުނިޔޭގެ އެއްވެސް ގައުމެއްގައި މިގޮތަށް ބޮލުގައި ބަޑިޖައްސައިގެން ބަޣާވާތެއްކޮށްގެން ރައީސަކު ދުރުކޮށްފައިވޭތޯއެވެ. މިއީ ބޮލުގައި ބަޑިޖައްސައިގެން ލިޔުނު ލިޔުމެއްތޯއެވެ؟ ނަޝީދު ކުރެން އަހާލަން ބޭނުން. މިގޮތަށް ދޮންބަންޑާރައިންނާއި އަލި ރަސްގެފާނު ޢަމަލު ކުރެއްވިނަމަ ވަރަށް ފިނޑިއޭ ދިވެހިން ބުނީސްއުތަ؟ ސިފައިންގެ ބޮޑުން މިހާރު އެބަ ކިޔާ އެރޭ ކޮމާންޑަރއިން ޗީފް ކޮމާންޑް ސެންޓަރަށް އައިމާ ދަންނަވަން ޖެހުނޯ މަނިކުފާނު އިހަށް ރެސްޓެއް ނަންގަވާށޯ. އެހެން ދެންނެވީ ހުންނެވި “ޙާލު” ފެނިފަޔޯ ދެން ކޯފާ އިސްކޮށްފަ ލަޓިބުރި ހިފައިގެން ސިފައިގެ ފަހަރުން ހަޅޭލަވަމުން ރަންބުއްދިވެހުރެ ދުވިއްޔޯ. އެހެންވެ ކޮމާންޑް އެން ކޮންޑް ކޮންޓުރޯލް ގެއްލުނުކަމާ އެމަނިކުފާނު ހުންނެވި ހާލުން ނާޒިމްސޯ ފެންނައިރަށް މަސަލާމަތްކޮށް ދެއްވާށޯ މަބޭނުމީ އިސްތިޢުފާ ދޭށޯ ކިޔާ މުޅި މީހާ ތެޅިފޮޅެނިއޔޯ. ދެން ޢާންމުނަށް އެފެނުނީ ކެބިނެޓް ބަރިއަކަށް ބައިތިއްބައިފާ މޮޅުކޮށް އިސްތިޢުފާ ދެއްވިތަން. ގިނަކެބިނެޓް މިނިސްޓާރުންވެސް އާދެސްކޮށް އާދޭސް މަތީ ބާފޮތިވެސް އެޅުއްވި އިސްތިޢުފާ ނުދިނުމަށް. އެހެނަސް ނަޝީދަށް އެއީ ބޮޑު ބަޢާވާތެއް’ ބޮޑު ޖޯކެއްނޫންތޯއެވެ.

  2. ނަޝީދު ކައިރިން އަހާލަން ބޭނުމެވެ. އަންނީ އޮގަސްޓް 12 13 އެއީ ބަޣާވާތެއްތޯއެވެ؟ މައުމޫނު ބުނަނީ އެއީ ބޮޑުވެގެންވާ ބަޣާވާތެކޯލައެވެ؟؟!! ދެން 8 ގައި ބޮޑު ހުޅު….

  3. ދިވެހިންނަށްވެސް އެނގެން ޖެހޭ ޙަގީގަތަކީ ހަމަ ކޮންމެ މީހަކަށް ރާއްޖޭގެ ވެރިކަމެއް 21 ވަނަ ގަރުނުގައި ނުކުރެވޭނެކަމެވެ. ގައުމުފުޑޭނީ އޭރުން. މިހާރު މިވަމުންދަނީ އެގޮތްނޫންތޯއެވެ.

  4. ދެންވެސް އެހެން ތެޅެފިތަ ނަތީޖާ ދައްކާނީ މާޒީގެ ނަތީޖާއެވެ. މާގަދަޔަށް ތެޅިގަތީމާ ހުޅުނބުދާނެވާހަކަ ކާބަފައިން ބުނެ އުޅެތެވެ. ބަލަމާ!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ