އެއްއަހަރު ކުރިއާ އަޅައި ބަލާއިރު މިހާރު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ރައީސް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

މީގެ އެއްއަހަރު ކުރީން ރާއްޖޭގެ ހާލަތު އޮތް ގޮތާ ބަލާއިރު މިހާރު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ތަގުދީރުގެ ނިޔާގެ މަތީން ކަންކަން ބަދަލުވެ ފުރޮޅިގެންދިޔައީ ތަދުބީރުކުރި ރޭވުމާ މުޅީން އެއްގޮތަކަށް ނޫންކަމަށެވެ.

”ގައުމުގެ ހުރިހާކަމެއް ހުއްޓި، ދިރިއުޅުމުގެ އާއްމު ހާލަތު މިވަނީ މުޅީން ބަދަލުވެފައި. ގައުމުގެ އިގުތިސާދު މިއޮތީ، ވަރަށް ފުން ވަޅުގަނޑެއްގެ ތެރޭގައި.“ ރައީސް ވިދާޅުވިއެވެ. ”މިހާލަތަށް ކަންތައް ދިޔައީ 2020ގެ ކުރީކޮޅުން ފެށިގެން މުޅިދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން.“

ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކޯވިޑް-19 ފެތުރެންފެށުމާއެކު ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، އެންމެހާ ދިވެހީންނާއި ރާއްޖޭގައި އުޅޭ އެންމެހާ މީހުން ބަލިން ރައްކާތެރިކުރުމެވެ.

ރިޔާސީ ބަޔާނުގައި ފާއިތުވި އަހަރު ކޯވިޑް-19ގެ ކަންތައް ދިޔަ ގޮތާއި އެކަމާގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކާ ބެހޭ ގޮތުން ވަރަށް ދިގުކޮށް ރައީސް ވާހަކަފުޅުދެއްކެވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ކޯވިޑްގެ ދަތިތަކަށްފަހު ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދުރާސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ އަދި އާއްމު އުސޫލުން ދަތުރުފަތުރުތައް ފެށޭނީވެސް ރާއްޖޭގެ ވިހާ ގިނަ ބަޔަކު ވެކްސިން ޖަހައި މިބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެންނެވެ.

ކޯވިޑް-19ގެ ސަބަބުން ނިސްބަތުން އިގުތިސާދީގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމަކީ ދިވެހިރާއްޖެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އިގުތިސާދު ހީނަރުވެގެންދިއުމުން މުއައްޒިފުންނަށް މުސާރަދިނުމާއި ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި ބިލުތައް ދައްކާނެގޮތާމެދު ވިޔަފާރިވެރިންނާއި އާއްމުން ކަންބޮޑުވެ ހާސްވާނެ މިންވަރު ވަޒަންކުރެވޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންތައްތަކުން އަރައިގަތުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތައް ހާމަކުރެއްވިއެވެ.

ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، ސަރުކާރުގެ ރިލީފް ޕެކޭޖުގެތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން ދިވެހީންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުޠުކޮށް ބޮޑެތި ވިޔަފާރިތައް ވެސް ހިމެނޭގޮތަށް އެއްބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހައުސިން ލޯނުތައް އަދާކުރުމަށް ލުއިދީ، މަތީ ތައުލީމަށް ދޫކޮށްފައިވާ ލޯނުތައް ވެސް ފަސްކޮށްދީފައިވާނެ ކަމަށާއި އޭގެ އިތުރަށް ޓުއަރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ވެސް ފަސްކޮށްދެއްވިކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ ނާދެވިފައި 15 ގައުމެއްގައި ތިބި މީހުން ރާއްޖެ ގެނައި ވާހަކަ ވެސް ވިދާޅުވިއެވެ. ހަމައެޔާއެކު ކޯވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޑިސެމްބަރުގެ ނިޔަލަށް 17147 މީހުންނަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަހަރުގެތެރޭގައި ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް 400 ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށާއި އެދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެކަމަށް ވެސް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ.

ކޯވިޑްގެތެރޭގައި އިގުތިސާދީ ހަރަކާތްތައް ހުއްޓުމާ ގުޅިގެން ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދިނެވެ. އެހެންވެ ކޮވިޑްގެ ޚަރަދުތަކާއެކު މިދިޔަ އަހަރު ހިނގި ޖުމުލަ ޚަރަދަކީ ރައީސް ވިދާޅުވި ގޮތުގައި 28.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަކީ 37.9 ބިލިއަން ރުފިޔާއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި ވަޒީފާއަށް އަސަރުކުރި މީހުންނަށް ހާލުގައި ނުޖެހި ދިރިއުޅެވޭނެ ގޮތައް ހޯދައިދިނުމަށާއި އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ކަރަންޓާއި ފެންބިލުތަކުން 117 މިލިއަން ރުފިޔާގެ ބޮޑު އަދަދެއް ކަނޑާދިންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާނުގައި ވިދާޅުވިގޮތުގައި ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތު ކުރުމަށް 1-2 އަހަރާ ދެމެދުގެ މުއްދަތެއްނަގާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް