ތާރީޚުން ފިލާވަޅެއް: ފަނޑިޔާރު ރާމާމަކުނުގެ އިންސާފަށް ބިރުވެތިވުން -2

Loading

Facebook
Twitter
WhatsApp
maldives news

މިފަދަ އަނެއް މިސާލަކީ އިރާގެވެ. 2003ގައި އިރާގުގެ ބައެއް ސިޔާސީ ’ބުޅާތައް’، ރައީސް ސައްދާމު ހުސައިން ވެރިކަމުން ދުރުކުރުމަށްޓަކައި، އެމެރިކާއަށް ދައުވަތުދީ، އެކަމުގެ ސަބަބުން، އިރާގަށް އަރައިގަނެ، އިރާގު ބައިބައިކޮށް ހަލާކުކޮށްލުމުގެ ފުރުސަތު އެމެރިކާއަށް ލިބުނެވެ. މިކަމުގެ ނަތީޖާ، މިއަދު، ފެންނަން އެ އޮތީއެވެ. މުއްސަނދި ގައުމެއްގެ މުއްސަނދިކަން ގެއްލި، ބައިބައިވެ، ތަން އެއޮތީ ފުނޑުފުނޑުވެ، ހަލާކުވެފައެވެ. ސިޔާސީ ކޯޅުންތަކާއި ދާޚިލާ މައްސަލަތަކުގެ ތެރެއަށް ’މަކުނު ފަނޑިޔާރު މަނިކުފާނުން‘ ވެއްދުމުގެ ނަތީޖާއެވެ.

ދެން އިތުރު މިސާލެއްގެ ގޮތުގައި ނަންގަނެލަން ބޭނުންވަނީ އިންޑިޔާގެ ވާހަކައެވެ. މިތާގައި އިންޑިޔާއޭ ބުނެ އިޝާރަތްކުރާ ބައްރަކީ އަދުގެ އިންޑިޔާ އޮތް ސަރަހައްދުގެ އިތުރުން، އަދުގެ ޕާކިސްތާނާއި ބަނގުލާދޭޝްގެ ސަރަހައްދު ވެސް ހިމަނައިގެންނެވެ. އިންޑިޔާގެ މައްޗަށް، 1858ގައި އިނގިރޭސިން ވެރިވެ، 1947ވަނަ އަހަރާ ހަމައަށް، އެމީހުންގެ ވެރިކަން އިންޑިޔާގެ މައްޗަށް ހިންގިއެވެ. އިނގިރޭސީންނަށް ވެސް، އިންޑިޔާގެ މައްޗަށް ވެރިވާން ފަސޭހަވީ އިންޑިޔާގެ އޭރުގެ އެކިއެކި އަމީރުންގެ ވަކިވަކި ’ދައުލަތް’ތަކުގެ މެދުގައި އޮތް ސިޔާސީ ކޯޅުންތަކާއި ހަނގުރާމަތަކުގެ ސަބަބުންނެވެ. މިކަން ކުރިއަށް ގެންދިޔުމަށްޓަކައި މި ނަންގަތް އަމީރުން، އިނގިރޭސީންގެ އެނހީ ހޯދިއެވެ. އަމީރުންގެ މެދުގައި އޮތް ސިޔާސީ ކޯޅުންތަކުގެ އާޚިރު ނަތީޖާއަކަށްވީ ތަން ބައިބައިވެ، އިނގިރޭސީން، އިންޑިޔާއަށް ވެރިވެގަތުމަށް މަގުފަހިވުމެވެ. އާދެ، ސިޔާސީ ކޯޅުމާއި ދާޚިލީ މައްސަލަތަކުގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތު ބޭރު ބަޔަކަށް ދެވުމުގެ ހިތި ނަތީޖާއެވެ. މިވާހަކަތަކުގެ ތަފްސީލު ބޭނުން ބަޔަކަށް، ފޮތް ފޮތާއި އަދި ނެޓުގެ ސަފުހާތައް މެދުވެރިކޮށް، ވަރަށް ފަސޭހައިން ލިބިދާނެއެވެ.

ދެން ފާހަގަކޮށްލަން ބޭނުން އިތުރު އެއްވާހަކަ އަދި އެބައޮތެވެ. އެއީ ސިއްކިމްގެ ވާހަކައެވެ. 1947ގައި އިންޑިޔާއަށް މިނިވަކަން ލިބުނެވެ. ދެން، އިނގިރޭސިންގެ އަތްދަށަށް އިންޑިޔާ ގެންދިޔަ ގޮތަށް، މިނިވަން ގައުމެއްގެ ގޮތުގައި އޮތް ސިއްކިމް، އިންޑިޔާގެ ބާރުގެދަށަށް ގެނެސް އިންޑިޔާގެ އިސްޓޭޓެއްގެ ގޮތުގައި ހަދާލިއެވެ. ސިއްކިމްއާ ބެހޭ ގޮތުން، އިންޑިޔާއަށް މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތްކުރެއްވި، އަދި އިންޑިޔާގެ މިނިވަންވުމަށް ފަހު، އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވި، ޖަވާހިރުލާލް ނެހެރޫ ވިދާޅުވެފައި އޮވެއެވެ. ސިއްކިމްއާއި ބޫޓާނަކީ ހިމާލިޔާ ފަރުބަދަމަތީ މިނިވަން ދެ ދައުލަތެވެ. އަދި އެ ދެދައުލަތަކީ އިންޑިޔާގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އެހެންވެ، އިންޑިޔާގެ މިނިވަންކަމާ އެ ދެތަނުގެ މިނިވަންކަމަކީ ދެ މައްސަލައެއްކަމާއި އަދި މި ދެމައްސަލަ ބެލެންޖެހޭނީ ވަކިންކަމަށް އޭނާ ވިދާޅުވެފައި އޮވެއެވެ. މިއިން އެނގި ސާފުވަނީ ސިއްކިމްއަކީ 1947 ގައި އިންޑިޔާއަށް މިނިވަންކަން ލިބުނުއިރު، އިންޑިޔާގެ ބައެއް ނޫންކަމެވެ. އަދި އެއީ އިންޑިޔާގެ ބައެއް ކަމަށް ޚުދް އިންޑިޔާ ވެސް ދައުވާ ނުކުރާ ކަމެވެ.

ދެން ކަންތައްވީ ކިހިނެއްތޯއެވެ؟ ސާޅީހުގެ ފަހުގެ އަހަރުތަކުގައި ސިއްކިމްގެ ’ޑިމޮކުރަސީ’ގެ ހަރަކާތް ގަދަވެ، ސިޔާސީގޮތުން މީސްތަކުން ބައިބައިވިއެވެ. އަދި އޭރު ސިއްކިމްގައި އޮތް ރަސްކަމާ، ޑިމޮކުރަޓިކް  ހަރަކާތުގެ ސިޔާސީ ވެރިން އިދިކޮޅުވެގަތެވެ. މިކަމުގެ ނަތީޖާއަކަށްވީ، ރަސްކަމުގެ ފަރާތުން އިންޑިޔާގެ އެހީއަކަށް އެދުމެވެ. އެއެހީ އައީ އިންޑިޔާގެ އަސްކަރީންގެ ސޫރައިގައެވެ. ދެން، 1950ވަނަ އަހަރު، އިންޑިޔާގެ މަހުމިއްޔާއަކަށް ސިއްކިމް ބަދަލުވެގެން ދިޔައެވެ. އެކަމުގެ އެއްބަސްވުމުގެ ނަތީޖާއަކަށްވީ ސިއްކިމްގެ ޚާރިޖިއްޔަތާއި އަދި އަސްކަރީ ބާރު، އިންޑިޔާގެ ބާރުގެ ދަށަށް ދިޔުމެވެ.

ދެން އައި ދުވަސްތަކުގައި، ސިއްކިމްއަކީ އިންޑިޔާގެ އިސްޓޭޓެއްކަމުގައި ހެދުމަށް އިންޑިޔާ ގަދައަޅައި މަސައްކަތްކުރިއެވެ. ނަމަވެސް، ސިއްކިމްގެ ރަސްކަމުގެ ފަރާތުން، މިކަން، ނުވެ ވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް، 70ގެ އަހަރުތަކުގެ ކުރީކޮޅު، އާންމުންގެ ބަޔަކު، ރަސްކަމާއި ދެކޮޅުވެރިވިއެވެ. ދެން، 1975ގައި އިންޑިޔާގެ ލަޝްކަރުގެ ބެލުމުގެ ދަށުން އާންމު ވޯޓެއް ނަގައި، ރަސްކަން އުވާލެވުނެވެ. އަދި، އެއަހަރުގެ މޭ މަހު، ސިއްކިމްއަކީ އިންޑިޔާގެ ބާވީސް ވަނަ އިސްޓޭޓުކަމުގައި ހަމަޖެހުނެވެ. ދެންމެ މިނަންގަތް އާންމު އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށްޓަކައި، އިންޑިޔާގެ ވިހި ހާހާއި ސާޅީސް ހާހާއި ދެމެދުގެ އަސްކަރީން ތިބިކަމަށް ބުނެވެއެވެ. ސިއްކިމްގެ އާބާދީއަކީ އޭރު، ދެލައްކަ މީހުންނެވެ.

މީގެ މާނައަކީ ސިއްކިމްގެ ކޮންމެ މީހަކަށް އިންޑިޔާގެ ފަހަކާއި ދިހައަކާއި ދެމެދުގެ އަސްކަރީން އެދުވަހު ތިބިކަމެވެ. އެހެންވީމާ، ވޯޓުގެ ނަތީޖާ 97.5% އިން، އިންޑިޔާ ބޭނުންވާ ގޮތަށް ނިމިގެން ދިޔުމަކީ ހައިރާންވާންވި ކަމެއް ނޫނެވެ. ކޮންމެ އަކަސް، މިކަމުން ވެސް ފެނިގެންދަނީ ތަނުގައި ސިޔާސީ ހަލަބޮލިކަން އުފެދި، ގައުމުގެ މަސްލަޙަތު އިސްކޮށްގެން، ތަނުގެ ސިޔާސީ ވެރިންނަށް އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ނުދެއްކޭ ނަމަ، ބޯކިބާ ހަމަހަމައަށް ބައިކުރަން، ކޯޅުނު ދެބުޅާ ވެގެން، މަކުނު ފަނޑިޔާރު ގެނައި ގޮތަށް، ބޭރުން އެފަދަ މަކުނު ފަނޑިޔާރުން ގެންނަން، ސިޔާސީ ވެރިން ފަސްނުޖެހޭނޭކަމެވެ. ސަބަބަކީ މިކަހަލަ ސިޔާސީ ވެރިންނަށް ފެންނަ އެންމެ ދުރުމިނަކީ އެމީހުންގެ ނޭފަތު ކުރިއެވެ. އެމީހުންގެ އަމިއްލަ މަސްލަހަތެވެ. މިގޮތަށް ކަންތައް ކުރުމުން، މަތީގައި ގެނެސް ދެވުނު މިސާލުތަކުން ފެންނަން އޮތް ފަދައިން، ގައުމުތައް ހަލާކުވެ، ނޫނީ ގެއްލި ނެތި ދަނީއެވެ.

މިއަދުގެ ރާއްޖޭގައި ހިނގަމުންދާ ބައެއް ކަންތައްތަކަށް ބަލާލާއިރު، ރާއްޖެ ވެސް މަކުނު ފަނޑިޔާރުގެ އިންސާފުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހިދާނެ ދުވަސް ވަރަށް އަވަހަށް އަތުވެދާނެއޭ ހީވެއެވެ. މިކަމުގެ މައްޗަށް ބަލައިލާމާ ހެއްޔެވެ؟

https://themaldivesreport.com/407

ބައްލަވާލައްވާ ލިންކް….

’ދަ މޯލްޑިވްސް ރިޕޯޓު‘ މިނޫހުގެ 2018ގެ ޑިސެމްބަރު 3ގެ އަދަދުގައި ’އަސްކަރީ ގާއިދާއެއް ނެތި އަސްކަރީ ގާއިދާއެއް: ދިވެހިރާއްޖެ، އިންޑިޔާގެ އަމިއްލަ ތަނަކަށް ހަދާލާނީ ކިހިނެއްކަން‘ މި ސުރުޚީގެ ދަށުގައި އިނގިރޭސި ބަހުން ލިޔެވިފައި އޮތް ރިޕޯޓެއްގައި ދިވެހިރާއްޖޭގެ މައްޗަށް އިންޑިޔާ ވެރިވެގަންނާނީ ކިހިނެއްކަން ލިޔެވިފައި އޮތެވެ. އެ ރިޕޯޓުގައި، ސ. ހިތަދޫގައި އަޅަމުންދާ ’އަސްކަރީ ގާއިދާގެ‘ ވާހަކަ ލިޔެވިފައި އޮތެވެ. އެ ރިޕޯޓުގައި ބުނާގޮތުން، މިތަނަކީ ކަމާ ބެހޭ ރަސްމީ އިދާރާތައް ބުނާގޮތުން ސިފައިން ނުވަތަ ފުލުހުން ތަމްރީނުކުރާ މަރުކަޒެކެވެ. އާދެ، އާންމުންގެ ލޮލަށް އެތަން ދެއްކިފައިވަނީ މިގޮތަށެވެ. އަދި، ރަސްމީ ފަރާތްތަކުން، މިތަނަކީ އަސްކަރީ ގާއިދާއެއް ނޫންކަމާއި، ރާއްޖޭގައި އަސްކަރީ ގާއިދާއެއް ހެދުމުގެ ހުއްދަ، ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ ވާހަކަވެސް، އެ ރިޕޯޓުގައި ބުނެފައި އޮތެވެ. މިތަނަށް، މިވަގުތު، ’އަސްކަރީ މަރުކަޒެކޭ‘ ކިޔައި، މިމަރުކަޒުގެ ހަގީގަތް ދެނެގަތުމަށް މަސައްކަތް ކޮށްލެވިދާނެއެވެ.

މިކަމުގެ ހަގީގަތް ދެނެގަތުމައްޓަކައި ކޮށްލަން ޖެހޭ ބައެއް ސުއާލެއް އެބަ ހުއްޓެވެ. މި އަސްކަރީ މަރުކަޒުގެ އަމުރުވެރި ފަރާތަކީ ކޮބާ ހެއްޔެވެ؟ އެތަން ބިނާކުރަނީ ކިހިނެއް، ކޮންބައެއް ހެއްޔެވެ؟ އާންމު، އެހެން މަޝްރޫއުތައް ވެސް ހިންގާލެވޭ ފަދައިން، އިމާރަތްކުރާ ކުންފުނިތަކަށް އިމާރަތްކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ހެއްޔެވެ؟ ކޮންމެ އަކަސް ތުންތުން މަތިން އިވޭ ވާހަކަތައް ގަބޫލުކުރާ ނަމަ، އެތަނަކީ ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫނެވެ. އެތަން އޮންނާނީ އިންޑިޔާގެ ސިފައިންގެ ބާރުގެ ދަށުގައެވެ. އެތާގައި މިހާރު ތިބީ، އަދި ފަހުން ތިބޭނީ، ކިހާ އަދަދެއްގެ އިންޑިޔާގެ ސިފައިންކަމެއް ނޭނގެއެވެ. އަދި އެތަން ބިނާކުރެވެނީ އެހެން މަޝްރޫއުތައް ހިންގާލެވޭ ގޮތަށް، ހުޅުވާލައިގެން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވިގެންނެއް ނޫނެވެ. މި އަޑުތައް ބުނާ ގޮތުގައި، އެކަން ކުރެވެނީ، ސީދާ އިންޑިޔާގެ ބެލުމުގެ ދަށުން، އިންޑިޔާއިންނެވެ. މި މަރުކަޒު، ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި އޮތް ތަނަކަށްވަނީ، ހަސަނަށް އޮޑިދެވި، ނަމަވެސް، އޮޑީގައި އަތްލުމުގެ ހުއްދަވެސް، ހަސަނަށް ނެތް ފަދައިންނެވެ. އެއްކަލަ ދެ ހެލިކޮޕްޓަރުގެ ވާހަކަ ހަނދާންކޮށްލާށެވެ!

India Military Maldives

ދެން، ފާހަގަކޮށްލެވޭ އަނެއްކަމަކީ، މި މަރުކަޒުގެ ސައިޒާ، އިމާރާތްތަކަށް ނަޒަރު ހިންގާލާއިރު، ބެލެވެނީ މިކަމަށް އެތައް އެތައް މިލިޔަން ޑޮލަރު ޚަރަދުވާނޭ ކަމެވެ. އަނެއްކާވެސް، އިވޭ އަޑުތަކަށް ބަރޯސާވާ ނަމަ، މި ޚަރަދުތައް ކުރަނީ އިންޑިޔާއިންނެވެ. އަދި، މިފަދަ، ސެންޓަރެއް ގާއިމުކުރުމުގެ ބަދަލެއްގެ ގޮތުގައި، އެއް ބިލިޔަން ޑޮލަރުގެ ’ލޯނު ގުރާންޓެއް‘ ރާއްޖެއަށް ދިން ވާހަކަ ވެސް ’ދަ މޯލްޑިވްސް ރިޕޯޓުގެ‘ ލިޔުމުގައި ބުނެފައި އޮތެވެ. މިފަދަ ބޮޑެތި ބޮޑެތި ޚަރަދުތައް އެއްވެސް ބަޔަކު، އެމީހުންގެ އަމިއްލަ ފައިދާއެއް ނެތި، މުޅިން އެހެން ބަޔަކު ތަމްރީނުކުރަން ކޮށްފާނެބާވައެވެ؟ މިކަމުގެ ޖަވާބުވެސް، އިވޭ އަޑުތަކުގެ މައްޗަށް ބުރަވާނަމަ ލިބިދާނެއެވެ. މި އަޑުތައް ބުނާގޮތުގައި، މިއަސްކަރީ މަރުކަޒާއި އަދި، ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުވެސް، އިންޑިޔާއަށް ސަތޭކަ އަހަރަށް ދިނުމަށް ނިންމިފައި ވެއެވެ. އާދެ، ރާއްޖޭގެ އެހެން ބިންތައް ވެސް ވިއްކަމުންދާ ހެން، މިތަން ވެސް ވިއްކާލެވުނީއެވެ.

ދެން އަޅުގަނޑުމެންގެ ހުރިހާ ރައީސުންގެ ރައީސް އަނެއްކާ ވެސް ވިދާޅުވެދާނެއެވެ. ’އެތަން ހިފައިގެން އެމީހުންނަށް ދެވިދާނެ ހެއްޔެވެ؟‘ މި ސުއާލަށް ދޭން ޖެހޭ ޖަވާބަކީ ނޫނެކެވެ. ނުދެވޭނެއެވެ. ނަމަވެސް، ދެ ހެލިކޮޕްޓަރު ބަލަހައްޓަން ތިބި ދެތިން އިންޑިޔާގެ ސިފައިން ދިވެހި ސަރުކާރަށް ނުބޭލުނުއިރު، އަސްކަރީ ބޮޑު މަރުކަޒެއްގައި ގާއިމުވެ ތިބޭ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ސިފައިން ދިވެހިންނަށް ފަސޭހަކަމާއެކު ބޭލިދާނެ ހެއްޔެވެ؟ އަދި، ބިނާކުރެވެމުން ދަނީ އެންމެ އިންޑިޔާގެ އެންމެ އަސްކަރީ މަރުކަޒެއް ނޫނެވެ. ސ.ހިތަދޫގައި ބިނާކުރެވޭ މި މަރުކަޒުގެ އިތުރުން، ލާމު އަތޮޅުގައި ވެސް، މަރުކަޒެއް އަޅަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

https://www.facebook.com/watch/?v=10156326263205798

ބައްލަވާލައްވާ ލިންކް…

ދެން އުފެދޭ ސުވާލަކީ، މިހާ ބޮޑެތި ޚަރަދުތައްކޮށްގެން ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުގައި އަސްކަރި މަރުކަޒުތައް އެޅުމުގެ ބޭނުމަކީ ހަމަ ދިވެހި ސިފައިންނާއި ފުލުހުން ތަމްރީނުކުރުން ހެއްޔެވެ؟ މިގޮތަށް ތަމްރީނު ކުރެވޭ ސިފައިން ތިބޭނޭ ކޮންބަޔެއްގެ ބާރުގެ ދަށުގައިބާވައެވެ؟ އުރުދުންގެ ސިފައިން، އިނގިރޭސިން ތަމްރީނުކުރިއެވެ. މުސްތަގިއްލު ދައުލަތެއްގެ ސިފައިގައި އުރުދުން އޮތް އިރުވެސް، އުރުދުންގެ ލަޝްކަރު އޮތީ އިނގިރޭސީންގެ އަމުރުވެރިކަމުގެ ދަށުގައެވެ. ހަމަ މިމަންޒަރު، އިންޑިޔާގެ ބައްރު ބައިކުރެވި، އިންޑިޔާއާއި ޕާކިސްތާނު އުފެދިގެން ދިޔަ ދުވަސްވަރު، ޕާކިސްތާނުގެ ލަޝްކަރުގެ ކޮންޓުރޯލުވެސް އޮތީ އިނގިރޭސިންގެ އަތްދަށުގައި ކަމުގައި ބުނެވެއެވެ. ޚުދް، ބޫޓާން ފަދަ އިންޑިޔާގެ ބައެއް އަވައްޓެރި ގައުމުތައް ވަނީ، އަސްކަރީގޮތުން އިންޑިޔާގެ ބާރުގެ ދަށަށް ގެނެވިފައެވެ. ކޮންމެ އަކަސް، މިނަންގަތް ކަންކަމުގެ އަލީގައި މައްސަލައިގެ މައްޗަށް ބަލާލާއިރު، ބޫޓާންއަށް ދިމާވި ގޮތަށް އަސްކަރީ މިނިވަންކަން ގެއްލި ހިނގައިދާނެއެވެ؟ އަޅުގަނޑުމެންގެ ރައީސުންގެ ރައީސް، ކެނޑިނޭޅި އަޅުގަނޑުމެންގެ އަމަންއާއްމު ބަލަހައްޓާ މުއައްސަސާތައް ބަދުނާމުކޮށް، އެތަންތަނުގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ، އިންޑިޔާގެ ބާރުގެ ދަށަށް މިތަންތަން ގެންދިޔުމަށްޓަކައި މަގުފަހިކުރުމެއް ނޫން ބާވައޭވެސް ހިތަށް އަރައެވެ.

ނުނިމޭ ….

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް