އުނދަގޫ އަހަރަކަށް ފަހު ދެން އޮތީ ތަރަައްގީ: ރައީސް

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އިން އަރައިގަނެ، ގައުމު އަލުން އާރާސްތުކުރަން އެކި ދާއިރާތަކުން އިސްކަންދޭނެ ތަރުތީބާ އެކު ރައްޔިތުންގެ ހާލަތު ރަނގަޅުވެ، މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ މުޅި ދުނިޔެ ހުއްޓުވާލި ކޮރޯނާވައިރަހުގެ ބަލިމަޑުކަން ރާއްޖެ ވަށާލައި ގައުމުގެ އާއްމު ހާލަތު ބަދަލުވެ، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެއާ އެކު މިދިޔަ އަހަރަށް އިސްކަންދޭން ކަނޑައެޅި ތަރުތީބުތައް ބަދަލުކޮށް ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ ބަލިން ރައްޔިތުން ރައްކާތެރިކުރަން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ފިޔަވަޅުތައް އަޅަން ޖެހުނީ އޭގެ ނަތީޖާ އެނގި ތިބެ އެވެ. ރާއްޖޭގެ އިގްތިސާދީ މައި ދޮރޯށި ބަންދުކުރަން ޖެހުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ކޮވިޑާ ހެދި އިގްތިސާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ވެސް ރާއްޖެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިސްކަން ދެއްވީ ބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިއްހީ ނިޒާމުގެ ގާބިލްކަން އިތުރުކުރަން ކަމަށާއި ދުވާލަކު 5،600 ޓެސްޓް ހެދުމުގެ އިންތިޒާމާ އެކު އެ ބަލިން ރައްކާތެރިވުމުގައި ކުރިއެރުންތަކެއް ރާއްޖެ ހޯދި ކަމަށް ވެސް ވިދާޅުވި އެވެ.

މި މަސައްކަތުގައި ސިއްހީ ޚިދުމަތްތެރިން ކުރި ބުރަ މަސައްކަތާއި ރައްޔިތުން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާ އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމާ އެކު ސަރުކާރުގެ މިހާރު އަމާޒަކީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ވެކްސިން ދީ ނިންމުން ކަމަށެވެ.

”އެކަމުގައި މިއަދާ ހަމައަށް ކުރެވުނު މަސައްކަތުން އަޅުގަނޑުމެންނަށް މިވަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައި،“ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑާ ހެދި އިގްތިސާދު ހީނަރުވުމުން ވަޒީފާތައް ގެއްލި، ދިރިއުޅޭ ތަނުގެ ކުއްޔާއި ބިލްތައް ނުދެއްކުމާއި މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ އިތުރަށް ވިޔަފާރިތަކަށް އެރި ލޮޅުމުން ކުރިމަތިވި ކަންބޮޑުވުމާއި ހާސްކަން އެމަނިކުފާނަށް ވެސް ވަޒަންކުރެއްވުނެވެ. އެގޮތަށް ރައްޔިތުން ދޫކޮށްލި ނަމަ ގައުމަށް ކުރިމަތިވާނެ ގެއްލުން ވެސް ސަރުކާރަށް އަންދާޒާ ކުރެއްވުނު ކަމަށް ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް